ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ހިދުމަތް ދެކުނުގެ އަތޮޅުތަކަށް ފުރާކުރަން ނިންމާ ކަމަށް ސޯޝަލް ކައުންސިލުން މިއަދު ބުންފި އެވެ. އިސްލާމިކް ޔުނިވާސިޓީގެ ފުރަތަމަ ގޮފި ގާއިމުކުރާނީ ގދ. ތިނަދޫގަ އެވެ.
ތިނަދޫގައި މިހާރު ސަރުކާރުން ދަނީ ބޮޑު އިސްލާމީ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެ ސެންޓަރުގައި ކުލާސް ރޫމްތަކެއް ވެސް އެޅުމަށް ވަނީ ނިންމާފަ އެވެ. މި އިސްލާމީ ސެންޓަރަކީ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ރަށުގައި ގާއިމުކުރާ ސެންޓަރެކެވެ.
ސޯޝަލް ކައުންސިލްގެ ޗެއާ އަދި ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވަނީ ތިނަދޫ އިސްލާމީ ސެންޓަރުގެ ކްލާސް ރޫމްތައް އިސްލާމިކް ޔުނިވާސިޓީއަށް ދޫކޮށް، ބައެއް ކޯސްތައް ހިންގަން ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، މި ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ދެކުނުގެ ގދ. ގއ. ޏ އަދި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، ތިނަދޫގައި ބިނާކުރެވޭ އިސްލާމީ ސެންޓަރުގެ މަސައްކަތް ވަރަށް ބާރަށް ކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.
އެ ސެންޓަރު ނިމުމުން މިނިސްޓްރީ އާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެން އެތަނުގައި ކޯސްތައް ހިންގުމުގެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.