ބޮލީވުޑް

ކަރީނާ ތައްޔާރަސް "ވީރް ދި ވެޑިން" ގެ މަސައްކަތް ފެށުން އަންނަ އަހަރަށް

Sep 2, 2016

ބަތަލާ ކަރީނާ ކަޕޫރު ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އިއުލާން ކުރުމާއެކު އެންމެ ގަދަޔަށް ދެކެވެން ފެށި ވާހަކައަކީ އޭނާ ކުޅެން ސޮއިކޮށްފައިވާ ފިލްމު، "ވީރް ދި ވެޑިން" ދޫކޮށްލި ކަމުގެ ވާހަކަ އެވެ.

ހަތަރު ބަތަލާއިން ލީޑްރޯލުން ފެނިގެންދާ މިފިލްމު ކަރިނާ ދޫކޮށްލި ވާހަކަތައް ދެކެވެން ފެށުމުން މިފިލްމުގައި އޭނާއާ އެކު ފެނިގެންދާ ސޯނަމް ކަޕޫރާއި ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ސޯނަމްގެ ކޮއްކޮ ރީއާ ކަޕޫރު ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.

ކަރިނާ ބަނޑުބޮޑު ވާހަކަ މިފިލްމުގެ ޕްރޮޑިއުސަރުންނާއި ހިއްސާކުރުމުން ވަނީ ފިލްމުގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެނެސް، މިފިލްމުގައި އޭނާ ކަިއވެންޏެއްކޮށް ބަނޑުބޮޑުވާ މަންޒަރު ދައްކަން ނިންމާފަ އެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ފިލްމުގެ ބައެއް މަންޒަރުތައް ކަރިނާ ނެގުމަށްފަހު ޑިސެމްބަރުގައި ވިހައިގެން އަލުން ފިލްމުގެ ޝޫޓިން ފަށާގޮތަށް އޮތީ އަންނަ މާޗް މަހުގެ ތެރޭގަ އެވެ.

ނަމަވެސް އެންމެފަހުގެ ހަބަރުތައް ބުނާގޮތުން "ވީރް ދި ވެޑިން" ގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފެށުމަށް ލަސްކޮށްފައިވާއިރު، ފިލްމުގެ ޝޫޓިން ފަށާ ދުވަސް ލަސްކޮށްފައިވަނީ ކަރީނާ ބަނޑުބޮޑުވުމަކުން ނޫނެވެ.

ފިލްމަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެން ފިލްމުގެ ހަރަދުތައް މިހާރުވެސް ބޮޑުވެފައިވާއިރު، ބަޖެޓްގެ މައްސަލަ ހައްލުކުރެވިގެން ނޫނީ ޝޫޓިން ފެށެން ނެތް ކަމަށްވެ އެވެ. ކަނޑައެޅިފައި އޮތް ބަޖެޓަށް ވުރެން ފިލްމުގެ ހަރަދުތައް ބޮޑުވަނީނަމަ މިފިލްމު އުފެއްދުން ހުއްޓާލަފާނެ ކަމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.

ކަރީނާ އާއި ސޯނަމްގެ އިތުރުން ސްވަރާ ބާސްކަރް އާއި ޝިކާ ޓަލްސާނިއާ މުހިންމު ރޯލުން ފެނިގެންދާ މިފިލްމަކީ ހޮލީވުޑްގެ ފިލްމު "ބްރައިޑްސްމެއިޑް" ގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ކަމަށް ވެސް އަޑުތައް ވަނީ އަރާފަ އެވެ.

މީގެކުރިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ސޯނަމް ވަނީ މިފިލްމުގައި ކަރިނާ ކުޅޭނީ އޭނާގެ ބެސްޓް ފްރެންޑްގެ ރޯލު ކަމަށް ބުނެފަ އެވެ.