ފަތުރުވެރިންނަށް ރާއްޖޭން ލިބެންހުރި ބޭސްފަރުވާގެ ހިދުމަތްތައް ކިޔައިދީ، އަވަށްޓެރި ގައުމުތަކުން ލިބެންހުރި ބޭސްފަރުވާގެ އެންމެ ފުރިހަމަ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށް އެމްވީ މެޑިކަލްސް އާއި މެޑްލައިފް އެޝިއާ ގުޅިގެން އެކްޕޯއެއް ބާއްވަން ނިންމައިފި އެވެ.
އެމްވީ މެޑިކަލްސް އަކީ އަވަށްޓެރި ގައުމުތަކުގެ ސިއްހީ ހިދުމަތްތައް ލިބޭނެ ގޮތްތަކާއި ހިދުމަތް ހޯދަން އަމަލުކުރަންޖެހޭ ގައިޑްލައިންތައް ބުނެދީ އެހީ ފޯރުކޮށްދިނުންފަދަ ކަންކަން ކުރާ އަމިއްލަ ކުންފުންޏެކެވެ.
އަންނަ ނޮވެންބަރު މަހުގެ 24 ،25 އަދި 26 ގައި ބާއްވަން ނިންމާފައިވާ އެކްސްޕޯއާ ބެހޭގޮތުން އެމްވީ މެޑިކަލްސްގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖާ އަބްދުލް ޖަލީލް ހުސައިން ވިދާޅުވީ، އެކްސްޕޯގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާ ހިދުމަތްތައް ދެވޭނެ ގޮތަށް ވިޔަފާރިތައް އަހުލުވެރިކުރުމާއި އެފަދަ ހިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް އަންގައިދިނުން ކަމަށެވެ.
އަދި ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން ދޭ ރަނގަޅު ހިދުމަތްތައް އިޝްތިހާރުކޮށްދީ، ރާއްޖޭގައި ވެސް މެޑިކަލް ޓޫރިޒަމްގެ ރަނގަޅު މާހައުލެއް ގާއިމްކުރުމަށް މަސައްކަތްކުރުން ކަމަށެވެ.
"މި އެކްސްޕޯ ވެގެންދާނީ ރާއްޖެއާ ރާއްޖޭން ބޭރުގެ ފަރާތްތަކަށް އެފަރާތްތަކުން ދޭ ސިއްހީ ހިދުމަތާއި ވިއްކާ ޕްރޮޑަކްޓް ތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭން ލިބޭ އަގުހުރި ފުރުސަތަކަށް،" ޖަލީލް ވިދާޅުވި އެވެ.
އެސްޕޯ 21 ސްޓޯލާއެލު ބާއްވަނީ ނެޝަނަލް އާޓް ގެލެރީގަ އެވެ. ސްޓޯލްތަކުގެ ތެރޭގައި ރާއްޖެ، އިންޑިއާ އަދި ލަންކާގެ ސްޓޯލްތައް ހިމެނޭއިރު މެލޭޝިއާ އާއި ސިންގަޕޫރުގެ ހޮސްޕިޓަލްތައް ވެސް އެކްސްޕޯގައި ބައިވެރިކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްވީ މެޑިކަލްސް އިން ބުނީ، ރާއްޖޭގައި ހުރި ބޮޑެތި ހޮސްޕިޓަލްތަކަށް ވެސް އެކްސްޕޯގައި ބައިވެރިވުމަށް މިހާރު ދައުވަތު ދީފައިވާ ކަމަށާއި، އިންޑިއާ ލަންކާއިން ވެސް ރަނގަޅު ފަރުވާދޭ ހޮސްޕިޓަލްތައް ފެއާގައި ބައިވެރިވާނެ ކަމަަށެވެ.