ބޮލީވުޑް

ޝާހްރުކް ޑްވާފެއްގެ ރޯލު ކުޅޭ ފިލްމަކީ ލޯބީގެ ފިލްމެއް

Sep 3, 2016
1

"ތަންނޫ ވެޑްސް މަންނޫ" އާއި "ރާންޖާނާ" ފަދަ ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަނަންދް އެލް ރާއީ އަންނަނީ ސުޕަސްޓާ ޝާހްރުކް ޚާން އާއެކު ފިލްމެއް އުފައްދަން ތައްޔާރުވަމުންނެވެ.

ޝާހްރުކް ޑްވާފެއްގެ ރޯލުން ފެނިގެންދާ މިފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް އާނަންދަ ވަނީ ބުނެފަ އެވެ.

"ފިލްމުގެ ވާހަކާ އަކީ ކޮބައިކަމާ ބެހޭގޮތުން ވާހަކަދައްކާކަށް ބޭނުމެއްނޫން. އަހަރަން އުންމީދަކީ ބެލުންތެރިންނަށް ކަމުދާނެ ކަހަލަ މޮޅު ފިލްމެއް އުފެއްދުން" އަނަންދް ބުނެފައިވެ އެވެ.

މިފިލްމަކީ ލޯބީގެ ފިލްމެއް ކަމަށް ބުނަމުން އަނަންދަ ވަނީ ޝާހްރުކް ފަދަ ތަރިއެއް ހިމަނައިގެން ފިލްމެއް އުފައްދާނަމަ އެފިލްމެއްގައި ލޯބީގެ ރަހަތައް ކޮންމެހެން ވެސް ހިމެނޭނެ ކަމަށް ބުނެފަ އެވެ.

އަދި ނަމެއްދީފައިނުވާ މިފިލްމުގެ ޝޫޓިން ފެށޭނެ ދުވަހެއްވެސް ޔަގީންވެފައިނުވާއިރު އަނަންދް ވަނީ ފިލްމު ރިލީޒްކުރާ ދުވަސް އިއުލާންކޮށްފަ އެވެ. ދެހާސް އަށާރަވަނަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިފިލްމުގެ ބަތަލާގެ ރޯލުން ޝާހްރުކާއެކު ފެނިގެންދާނެ ތަރިއަކު އަދި ނޭނގެ އެވެ. މަޝްހޫރު ދެބަތަލާއިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ސޯނަމް ކަޕޫރު މިފިލްމުގައި ދެބަތަލާއިންގެ ރޯލުން ފެނިގެންދާނެ ކަމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ.

ފިލްމުގެ ޝޫޓިން ފެެށޭނެ ދުވަހެއް ކަނޑަނައަޅަނީސް ފިލްމު ރިލީޒްކުރާ ދުވަސް އިއުލާންކުރުމާ ގުޅޭ ގޮތުން އަނަންދް ވަނީ އޭނާ އަކީ އަބަދުވެސް ފިލްމު ރިލީޒްކުރާ ދުވަހާ ގުޅޭގޮތުން ވަރަށް ހާސްވާ މީހެއް ކަމަށާއި ފިލްމެއް ރިލީޒްކުރާ ދުވަސް ކުރީބައިގައި އިއުލާން ކުރަން ޖެހޭތީ ކުރީ ކަމަށެވެ. އަދި ފިލްމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިފިލްމަކީ ޝާހްރުކްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ރެޑް ޗިލީޒް އެންޓަޓެއިންމަންޓުން އުފައްދާ ފިލްމެކެވެ.