ފެން ބޮޑުވުން

ވިއްސާރާގައި ވިލިނގިލީގެ ގޭގެއަށް ވެސް ގެއްލުން ވެއްޖެ

Sep 1, 2016

މޫސުން ގޯސްވެ ރާއްޖޭގެ އެކިކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގއ. ވިލިނގިލީގެ ގެތަކަށްވެސް ފެންވަދެ ގެއްލުންތަކެއް ލިބިއްޖެ އެވެ.

ވިލިގިލީ ކައުންސިލުން ބުނީ މެދުނުކެނޑި ބޯކޮަށް ވާރޭވެހުމުގެ ސަބަބުން ރަށުގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަމުންދާ ކަމަށެވެ. ރަށުން ފެންގަނޑު ހިންދަން ތިން ސަރަހައްދަކުން މޫދަށް ކޯރު ކަނޑައިގެން ފެންގަނޑު ހިންދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގެތަކަށް ފެން ވަނުން ހުއްޓުވުމަށް އެމްއާރްޑީސީ އާ ފުލުހުން ކައުންސިލް އިދާރާ އާ ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ.

ކައުންސިލުން ބުނީ މިހާތަނަށް 12 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ބައެއް ގެތަކަށް ދެއެއް ނުވަތަ ތިން ފޫޓަށް ފެންގަނޑު ހުރި އިރު ހަތަރު އިންޗިއަށްވުރެ ބޮޑަށްވެސް ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ.

ފެން ވަނުމުގެ ސަބަބުން ހިފާގެންގުޅޭ ބައެއް ތަކެއްޗާއި ފަރުނީޗަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.