ހައިކޯޓް

ހައިކޯޓު ފަނޑިޔާރު ކަމަށް އަށް ބޭފުޅަކު ކުރިމަތިލައްވައިފި

Sep 4, 2016

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި އަށް ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފި އެވެ. ހައިކޯޓަށް ހޯދަން އިއުލާން ކޮށްފައިވަނީ ދެ ފަނޑިޔާރުންނެވެ. އެ އިއުލާނުގެ މުއްދަތު ހަމަވީ މިއަދު އެވެ.

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާން ކޮށްފައި ވަނީ ކުރިން މިކަމަށް ހުޅުވައިލި އިއުލާން ބާތިލުކުރުމަށްފަހު އެވެ. ކުރިން ކުރި އިއުލާނާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ދެ ބޭފުޅުންނެވެ.

ހައިކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވަން ޖެހޭއިރު މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އެއީ، ހައިކޯޓުގައި ތިއްބެވި ހަތަރު ފަނޑިޔާރުންނާއި ދެކުނު ގޮފީގައި ތިއްބެވި ތިން ތިން ފަނޑިޔާރުންނެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ، އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.

ހައިކޯޓުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި އައްބާސް ޝަރީފު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އަސާސީ މުސާރައަށް މަހަކު 36،000ރ. އެވެ. ލިވިންގް އެލެވެންސެއްގެ ގޮތުން 15،000ރ. ދެ އެވެ. ރިސްކް އެލަވަންސަކަށް 3300ރ. ދެ އެވެ. އިތުރުން ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއެވެ.