ބޮލީވުޑް

އަޖޭގެ "ޝިވާއޭ" ބަދުނާމްކުރަން ކަރަން ޖޯހަރު ރިޝްވަތުދިން؟

Sep 3, 2016
1

މިއަހަރުގެ ކުރިއަށް ރިލީޒްވުމަށް ހުރި ފިލްމުތަކުގެ ތެރެއިން ބޮޑު ކުރިމަތިލުމަކަށް ދާނެ ދެފިލްމެއްކަން ޑައިރެކްޓަރު ކަރަން ޖޯހަރުގެ" އެއި ދިލްހޭ މުޝްކިލް" އާއި އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކުރުމުގެ އިތުރުން އެކްޓްވެސް ކޮށްފައިވާ ފިލްމު "ޝިވާއޭ" އޮތީ ޔަގީންވެފަ އެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިދެފިލްމުގެ ކުރިމަތިލުން ފެނިގެންދާނީ ބޮކްސް އޮފީހުން ކަމަށް ބެލެވިފައި އޮތް ނަމަވެސް "އެއި ދިލްހޭ މުޝްކިލް" ގެ ޓީޒާ ރިލީޒްކުރި ހިސާބުން މިދެފިލްމުގެ ވަރުގަދަ ކުރިމަތިލުން މިވަނީ ފެށިފަ އެވެ.

ހަތަރު އަހަރުފަހުން ކަރަން އުފެއްދި މިފިލްމުގެ ޓީޒާ އާއި ޓައިޓަލް ލަވައަށް ތައުރީފު އޮހެމުން އަންނައިރު، މިފިލްމާއި "ޝިވާއޭ" ގެ ކުރިމަތިލުމުގެ ބޮޑު ހަނގުރާމަ ރޭ ޓްވިޓާގައި ވަނީ ފެށިފަ އެވެ. މިދެފިލްމުގެ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް މީގެކުރިން ވެސް ބެލެވުނު ނަމަވެސް އިއްޔެރޭ ދެފިލްމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް އުފެދިފައިވަނީ އަޖޭ ޓްވިޓާއަށް އޯޑިއޯ ކްލިޕެއްލީ ހިސާބުންނެވެ.

މިއޯޑިއޯ ކްލިޕަކީ ކޮމޭޑިއަން އަދި ކްރިޓިކް ކަމާލް އާރް ޚާން އާއި "ޝިވާއޭ" ގެ ކޯ-ޕްރޮޑިއުސަރު ކުމާރް މަންގަތް އާ ފޯނުން ދެއްކި ވާހަކަތެކެވެ. ކަމާލް އަކީ ބޮލީވުޑްގެ ގިނަ ތަރިންނަށް ސޯޝަލް މީޑިއާގައި ހުތުރުބަހުން ފާޑުކިޔާ މީހެކެވެ.

މިދެމީހުން ފޯނުން ވާހަކަދައްކަމުން ކުމާރު ކަމާލް ކުރެން ޓްވިޓާގައި އެންމެފުރަތަމަ "ޝިވާއޭ" ގެ މޮޅު ވާހަކަދައްކައި އޭގެފަހުން ކަރަންގެ ފިލްމު ޕްރޮމޯޓްކޮށް، "ޝިވާއޭ" އާ ދެކޮޅު ގިނަ ޓްވީޓްތަކެއް ފުލުފުލުގައި ކުރަމުން އަންނަނީ ކީއްވެގެންތޯ ކުމާރު އެހެމުން ޖަވާބުގައި ވަނީ "ކަރަން ޖޯހަރުގެ ފިލްމުގެ ރަނގަޅު ވާހަކަދައްކަނީ އެކަން ކުރުމަށް ކަރަން 25 ލައްކަ ރުޕީޒް ދީފައިވާތީ" ކަމަށް ކަމާލް ބުނެ އެވެ.

ކަމާލް އާއި ކުމާރާ ދެމެދު ދެކެވުނު މިވާހަކަތައް އަޖޭގެ ޓީމުން ރެކޯޑްކޮށް، މިއޯޑިއޯ ކްލިޕް ޓްވިޓާގައި ޝެއާކުރުމާއެކު އޭނާގެ އަންހެނުން ބަތަލާ ކާޖޮލް ވެސް ކުރި ޓްވީޓެއްގައި ވަނީ ބޮޑު ޝޮކެއް ލިބިއްޖެ ކަމަށް ލިޔެފަ އެވެ.

ކާޖޮލް އަކީ ކަރަންގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ކުޗްކުޗް ހޯތާހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އަދި "މައި ނޭމް އިޒް ޚާން" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވަނީ އޭނާގެ ވަރަށް ގާތް އެކުވެރި އެކެވެ. މިހާރު މިކަމުގެ ސަބަބުން މިދެތަރިންގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުންވެސް ނެތިގެންދާ ހިސާބަށް ގޮސްފައިވާ ކަމަށްވެ އެވެ.

