ބޮލީވުޑް

"އަކީރާ": އެކްޝަން މަންޒަރުތައް މޮޅަސް ފިލްމު މޮޅެއް ނޫން

Sep 4, 2016

"ގަޖްނީ" ގެ ޑައިރެކްޓަރު އޭ އާރް މުރުގަދޯސް ޑައިރެކްޓްކޮށް، ޒުވާން ބަތަލާ ސޮނާކްޝީ ސިންހާ މީގެކުރިން ފެނިގެންގޮސްފައިނުވާ ފަދަ ތަފާތު އެކްޝަން ރޯލަކުން ފެނިގެންދިޔަ ފިލްމު "އަކީރާ" ހުކުރު ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ.

ތަޅާފޮޅާ ގިނަ މަންޒަރުތަކުން ފުރިގެންވާ މިފިލްމުގެ އެކްޝަން މަންޒަރުތައް މޮޅުކަމުން ފިލްމު ބެލި ކޮންމެ މީހަކު ސޮނާކްޝީގެ މޮޅު ކަމަށް ތައުރީފުކުރި ނަމަވެސް ފިލްމަށް ބެލުންތެރިން ހިތްޖެހޭ ގޮތްވަނީ ނުވެފަ އެވެ.

ފިލްމުގެ ފެށުން ފުރަތަމަ ދުވަހު ވަރަށް ފަނޑު ކަމަށްވާއިރު، އަމްދަނީގެ ގޮތުގައި ހުކުރު ދުވަހު މިފިލްމަށް ލިބިފައިވަނީ 5.15 ކްރޯޑެވެ. މިއީ ބޮޑު ޑައިރެކްޓަރަކު އުފައްދައި، މަޝްހޫރު ތަރިންތަކެއް ފެނިގެންދާ ފިލްމަކާ ބަލާފައި ދަށް އަދަދެކެވެ.

ސޮނާކްޝީގެ އިތުރުން އަނޫރާގް ކަޝްޔަޕް އާއި ކޮންކަނާ ސެން ޝަރްމާގެ އިތުރުން އަމިތް ސާދް މުހިންމު ރޯލުތަކުން ފެނިގެންދާ މިފިލްމަށް ފުރަތަމަ ދުވަހު ދަށް އާމްދަނީއެއް ލިބުނު ނަމަވެސް ހުކުރު ދުވަހުގެ ރޭގަނޑުގެ ޝޯތަކާ ދިމާކޮށް ފިލްމު ބަލަން ސިނަމާތަކަށްވަން މީހުންގެ އަދަދު ދުވާލު ގަޑިއާ އަޅާބަލާއިރު ގިނަކަމަށް ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ވަނީ ބުނެފަ އެވެ.

ފުރަތަމަ ފަހަރަށް ސޮނާކްޝީ އެކްޝަން މަންޒަރުތައް ކުޅެފައިވާ މިފިލްމުގެ ފުރަތަމަ ދުވަހުގެ އާމްދަނީ ދަށްވުމާއި ފިލްމުގެ މާބޮޑު އޮށްޓަރެއް ނެތް ކަމަށް ފިލްމު ކްރިޓިކްސްއިން ބުނަމުން އައި ނަމަވެސް މިފިލްމާއެކު އިތުރު ފިލްމެއް ރިލީޒްވެފައިނުވާތީ "އަކީރާ" އެކަމުގެ ފައިދާ ބޮކްސް އޮފީހުގައި ނެގެން އޮތް ވަރަކަށް ނަގާނެ އެވެ.

އާންމުގޮތެއްގައި ހިންދީ ފިލްމުތަކުގައި ބަތަލާއިންގެ ރޯލަކީ މުޅިންވެސް ރުއިމާއި އެމީހުންގެ ކެކުޅުންތަކުގައި މައްޗަށް ބިނާކޮށްފައި ހުންނަ ރޯލުތައް ވިޔަސް، މިފިލްމުގައި ސޮނާކްޝީ ފެނިގެންގޮސްފައި މިވަނީ ހަގީގަތުގައި ބަތަލުގެ ރޯލުންނެވެ. ބޮލީވުޑްގެ އެހެން ބަތަލުންނަށް އޭނާގެ އެކްޝަން މަންޒަރުތައް ވަކި ދޫނުކުރާއިރު، މުޅި މިފިލްމުގެ ރޫހަކީ އޭނާ އެވެ. ނަމަވެސް ފިލްމުގެ އެއްވެސް އޮށްޓަރެއްނެތް ވާހަކަތަކާއި ޑައިލޮގްތަކުގެ ސަބަބުން ފިލްމުގެ ކުރިއޮތީ މަރުވެފަ އެވެ. އެހެންނޫންނަމަ މިއީ ހަމަޔަގީނުންވެސް ބޮލްކްބާސްޓާ ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދާނެ ފިލްމެކެވެ.

މިފިލްމަކީ ކޮލެޖުގައި ކިޔަވަމުން އަންނަ ހިތްވަރުގަދަ އެއްވެސް ކަމެއް ކުރަ ޖެހިލުންނުވާ ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ އެވެ. ކުޑައިރުވެސް ކަރާޓީ ތަޅަން ދަސްކޮށްދީފައިވާ އަކީރާ އަކީ އޭނާ އާއި އޭނާގެ ކައިރީގައި އުޅޭ މީހުންނަށް ގެއްލުމެއްދޭން މަސައްކަތްކުރާ ކޮންމެ މީހަކަށް ވަރުގަދަ ފިލާވަޅެއް ދޭ މީހެކެވެ. އުފަން ރަށް ޖެއިޕުރް ދޫކޮށް މުމްބައި އަށް މަތީ ތައުލީމް ހާސިލްކުރަން އަންނަ ހިސާބުން އަނެއްކާވެސް އޭނާއާ މުސީބާތްތަކާ ކުރިމަތިވެ އެވެ. ކޮލެޖްގެ ސީނއާ ދަރިވަރުންތަކެއް އޭނާއާ ދިމާކޮށްލުމުން އެމީހުންނާ އޭނާއާ ދެމެދު ވަރުގަދަ ތަޅާފޮޅުންތަކެއް ދާއިރު، އަކީރާ މުމްބައި ފުލުހުންގެ ތެރެއިން ރިޝްވަތު ނަގައިން އެންމެ ބޮޑެތި ޖަރީމާތަކުގެ އަޑީގައި އުޅޭ ފުލުހުން ބޭޒާރުކުރަންކުރާ މަސައްކަތުގައި އެމީހުންގެ އަތްދަށުވެ، އޭނާ އަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ނިންމައި، މެންޓަލް އެސައިލަމްގައި ބަންދުވެ އެވެ. އެތަކެއް ވޭނެއް ތަހަންމަލުކޮށް އެތަނުން ސަލާމަތްވެ، އޭނާއަށް އަނިޔާދިން އެންމެންގެ ކިބައިން ބަދަލުހިފަ އެވެ.

"އަކީރާ" ގެ ޓްރެއިލާ:

"އަކީރާ" އަކީ 2011 ވަނަ އަހަރު ނިކުތް ތަމަޅަ ފިލްމު "މޮއުނާ ގުރޫ" ގެ ހިންދީ ރިމޭކް އެކެވެ.