ބޮލީވުޑް

ރަންބީރާއި އައިޝްވާރިޔާގެ ގައިގޯޅި މަންޒަރުތަކާ އެކު އަމީތާބް ރަތަށް!

Sep 2, 2016
1

ޑައިރެކްޓަރު ކަރަން ޖޯހަރު ހަތަރު އަހަރު ފަހުން އުފެއްދި އުންމީދީ ލޯބީގެ ފިލްމު، "އެއި ދިލްހޭ މުޝްކިލް" ގެ ޓީޒާ އަންގާރަ ދުވަހު އާންމުކޮށްފައިވާއިރު މިފިލްމަށް ތައުރީފު ނޫން އެއްޗެއް ނޮއޮހެ އެވެ.

ބޮލީވުޑްގައި އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކައަށް މިފިލްމުގެ ޓީޒާ ވެގެން ގޮސްފައިވާއިރު، ގިނަބައެއްގެ ސަމާލުކަން އަތުލާފައިވަނީ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ މީގެކުރިން ފެނިގެން ގޮސްފައިނުވާ ފަދަ ގައިގޯޅި މަންޒަރުތަކަކުން ރަންބީރު ކަޕޫރާއެކު ފެނިގެން ގޮސްފައިވާތީ އެވެ.

އައިޝްވާރިޔާ އާއި ރަންބީރުގެ ގައިގޯޅި މަންޒަރުތަކެއް މިފިލްމުގައި ފެނިގެންދާނެ ކަމުގެ ވާހަކަތަކެއް މީގެކުރިން ދެކެވުނު ނަމަވެސް ފިލްމުގެ ޓީޒާ ރިލީޒްވުމާ ހަމައަށް އެކަން އޮތީ ޔަގީންނުވެފަ އެވެ.

އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މިފިލްމުގައި އައިޝްވާރިޔާ އާއި ރަންބީރުގެ ގައިގޯޅި މަންޒަރުތަކެއް ހިމެނޭތީ އެކަމާ އައިޝްވާރިޔާ ދެކެ ބަފައިގެ އަދި މެގަސްޓާ އަމީތާބް ބައްޗަން ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އެގޮތުން އަމީތާބް ވަނީ މިފިލްމުގައި ހިމެނޭ ރަންބީރާއި އައިޝްވާރިޔާ ކިސްކުރާ މަންޒަރު ފިލްމުގެ ޑައިރެކްޓަރު ކަރަންއާ ބައްދަލުކޮށް ފިލްމުން އުނިކުރުވާފަ އެވެ.

މިމަންޒަރު ފިލްމުން އުނިކުރި ނަމަވެސް މިދެތަރިންގެ ގައިގޯޅި މަންޒަރުތައް ފިލްމުގެ ޓީޒާ ނެރުނުއިރު އުނިކޮށްފައިނުވާތީ އަމީތާބް ހުރީ އިންތިހާއަށް އައިޝްވާރިޔާ ދެކެ ރުޅިގަދަވެފަ އެވެ.

ބައްޗަން އާއިލާގެ ދަނބިދަރިޔަކު އެހެން އެކްޓަރަކާ އެކު މާގައިގޯޅި މަންޒަރުތަކެއް ފިލްމެއްގައި ކުޅުމަކީ އަމީތާބް ގަޔަވާ ކަމަކަށްނުވާއިރު، މިފިލްމުގައި ޓީޒާގައި އައިޝްވާރިޔާ އާއި ރަންބީރުގެ ކެމިސްޓްރީ ފެނި އެއާއިލާ ތިބީ ހައިރާންވެފައި ކަމަށްވެ އެވެ.

މިފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އެންމެފުރަތަމަ މިމަންޒަރުތައް ޝޫޓްކުރިއިރުވެސް މިފަދަ މައްސަލަތަކެއް އަތުވެދާނެކަމަށް އެމީހުންނަށް އޮތީ ހީވެފަ އެވެ. ނަމަވެސް ފިލްމުގެ ސްކްރިޕްޓް އައިޝްވާރިޔާ އާއި ރަންބީރަށް ކިޔައިދިންއިރު، އެފަދަ މަންޒަރުތަކެއް ކުޅެން އެދެމީހުންގެ އެއްވެސް އިއުތިރާޒެއް ނެތުމުން ފިލްމުގެ ޑައިރެކްޓަރަށް ހީވެފައި އޮތީ އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށެވެ.

ނަމަވެސް އެހާ ހިލާފަށް ފިލްމުގެ ޓީޒާ ރިލީޒްވުމުން ބައްޗަން އާއިލާއިން އެމަންޒަރުތައް އުނިކުރުމަށް ކަރަންކުރެން އެދެމުން އަންނަ ކަމަށްވެ އެވެ.

އައިޝްވާރިޔާގެ މިމަންޒަރުތަކުން އަމީތާބް އާއި ފިރިމީހާ އަބީޝެކް ބައްޗަން އޭނާގެ ހިތްހަމަނުޖެހިފައިވާ ވަރަކީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އައިޝްވާރިޔާ ކުޅުނު ދެފިލްމު ކަމަށްވާ "ޖަޒްބާ" އާއި "ސަރަބްޖިތް" ގެ ޕޯސްޓަރާއި ޓްރެއިލާ ސޯޝަލް މީޑިއާގައި ޝެއާކޮށް ފިލްމު ޕްރޮމޯޓްކުރަން މަސައްކަތް ކޮށްފައިވާއިރު، މިހާތަނަށްވެސް މިފިލްމުގެ ޕޯސްޓަރެއްވެސް އަދި ޓީޒާވެސް ޝެއާކޮށްފައިނުވެ އެވެ.

ބޮލީވުޑްގެ ގިނަ އެކްޓަރުންތައް މިފިލްމުގެ ލަވަ އާއި ޓީޒާ އަދި ތަރިންނަށް ޓްވިޓާގައި ތައުރީފުކުރަމުން އަންނައިރު، އަމީތާބް މިފިލްމުގެ އެއްވެސް ވާހަކައެއް ނުދައްކައި ހަމަހިމޭނުން ހުންނާނީ އޭނާ އައިޝްވާރިޔާ ދެކެ ހިތްހަމަނުޖެހިފައިވާލެއް ބޮޑުކަމުން ކަން އިނގެ އެވެ.

ރަންބީރު އާއި އައިޝްވާރިޔާ ލޯބިވެރިންގެ ރޯލުން ފެނިގެންދާއިރު ރަންބީރު، 33 އައިޝްވާރިޔާ އަށް ވުރެން ނުވަ އަހަރު ހަނގެވެ. މިދެތަރިންގެ ޖޯޑަކީ މިއަހަރު ފެނިގެންދާނެ އެންމެ ތަފާތު ޖޯޑުކަން ޔަގީނެވެ.

ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްފާފައިވާ މިފިލްމުގެ ލީޑްރޯލުން އައިޝްވާރިޔާ އާއި ރަންބީރުގެ އިތުރުން އަނުޝްކާ ޝަރްމާ ވެސް ފެނިގެންދާނެ އެވެ. އަދި މުހިންމު ރޯލަކުން ފަވަދް ޚާން އާއި ޝަހްރުކް ޚާންވެސް ފެނިގެންދާނެ އެވެ.