ވިޔަފާރި

ވެކޭޝަންސް އެކްސްޕޯ އަންނަ އަހަރު ޖުލައި މަހު: ތައްޔާރު ތަ؟

  • ފެއާ އޮތީ ޖުލައި 6-8 އަށް
  • މި އަހަރުގެ ފެއާ ކާމިޔާބު
  • އަންނަ އަހަރުގެ ފެއާ ކުލަގަދަ ވާނެ

ރާއްޖޭގެ ފުރަތަމަ ޓްރެވަލް އެކްސްޕޯ މި އަހަރު ނިންމައިލީ ބޮޑު "ހިޓެއް" ގެ ގޮތުގަ އެވެ. އިނާމުތަކުގެ ގޮތުން ބަލާނަމަވެސް މިވަރުގެ އަގު ހުރި އިނާމުތަކެއް އަދި މިހާތަނަށް ދީފަ އެއް ނުވެ އެވެ. ދުނިޔޭގެ ހަތަރު ބިތަށް އުދުހެން ޓިކެޓު ދިނެވެ. ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ހިލޭ ޗުއްޓީ ޕެކުތައް ބެހި އެވެ. އަނެއްކާވެސް މިފެއާގެ ވާހަކަ މިއޮތީ ފެށިފަ އެވެ. "ވެކޭޝަންސް އެކްސްޕޯ" ގެ ދެވަނަ ފެއާ އަންނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

"ފެއާއަށް މިދަނީ ފުރިހަމައަށް ތައްޔާރުވަމުން. އިރާދުކުރެއްވިއްޔާ މި އަހަރަށްވުރެ އަންނަ އަހަރުގެ ގެ ފެއާ ފުރިހަމަ ވާނެ،" ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ" ބޭއްވި ހައިރައިޒްގެ މެނޭޖަރު މާކެޓިން އެންޑް ޕީއާރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވި އެވެ.

ވެކޭޝަންސް އެކްސްޕޯ 2017 ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖުލައި މަހުގެ 6-8 އަށް ކުރިއަށެވެ.

އިއްސެ ވިދާޅުވީ އަންނަ އަހަރުގެ ފެއާ ބޭއްވުމަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ވެސް ވަނީ އަންނަ އަހަރުގެ ފެއާ ބޮޑުކޮށް ބޭއްވުމަށް އެހީވާނެ ކަމަށް ވިދާޅުވެފަ. އެހެންވެ ފެއާ މި އަހަރަށް ވުރެ ފުރިހަމަ ވާނެ،" އިއްސެ ވިދާޅުވި އެވެ.

މި އަހަރު އާޓްގެލަރީގައި ބޭއްވި ފެއާގައި ރާއްޖެ ގެސްޓް ހައުސްތަކާއި ބޭރުގެ އެއާލައިންތައް އަދި ބޭރުގެ ޓޫރިޒަމް ބްރޭންޑްތަކުންވެސް ބައިވެރިވެފައިވެ އެވެ. މި އަހަރުގެ ފެއާގައި މެލޭޝިޔާ ޓޫރިޒަމް ބޯޑާއި ސިންގަޕޫރު ޓޫރިޒަމް ބޯޑުން ވެސް ބައިވެރިވެފައިވެ އެވެ.