ގދ. ތިނަދޫ

ތިނަދޫ ސްޓޯމްވޯޓާ މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް އެމްއާރްޑީސީއަށް

Sep 1, 2016

ގދ. ތިނަދޫ ސްޓޯމްވޯޓާ މެނޭޖްމަންޓް ޕްރޮޖެކްޓްކޮންޓްރެކްޓްގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

މި ކޮންޓްރެކްޓް އެކުންފުންޏާ ހަވާލު ކުރީ 37,925,762.33ރ. އަށެވެ. ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ޖެހެނީ އަށް މަސް ދުވަހުގެ ތެރޭގަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންޓްރެކްޓް އެއްބަސްވުމުގައި އެމްއާރްޑީސީން ސޮއި ކުރީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހެވެ. އެނާޖީ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

މިނިސްޓްރީން މިއަދު ބުނީ ތިނަދޫގެ މި މަޝްރޫޢު ނިމޭއިރު އެ ރަށަށް މިހާރު ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށައި މިމަޝްރޫޢުގެ ދަށުން ސައިޑްވޯކްސްތަކުގެ ދަށުގައި އިންސްޓޯލްކުރެވޭ އަކުއާ ސެލްސްތަކުން ވިއްސާރަ މޫސުމުގައި ވެހޭ ވާރޭ ފެނުގެ 2000 ކޮޑިމީޓަރު ރައްކާކުރެވޭނެ ކަމަށެވެ. އަދި އެފެން ބިމުގެ ފެންފަށަލައަށް ފޭދުމުން ރަށުގެ ފެންފަށަލަ ދެމެހެއްޓެނިވި ގޮތަކަށް އިއާދަކޮށްދޭނެ ކަމަށެވެ. ވާރޭ ވެހެމުންދާއިރު މިސެލްތައް ފުރުމުން އިތުރުވާ ފެންތައް ޕަންޕްގެ ނިޒާމުން ރަށުން ބޭރުކޮށްދެ އެވެ.