ބޮލީވުޑް

"ތަގް" ގައި އަމީތާބް އާއި އާމިރް އެކުގައި

Sep 4, 2016

އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި، ޔާޝް ރާޖް ފިލްމްސް އިން އުފެއްދުމަށް ނިންމާފައިވާ "ތަގް"، އެކްޓަރު ރިތިކް ރޯޝަން އަށް ހުށަހެޅި ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރާއި ރިތިކްއާ ދެމެދު، ފިލްމުގެ ރައިޓްސް ވިއްކާނެ ފަރާތަކާ މެދު ހިޔާލު ތަފާތުވެ ރުޅިއައިސްގެން ވަނީ މިފިލްމު ނުކުޅެން ނިންމާފަ އެވެ.

ރިތިކް މިފިލްމު ދޫކޮށްލުމުން އާމިރް ޚާނަށް އެރޯލު ކުޅެން ހުށަހެޅުންލިބި، އޭނާ މިރޯލު ގަބޫލުވެސް ކޮށްފައިވާ ކަމަށްވާއިރު، އެންމެފަހުގެ ހަބަރުތައް ބުނާގޮތުން އާމިރާ އެކު މިފިލްމުގައި މެގަސްޓާ އަމީތާބް ބައްޗަން ވެސް ފެނިގެންދާނެ އެވެ.

"ތަގް" ގައި އާމިރް އާއެކު އަމިތާބް ވެސް މުހިންމު ރޯލަކުން ފެނިގެންދާނެކަން ޔަގީންކޮށްދީފައިވަނީ ވެސް އަމީތާބެވެ. މިއީ އަމީތާބް އާމިރާއެކު ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރު ކަމަށްވާއިރު، އެކަމާ ގުޅިގެން އަމީތާބް ވަނީ އާމިރާއެކު ޔާޝް ރާޖްގެ ފިލްމެއް ކުޅެން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމެއް ކަމަށް ބުނެފަ އެވެ.

"މިވަގުތު މިފިލްމާ ގުޅޭގޮތުން އަހަންނަށް މާބޮޑު ވާހަކައެއް ދެއްކުމުގެ ހުއްދައެއް އޮތް ކަމެއްވެސް ނޭނގެ. އަދި ފިލްމުގެ ވާހަކަތައް ދެއްކުމުގެ ހުއްދައެއް ނުލިބޭ. އެކަމަކުވެސް މިއީ ވަރަށް ޝައުގުވެރިވާ ފިލްމަކަށް ވުމުން އެވާހަކަ މިދެއްކެނީ" އަމީތާން ބުނެފައިވެ އެވެ.

އިތުރަށް މިފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން އަމީތާބް ވަނީ ފިލްމުގެ ނަން، "ތަގް" އަކީ އަދި މުޅީން ޔަގީންނުވާ ނަމެއް ކަމަށާއި ފިލްމާ ގުޭ ހުރިހާ ވާހަކަތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ޔާޝް ރާޖްސްއިން އިއުލާންކުރާނެ ކަމަށް ބުނެފަ އެވެ.

"ދޫމް 3" ވެސް ޑައިރެކްޓްކުރި ވިޖޭ ކްރިޝްނަ އަޗާރިޔާ ޑައިރެކްޓްކުރާ މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

އަމީތާބް އާއި އާމިރް އެކުގައި މިފިލްމުން ފެނިގެންދާނެކަން ޔަގީންވި ނަމަވެސް، ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއެއް އަދި ޔަގީނެއްނުވެ އެވެ.