ބޮލީވުޑް

ސަލްމާނަށް އައިޝްވާރިޔާ ވަރަށް ރީތި ވެއްޖެ

Sep 5, 2016

ކުރީގެ ދެލޯބިވެރިން ކަމަށްވާ ސުޕަސްޓާ ސަލްމާން ޚާން އާއި ރީތިގެ ރާނީ އަދި ބޮލީވުގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީގެ ދެމެދު އޮތް ގުޅުން ކުރިއަށް ނުގެންދެވި މިދެތަރިން ރުޅިވީ އެތަކެއް އަހަރެއްވީ ނަމަވެސް މިދެތަރިންގެ ލޯބީގެ ވާހަކައަކަށް ދުވަހަކުވެސް ނިމުމެއް ނާދެ އެވެ.

އައިޝްވާރިޔާގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު، "އެއި ދިލްހޭ މުޝްކިލް" ގެ ޓީޒާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިޓީޒާ ކަމުދިޔަ މީހުންގެ ލިސްޓުގައި ސަލްމާންވެސް މިވަނީ ހިމެނިފަ އެވެ.

ސަލްމާން ބައިވެރިވި އިވެންޓެއްގައި އޭނާ މިފިލްމުގެ ޓީޒާ ބަލައިފިތޯ އެހުމުން ވަނީ އޭނާ ނުބަލާ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު ސަލްމާން ވަނީ މިފިްމުގެ ޓީޒާ ބަލާފަ އެވެ. އަދި ޓީޒާ ބެލުމަށްފަހު އޭނާ އެންމެ ފުރަތަމަ ތައުރީފުކޮށްފައިވަނީ އައިޝްވާރިޔާގެ ރީތި ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވެ އެވެ.

"އެއި ދިލްހޭ މުޝްކިލް" ގެ ޓްރެއިލާ:

ކަރަން ޖޯހަރު ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ ޓީޒާއިން އައިޝްވާރިޔާ އާއި ރަންބީރު ކަޕޫރުގެ ގައިގޯޅި މަންޒަރުތަކެއް ވެސް ފެންނައިރު، ނޫސްވެރިންކުރެން މިފިިލްމުގެ ޓީޒާ ރީތިކަމަށް ސަލްމާން ނުބުނި ނަމަވެސް އޭނާ އަށް ފިލްމުގެ ޓީޒާ ވަރަށް ކަމުދިޔަ ކަމަށްވެ އެވެ.

މިފިލްމަކީ އެއްފަރާތުގެ ލޯބި ފެނިގެންދާ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.

ސަލްމާންގެ ހަޔާތާވެސް މިފިލްމާ ވަރަށް ބޮޑު ގުޅުމެއްވެ އެވެ. އެއީ އޭނާއާ އައިޝްވާރިޔާ ލޯބީގެ ގޮތުން އުޅެނިކޮށް ސަލްމާންގެ އިންތިހާ ރުޅިގަނޑާއި އޭނާގެ ވިޔާނުދާ އުޅުމުގެ ސަބަބުން އައިޝްވާރިޔާ ވަނީ އޭނާއާ ރުޅިވެފަ އެވެ. އެކަމުގެ ހިތާމައިގައި ހިތްހަލާކުވެގެން އެތަކެއް އަހަރެއް ވަންދެން ސަލްމާން ވަނީ އުޅެފަ އެވެ. ނަމަވެސް އަހަރުތަކެއް ފަހުން ބަތަލާ ކެޓްރީނާ ކައިފްއާ ދިމާވެ އޭނާއާ ލޯބީގެ ގޮތުން އަހަރުތަކެއް އުޅުނު ނަމަވެސް ކެޓްރީނާ އަށް ޒުވާން ތަރި ރަންބީރު ފެނުނު ހިސާބުން ވަނީ ސަލްމާން ދޫކޮށް ރަންބީރު ކައިރިއަށް ގޮސްފަ އެވެ. އަނެއްކާވެސް ލޯބީގައި ނާކާމިޔާބުވުމުން އެކަމުން އަރައިގަންނަން އެތަކެއް އަހަރެއް ސަލްމާނަށް ނެގިއިރު، އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށްވަނީ ރޮމޭނިޔާގެ ޓީވީ ތަރި އިއުލިއާ ވަންތޫރާ އެވެ.

އެހެންކަމުން މިފިލްމުގެ ވާހަކައާއި ސަލްމާންގެ ލޯބީގެ ހަޔާތާ ވަރަށް ބޮޑު ގުޅުމެއްވޭ ނޫން ހެއްޔެވެ؟