ބޮލީވުޑް

ބޮޑު ރޯލަކަށްފަހު ބޮޑު އަގަކަށްވެސް ޝާހިދު ޑިމާންޑްކުރަނީ

Sep 2, 2016

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ދެން އުފައްދާ ފިލްމުގެ ލީޑްތަރިންނަކީ ކޮން އެކްޓަރުންނެއްކަން އަދި އިއުލާން ނުކުރި ނަމަވެސް، މިފިލްމުގައި ފެނިގެންދާނީ ތަރިން މިވަނީ ޔަގީންވެފަ އެވެ.

"ޕަދްމާވަތީ" ގައި ދިޕިކާ ރަނީ ޕަދްމާވަތީގެ ރޯލުން ފެނިގެންދާއިރު، އޭނާގެ ފިރިމީހާގެ ރޯލުން ފެނިގެންދަނީ ޝާހިދު ކަޕޫރެވެ. އަދި ދިޕިކާއާ ހެދި މޮޔަވެފައި ހުންނަ ލޯބިވެރިޔާ، އަލާއުއްދީން ޚިލްޖީގެ ރޯލުން ފެނިގެންދާނީ ރަންވީރު ސިންގް އެވެ.

މިފިލްމުގައި ދިޕިކާގެ ފިރިމީހާގެ ރޯލު ކުޅެން ޝާހިދުގެ އިތުރުން ފަވަދް ޚާން އާއި ރިތިކް ރޯޝަން އަށް ހުށަހެޅި ނަމަވެސް ބަންސާލީހެ ހުށަހެޅުން ގަބޫލުކުރީ ޝާހިދު އެވެ. ނަމަވެސް އެއީ ފިލްމުގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެނެސް އޭނާގެ ރޯލަކީ ދިޕިކާ އާއި ރަންވީރުގެ ރޯލެކޭ އެއްގޮތަށް ބޮޑު ރޯލަކަށް ހެދުމަށް ބަންސާލީ އެއްބަސްވުމުންނެވެ.

ޝާހިދުގެ ރޯލަށް ބަންސާލީ ބަދަލުތަކެއް ގެނައިކަން އެނގުމުން ލީޑް އެކްޓަރު ރަންވީރާއި ބަންސާލީއާ ދެމެދު މިކަމާ ގުޅިގެން މައްސަލަތަކެއް ޖެހުނު ކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ.

މީގެއިތުރުންވެސް ޝާހިދު ލައްވާ، ރާޖާ ރަވަލް ރަތަން ސިންގްގެ ރޯލު ކުޅުން ބަންސާލީ ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ވަނީ އޭނާ މިފިލްމު ކުޅެދޭން ބޮޑު އަގެއް ހުށަހެޅުމުން އެކަމަށް ވެސް އެއްބަސްވެފަ އެވެ. ދިޕިކާގެ ފިރިމީހާގެ ރޯލުކުޅެން ޝާހިދު އެއްބަސްވެފައިވަނީ 8 ކްރޯޑާއި 10 ކްރޯޑްގެ އަގަކަށް ކަމަށްވީއިރު، މިއީ މިހާތަނަށް ފިލްމެއް ކުޅެގެން ޝާހިދު އަށް ލިބޭ އެންމެ ބޮޑު އަގު ކަމަށްވެ އެވެ.

އާންމުގޮތެއްގައި ފިލްމެއް 6 - 7 ކްރޯޑަށް ކުޅޭ ޝާހިދު މިފިލްމު ކުޅެދޭ އަގުބޮޑުކުރި ނަމަވެސް ފިލްމުގައި އޭނާ ހިމަނަން ބަންސާލީ ނިންމީ އޭނާ ނޫން އެކްޓަރެއް މިރޯލު ކުޅެން ތައްޔާރަށް ނެތުމުން އިތުރު ގޮތެއް ނެތީމަ އެވެ.

ސްކްރިޕްޓަށް ބަދަލުގެނެސް ބޮޑު ރޯލަކަށް ޑިމާންޑްކުރުމާއި ބޮޑު އަގެއްގައި ނޫނީ މިފިލްމު ކުޅުމަށް އެއްބަސްވުމުގެ އިތުރުން ޝާހިދު ވަނީ އޭނާގެ އަލަތު ދަރިފުޅު ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ފަހުން ނޫނީ މިފިލްމުގެ ޝޫޓިން އޭނާ ނުފަށާނެ ކަމަށް ވެސް ބުނެފަ އެވެ.

މިފިލްމުގެ ބަތަލާގެ ރޯލު ކުޅެން ދިޕިކާ ވެސް އެއްބަސްވެފައިވަނީ 12.62 ކްރޯޑަށް ކަމަށް ބުނަމުން އައި ނަމަވެސް ބަންސާލީގެ ސްޕޯކްސްޕާސަން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.

ބުނެވޭ ގޮތުގައި "ޕަދްމާވަތީ" އަކީ ތާރީހީ ލޯބީގެ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމަކަށްވުމުން މިފިލްމު އުފައްދާ ބަޖެޓުގެ އަގު ގާތްގަނޑަކަށް 200 ކްރޯޑަށް އަރާނެ ކަމަށްވެ އެވެ.

ފިލްމުގެ ޝޫޓިން އަށް ހާއްސަކޮށް ބޮޑު ސެޓެއްވެސް މިހާރު ތައްޔާރުކުރަމުން އަންނައިރު، މިފިލްމުގެ ޝޫޓިން މިމަހުގެ ތެރޭގައި ފަށާނެ ކަމަށް ހަބަރުތައް ބުނެ އެވެ.