ވ. ރަކީދޫ، މުހައްމަދު އިބްތިހާލްގެ މޭ ކަށިގަނޑުގައި ރެނދުލައި އޭނާގެ ހަށިގަނޑުގެ އެތައް ތަނެއްގައި ގިނަ ޒަހަމްތަކެއް ލިބިފައިހުރި ކަމަށް މިއަދު ދައުލަތުން ކުރިމިނަލް ކޯޓުގައި ބުނެފި އެވެ. އިބްތިހާލުގެ މަރުގެ މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ވަނީ ކުއްޖަކު މެރުމުގެ ދައުވާ އުފުލާފަ އެވެ.
ގިނަ ދުވަސްތަކެއްވެފައިވާ މި މައްސަލާގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އާފިޔާއަށް ވަކީލަކު ހަމަޖައްސައިދިނުމަށް ޝަރީއަތުން ފުރުސަތު ދެއްވުމަށް އެދިފަ އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ، ކުރީގެ މަޖިލީހުގައި ވަކީލަކު ބޭނުންނުވާ ކަމަށް އާފިޔާ ބުނެފައިވީ ނަމަވެސް މިހާރު އާފިޔާ ވަކީލަކު ބޭނުން ކަމަށް ބުނެފައިވާ ކަމަށެވެ.
ދައުލަތުން އެހެން ބުނެފައިވީ ނަމަވެސް މައްސަލަ ބައްލަވާ ގާޒީ، މުހުތާޒު ފަހުމީ ވަކީލަކު ބޭނުންވޭތޯ މިއަދު ސުވާލުކުރެއްވުމުން އާފިޔާ ބުނީ، ވަކީލަކު ބޭނުން ނުވާ ކަމަށެވެ. އެހެން އާފިޔާ ބުނުމުން ގާޒީ ވަނީ އެ ހައްގަކީ އާފިޔާގެ ހައްގެއް ކަމަށާއި އެ ހައްގު އޭނާ ދޫކޮށްލާނަމަ ގަދަކަމުން އެ ހައްގު ނުދެވޭނެ ކަމަށެވެ.
ވަކީލަކު ބޭނުން ނޫން ކަމަށް އާފިޔާ ބުނުމުން، ޝަރީއަތުން ވަނީ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅަން ދައުލަތަށް ފުރުސަތު ދީފަ އެވެ. ހެކީގެ ގޮތުގައި ދައުލަތުން ވަނީ 13 މީހެއްގެ ނަން ހުށަހަޅާފަ އެވެ. އެ އެންމެންނަކީ ވެސް އާފިޔާ ދަންނަ އާފިޔާގެ ރަށް، ރަކީދޫގެ މީހުންނެވެ.
މީގެ އިތުރުން ދައުލަތުން ވަނީ އާފިޔާ މުއްދަތު މަޖިލީހުގައި ދީފައިވާ ބަޔާނާއި ތަހުގީގަށް ދީފައިވާ ބަޔާނާއި ސީން އޮފް ކްރިމް ރިޕޯޓާއި އެ ތައްޔާރުކުރި ފަރާތާއި ރަކީދޫ ހޮސްޕިޓަލްގެ ލިޔުމަކާއި އައިޖީއެމްއެޗްގެ ލިޔުމަކާއި ސީޓީ ސްކޭން ރިޕޯޓާއި އާފިޔާގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓު ހުށަހަޅާފަ އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ، އިބްތިހާލުގެ ސީޓީ ސްކޭން ރިޕޯޓުން ދައްކާ ގޮތުގައި އިބްތިހާލުގެ މެއިގެ ކަށިތަކުގައި ރެނދުލައިފައިވެ އެވެ. އަދި އަތުން އިހުސާސްކުރެވޭ ފްރެކްޗާއެއް މެއި ކަށިގަނޑުގައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އިބްތިހާލުގެ ކަންފަތާއި ކުރިމަތި ފަރާތް ވަރަށް ބޮޑަށް ދުޅަވެ، އަނގަޔަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަން ރިޕޯޓްތަކުން އެނގޭ ކަމަށް ވަކީލާ ވިދާޅުވި އެވެ. އިބްތިހާލުގެ ހަށިގަނޑުގައި ގިނަ ލަކުނުތަކެއްހުރިކަން ވެސް ވަކީލާ ފާހަގަކުރި އެވެ. އަދި އިބްތިހާލުގެ ބޮލަށް ވެސް އަނިޔާވެފައިހުރި ކަމަށް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ލިޔުމުން އެނގޭ ގޮތުގައި އިބްތިހާލުގެ އަނގައިގެ ހިރުގަނޑު ކަނޑައިގެން ގޮސް، ތުންފަތުގައި ވެސް ނިޔަފަތި އަޅާފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި ނިޔަފަތި އަޅާފައިހުރި ތަންތަނަށް ލޭ އަރާފައިހުރި ކަމަށެވެ.
އާފިޔާ ތަހުގީގަށް ދިން ބަޔާން އިއްވުމަށް ގާޒީ މިއަދު ދައުލަތަށް އެންގި އެވެ. އެ ބަޔާނުގައި އާފިޔާ ބުނެފައިވަނީ އޭނާ އިބްތިހާލަށް ވަރަށް ބޮޑަށް އަނިޔާ ކުރުމަށްފަހު، ގެއިން ބޭރަށް ގޮސް އައިއިރު އިބްތިހާލު އޮތީ ހޭނެތިފަ ކަމަށެވެ. އެހެންވެ، އަވަށްޓެރިންގެ ލަފާ ހޯދުމަށްފަހު އިބްތިހާލު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ދިޔަތަނާ އާފިޔާ ވެސް ހޭނެތުނު ކަމަށެވެ. އަދި އާފިޔާ ބުނެފައިވަނީ "ހޭއެރުމުން އަހަރެންގެ މުހައްމަދު އިބްތިހާލު މަރުވިކަން އެނގުނު،" ކަމަށެވެ.