މީގެއިތުރުންވެސް އަޖޭ ނެރުނު ސްޓޭޓްމަންޓެއްގައި ވަނީ އޭނާ ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަތާ 25 ވަރަކަށް އަހަރުވެފައިވާއިރު، މިހާތަނަށް 100 އެއްހާ ފިލްމުގައި މަސައްކަތްކުރެވިއްޖެ ކަމަށާއި އޭނާ އާއި ފިލްމީ ދާއިރާއާ ދެމެދު އޮންނަނީ ވަރަށް ގާތްގުޅުމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ކަމާލް ފަދަ މީހުން ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންގެ އެހީގައި ލާރި ހޯދުމުގެ ގޮތުން އެހެން ފިލްމުތައް ބަދުނާމު ކުރާތަން ފެނުމަކީ ދެރަވާ ކަމެއް ކަމަށް ބުނެފަ އެވެ.

އިތުރަށް އަޖޭ ވަނީ ފިލްމީ އިންޑަސްޓްރީގެ ފަރާތްތަކުން މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަށް ހިތްވަރުދީ ފިލްމު އިންޑަސްޓްރީ ހަރާބުކުރަން އެފަދަ މީހުންނާ ބައިވެރިވާ ކަމަށާއި މިމައްސަލަ ތަހުގީގުކޮށް ކަރަންގެ ބައިވެރިވުމެއް މިކަމުގައި ވޭތޯ ބެލުމަށްފަހު ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ.

އަޖޭ މިހެން ބުނިތާ އިރުކޮޅެއްގެ ތެރޭގައި ފުލުފުލުގައި ކުރި ޓްވީޓްތަކެއްގައި ކަމާލްގެ ރާގު އަލުން ބަދަލުވެ ވަނީ "ޝިވާއޭ" ބަދުނާމުވާ ގޮތަށް ވާހަކަދައްކަން އޭނާ އަށް ކަރަން 25 ލައްކަ ރުޕީޒް ނުދޭ ކަމަށާއި އޭނާ ބުނެފައިވަނީ ކުމާރުގެ ވާހަކަތައް އަޑުނާހަން 25 ލައްކަ ރުޕީޒްއޭ ކަމަށް ބުނެފަ އެވެ. ކަރަން އޭނާއަށް ލާރި ނުދޭ ކަމަށް ބުނުމުގެ އިތުރުން ކަމާލް ވަނީ "އެއި ދިލްހޭ މުޝްކިލް" ބަދުނާމްކޮށް ވާހަކަދައްކައި ޓްވީޓްކުރަން އޭނާއަށް އަޖޭ އާއި ކުމާރު 25 ލައްކަ ރުޕީޒް ރިޝްވަތުގެ ގޮތުގައި ހުށަހެޅިކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި އޭނާ އެމީހުން ކުރެން އަގެއް ނުނަގާ އެކަން ހިލޭ ކޮށްދޭނެ ކަމަށް ބުނި ކަމަށްވެސް ކަމާލް ވަނީ ބުނެފަ އެވެ.

"އެއި ދިލްހޭ މުޝްކިލް" ޕްރޮމޯޓްކުރަން ކަރަން ލާރި ދިންކަމަށް ކަމާލް އެއްބަސްނުވާއިރު، އަޖޭ އަކީ އަބަދުވެސް އޭނާގެ ފިލްމަކާ އެކު އެހެން ފިލްމެއް ރިލީޒްވާނަމަ އެކަމާ ވަރަށް ހާސްވާ އެކްޓަރެކެވެ. މީގެކުރިން 2012 ވަނަ އަހަރު އޭނާގެ "ސަން އޮފް ސަރްދާރް" އާއި ޔާޝް ރާޖް "ޖަބް ތަކް ހޭ ޖާން" އެއްދުވަހެއްގައި ރިލީޒްކުރަން ޖެހި، އޭނާގެ ފިލްމު ރިލީޒްކުރަން މަދު ސްކްރީންތަކެއް ލިބުމުން ވެސް ވަނީ ޔާޝް ރާޖްސް އިން އޭނާގެ ފިލްމު ސިނަމާތަކުން ބޭރުކުރަން މަސައްކަތްކުރި ކަމަށް ބުނެފަ އެވެ.

ބޮޑު ކުރިމަތިލުމަކަށްދާ މިދެފިލްމުގެ ތެރެއިން ކާމިޔާބު ވާނީ ކޮން ފިލްމެއްކަން ބުނަން އަދި ނޭނގޭއިރު، ދެފިލްމުގެ ތެރެއިން ހަމަޔަގީނުންވެސް ބެލުންތެރިންގެ ތަރުހީބު ބޮޑަށް އޮތީ ކަރަންގެ ފިލްމުގެ ކޮޅުގަ އެވެ.

"އެއި ދިލްހޭ މުޝްކިލް" އަކީ ޒަމާނީ ތިނެސްކަން އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ، މަޝްހޫރު ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އައިޝްވާރިޔާ ރާއީގެ އިތުރުން އަނުޝްކާ ޝަރްމާ އާއި ފަވަދް ޚާން މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމެކެވެ. މިފިލްމުގެ ހާއްސަ ރޯލަކުން ޝާހްރުކް ޚާންވެސް ފެނިގެންދާނެ އެވެ. މިފިލްމާ ހިލާފަށް "ޝިވާއޭ" އަކީ އެކްޝަން މަންޒަރުތަކުން ފުރިގެންވާ ފިލްމެކެވެ. އަޖޭގެ އިތުރުން މިފިލްމުގައި ބޮޑު ތަރިއެއް ނުހިމެނެ އެވެ.