ލައިފްސްޓައިލް

ކުޑަކުދިންވެސް ޑިޕްރެސްވޭ! ބެލެނިވެރިން ވިސްނަންޖެހޭ ކަމެއް!

އުމުރުން ތިނެއް ނުވަތަ ހަތަރު އަހަރަށްދާ ދަރިވަރުގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ ބައެއް ފަހަރު ކަންކަމަށް ގެއްލި ވިސްނަން އިންނަތަން ފެނޭ ހެއްޔެވެ؟ ދަރިފުޅަށް ވެދާނެ ގޮތަކާއި ދޭތެރޭ ވިސްނަމުންދިޔައިރު އެއް ފަހަރުވެސް އެއީ ޑިޕްރެޝަން އަށް ވެދާނެ ކަމަށް ހީކުރެވުނު ހެއްޔެވެ؟ އާ އެކެވެ. އެއުމުރުގެ ކުދިންވެސް ޑިޕްރެޝަންއަށްދާނެ އެވެ. މިއީ މަދުން ނަމަވެސް ކުޑަކުދިންނަށް ދިމާވާ މައްސަލަ އެކެވެ. ގިނަ މީހުންނަށް ގަބޫލުކުރަން އުނދަގޫވެސް ކަމެކެވެ. އަބަދުވެސް ޑިޕްރެޝަންގެ ޝިކާރައަކަށްދާ ވާހަކަ އިވެނީ ބޮޑެތި މީހުންގެ ވީމަ އެވެ.

"އެއްވެސް މީހަކު ގަބޫލެއް ނުކުރޭ ޕްރީ ސްކޫލަށްދާ އުމުރުގެ ކުދިން ޑިޕްރެސްވެދާނެ ކަމަކަށް. ގިނަ މީހުންނަށް ހީވަނީ ހަ އަހަރުން ދަށުގެ ކުޑަކުދިން ނުވިސްނާނެ ކަންތައްތަކަކާ ދޭތެރޭ. އެކުދިންނަކަށް ނުވެސް އެނގޭނޭ ކަންކަމާ ވިސްނާ ފިކުރު ކުރާކަށް. އެކަމަކު އެއީ މުޅިން ކުށްހީ އެއް." ވޮޝިނޓަންފެ ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންގެ އާލީ އިމޯޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ޑައިރެކްޓާ ޑރ. ޖޯން ލުބީ ވިދާޅުވި އެވެ.

ޑރ. ލޫބީގެ އެންމެފަހުގެ ދިރާސާއިން ދައްކާ ގޮތުގައި ހަ އަހަރުން ދަށުގެ ކުދިންގެ މެދުގައި ޑިޕްރެޝަންގެ މައްސަލަ ކަންބޮޑުވާ ވަރަށް އެބަހުރި ކަމަށެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އުމުރުން ތިން އަހަރާއި ހަ އަހަރާއި ދެމެދުގެ 193 ކުދިން ބޭނުންކޮށްގެން 11 އަހަރު ވަންދެން ކުރިއަށް ގެންގޮސްފައިވާ ދިރާސާ އެކެވެ. އެ ދިރާސާ އިން ދެއްކި ގޮތުގައި ދިރާސާގައި ބައިވެރިކުރި 193 ކުދިން ތެރެއިން 90 ކުދިންގެ ކިބައިގައި ޑިޕްރެޝަން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކުދިން ނަފްސާނީ ގޮތުން ހެދިބޮޑުވުމުގައި މައްސަލަތަކެއް ދިމާވަމުންދާ ކަމަށެވެ.

ކުޑަކުދިން ޑިޕްރެސްވާ ކަމުގެ އަލާމާތްތައް

  • އަވަހަށް ރުޅިގަދަވުން
  • އަބަދުވެސް ދެރަވެފައި ހުރުން
  • މީހުންނާ ގުޅި ހަރަކާތްތެރިވެ އުޅޭ މިންވަރު މަދުވުން
  • މާގިނައިން ކެއުން ނުވަތަ ކެއުން އާދަޔާ ހިލާފަށް މަދުވުން
  • މާގަދައަށް ނިދުން ނުވަތަ ނިދަން އުނދަގޫވުން
  • ފަސޭހައިން ރޮވުން
  • ކަންކަމަށް ސަމާލުކަންދޭން އުނދަގޫވުން
  • އަބަދުވެސް ވަރުބަލިވެފައި ހުރުން

އަދި ޑިޕްރެޝަން އަކީ ކުއްޖާ ބޮޑުވަމުން އަންނަ އިރު ބޮޑެތި މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށެވެ. ސިކުނޑި ތަރައްގީވާންޖެހޭ މިންވަރަށް ތަރައްގީއެއް ނުވާނެ އެވެ.