ބޮލީވުޑް

ރަންބީރުގެ ބައްޕަގެ ރޯލު ކުޅެން އާމިރް ބޭނުމެއް ނުވި

Sep 2, 2016

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، ސަންޖޭގެ ރޯލުން ފެނިގެންދާ ޒުވާން އެކްޓަރު ރަންބީރު ކަޕޫރުގެ ބައްޕަގެ ރޯލު ކުޅުމަށް ސުޕަސްޓާ އާމިރް ޚާނަށް ވަނީ ހުށަހަޅާފަ އެވެ.

ސުނިލް ދަތުގެ ރޯލު ކުޅެން ހުށަހެޅުން ލިބި، އެރޯލު ކުޅެން އަމިއްލަ އަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެންމެފަހު ވަގުތު އާމިރު ވަނީ އެހުށަހެޅުން ދޫކޮށްލާފަ އެވެ.

މިފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަކީ އާމިރްގެ ވަރަށް ގާތް މީހެއް ނަމަވެސް އޭނާ ފިލްމު ދޫކޮށްލީ ކީއްވެގެން ކަމެއް ހާމަކޮށްފައެއްނުވެ އެވެ.

ރަންބީރުގެ ބައްޕަގެ ރޯލު އާމިރް ނުކުޅެ ދޫކޮށްލާފައިވާއިރު، އޭނާ މިހާރު ކުޅެމުން އަންނަ ފިލްމު "ޑަންގާލް" ގައި އަންނަނީ ޒުވާން ދެއަންހެން ކުދިންގެ ބައްޕަގެ ރޯލުކުޅެމުންނެވެ.

މިފިލްމު އުފައްދާ ފަރާތުން އަލުން މިރޯލަށް އެކްޓަރެއް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި މިހާތަނަށް މިފިލްމުން ކުޅެން ޔަގީންކަން ދީފައިވަނީ، ރަންބީރު އެކަންޏެވެ.

ސަންޖޭގެ ދެއަނބިންގެ ރޯލުން ފެނިގެންދާ ތަރިންވެސް އަދި ޔަގީން ނުވާއިރު، އޭގެ ތެރެއިން އެއް އަންހެނުންގެ ރޯލު ކުޅެން ބަތަލާ ސޯނަމް ކަޕޫރަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެ އެވެ. މިރޯލު ސޯނަމް ކުޅޭނަމަ މިއީ މިދެތަރިން ބޮލީވުޑަށް ތައާރަފުވި ފިލްމު "ސާވަރިޔާ" އަށް ފަހު ދެތަރިން އެކުގައި ފެނިގެންދާނެ ދެވަނަ ފިލްމެވެ.

ސަންޖޭގެ މިހާރުގެ އަންހެނުން މާނިޔާތާގެ ރޯލު ކުޅުމަށް ބަތަލާ ކަންގަނާ ރަނާވަތަށް ހުށަހަޅާފައިވާ ކަމަށްވެސް ވެ އެވެ.

ކުރިން މިފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، ފިލްމުގެ ސްކްރިޕްޓާ ގުޅޭގޮތުން ސަންޖޭ އާއި ޑައިރެކްޓަރު ރާޖްކުމާރާ ދެމެދު ހިޔާލު ތަފާތުވުމުން، ފިލްމްގެ ސްކްރިޕްޓް ބަދަލުކުރަން ޖެހި، ފިލްމްގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅަށް ވަނީ ލަސްކޮށްފަ އެވެ.