އިބްތިހާލްގެ ދެކެ އަބަދުވެސް އާފިޔާ ވަރަށް ރުޅި އަންނަ ކަމަށާއި އޭނާ ފެނުނަސް ރުޅި އަންނަ ކަމަށް އާފިޔާ ވަނީ ބުނެފަ އެވެ. އަދި އިބްތިހާލް ދެކެ ރުޅި އަންނަނީ އެއީ ބައްޕަ ނެތް ކުއްޖެއް ކަމަށްވާތީ ކަމަށް ވެސް އާފިޔާ ވަނީ ބުނެފަ އެވެ.
އެ ބަޔާނާ ގުޅޭ ގޮތުން ގާޒީ އާފިޔާއާ ސުވާލުކުރި އެވެ. އެއީ ތެދު ބަޔާނެއްތޯ ސުވާލުކުރުމުން އާފިޔާ ބުނީ، އެއީ ތެދު ބަޔާނެއް ކަމަށެވެ. އަދި އިބްތިހާލަކީ ބައްޕަ ނެތް ކުއްޖެއްތޯ ގާޒީ ސުވާލުކުރުން އާފިޔާ ބުނީ، "ބައްޕަ ނެތް ކުއްޖެއް،" ކަމަށް އެހެނެވެ.
ގާޒީ ވަނީ ތަހުގީގަށް އާފިޔާ ދިން ބަޔާން އިއްވުމަށް ދައުލަތަށް އަންގާފަ އެވެ. އެ ބަޔާނުގައި އާފިޔާގެ ހަޔާތުގެ ގިނަ ވާހަކަތަކެއް އެކުލެވޭތީ ބަޔާނުން އިއްވީ އެއް ބައެވެ. އެ ބަޔާނުގައި އާފިޔާ ވަނީ އިބްތިހާލަށް އެ ދުވަހު އޭނާ ކުރި އަނިޔާތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
އާފިޔާ ކިޔައިދީފައިވާ ގޮތުގައި އެ ދުވަހު އިންތިހާލު ބޯ ދަށަށް ބާލީހެއް ލައިގެން ތަޅުންމަތީ ނިދާފައި އޮތްވާ، އޭނާގެ ކޮނޑުގައި ހިފާ ކުޑަކަކޫ މައްޗަށް ޖަހާ، އިބްތިހާލުގެ ކަރުގައި ހިފާ ނޭވާ ހާސްކުރުމަށް މަސައްކަތްކުރި އެވެ. އަދި ކަރުގައި ވަރަށް ބާރަށް ހިފާ ކަރަށް ފިއްތާފައިވެ އެވެ. ކަރުގެ ހިފިލެއް ބާރުކަމުން އިބްތިހާލުގެ އަނގައިން ލޭ އައި ކަމަށް ވެސް އާފިޔާ ބުނެފައިވެ އެވެ.
"އެވަގުތު އިބްތިހާލު ވަރަށް މަޑުމަޑުން މަންމާއޭ ކިޔާ ގޮވާލި،" އާފިޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.
އާފިޔާގެ ދެ ފަޔަށް ވާންވެ އޭނާ ވެއްޓުމުން އާފިޔާގެ ދަށް ފައިން އިބްތިހާލުގެ މޭ މަތީގައި ބާރަށް ތިން ފަހަރު ކޮޅުފައިން ޖެހި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އިބްތިހާލުގެ ދަށްދޮޅީގައި އާފިޔާގެ ކަނާއަތުން ވަރަށް ބާރަށް ޖެހި ކަމަށް ވެސް އާފިޔާ ބަޔާނުގައި ބުނެފައިވެ އެވެ. އާފިޔާ ގެއިން ނިކުމެގެން ދިޔައިރު އިބްތިހާލު ކުކުރަމުން ދިޔަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ބަޔާން އިއްވުމުން މިއީ ތެދު ވާހަކަތަކެއްތޯ ގާޒީ، އާފިޔާއާ ސުވާލުކުރެއްވި އެވެ. އާފިޔާ ބުނީ އެއީ ތެދު ބަޔާނެއް ކަމަށެވެ.
ގާޒީ ވަނީ އާފިޔާގެ އާއިލާ ގުޅޭ ގޮތުން ވެސް ސުވާލުކުރައްވާފަ އެވެ. އިބްތިހާލުގެ ބައްޕަ ނެތް ކަމަށް އާފިޔާ ބުނުމުން އިބްތިހާލުގެ ކާފަ އާއި މަންމަ ދުނިޔޭގައި ތިބިތޯ ސުވާލުކުރެއްވި އެވެ. އާފިޔާ ބުނީ، ބައްޕަ މަރުވެފައިވާ ކަމަށާއި މަންމަ ދުނިޔޭގައި އެބަހުރި ކަމަށެވެ. އަދި ދޮން ބައްޕައެއް ވެސް އެބަހުރި ކަމަށެވެ.
އާފިޔާގެ ދޮން ބައްޕައަށް ވަނީ ދައުވާކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވަނީ އިތުބާރުހުރި މަގާމެއްގައި ހުރެ ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އެވެ. އެ މައްސަލާގައި ޝަރީއަތް ވަނީއާ ސިއްރުކޮށްފަ އެވެ.