މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންގެ ބޮލާއި ތުނބުޅި ރީތިކޮށް މިނގަނޑަށް ފައްތަން އަންގައި ސާކިއުލާއެއް ނެރުނުކަން ރަސްމީކޮށް އެނގިފައިނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ. ތުނބުޅި ކުރު ނުކުރި މުވައްޒަފުންނަށް ވަޒީފާ ބަދަލުކުރުމުގެ ފުރުސަތު އިމިގްރޭޝަނުން ވަނީ ދީފަ އެވެ.
އިމިގްރޭޝަނުގެ ޔުނީފޯމް މިންގަނޑުގައިވާ ގޮތުން ފިރިހެން މުވައްޒަފެއްގެ ތުނބުޅި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށް ވުރެ ދިގު ނުކޮށެވެ.
ބޮލުގެ އިސްތަށިގަނޑު، ތުނބުޅި އާއި މަތި މަސް އަދި ފަޓުލޫނުގެ ފައިކުރި ޔުނީފޯމްގެ މިންގަނޑަށް ފެއްތުމަށް އަންގައި ނެރުނު ސާކިއުލާގައިވާ ގޮތަށް އަމަލުނުކުރި މުވައްޒަފުންނަށް އެހެން ވަޒީފާއަކަށް ބަދަލުވުމަށް ފުރުސަތު ދީފައިވާކަން އަންގައި އިމިގްރޭޝަނުން ވަނީ ރަސްމީކޮށް ބަޔާނެއް ނެރެފަ އެވެ.
މިކަމާ ގުޅިގެން ދީނީ ބައެއް އިލްމްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއަށް އެއްވެސް ފަރާތަކުން އެ މައްސަލަ ބަލައިދިނުމަށް އެދި ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށެވެ. އިވެނީ މީޑިއާގައި ދެކެވޭ ވާހަކަތައް އެކަނި ކަމަށެވެ.
"އަޅުގަނޑަށް އިސްލާމިކް މިނިސްޓްރީއަށް އެއްވެސް ފަރާތަކުން ރަސްމީކޮށެއް ނެތް ތި މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އިމިގްރޭޝަނުން އެފަދަ ބަޔާނެއް ނެރެފައިވާ ކަމެއް ވެސް އަދި މުވައްޒަފުން ބަދަލުކުރާ މައުލޫމާތެއް ވެސް ލިބިފައިނުވާ ކަމަށެވެ.