ބޮލީވުޑް

"އެމްއެސް ދޯނީ" އަށް 60 ކްރޯޑް ލިބިއްޖެ

Sep 5, 2016

އިންޑިއާގެ އެންމެ މަޝްހޫރު އެއް ކްރިކެޓްކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީގެ ހާޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު، "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އަކީ އޭނާގެ ހަޔާތުގެ އެންމެ އަސަރުގަދަ އަދި މިހާތަނަށް މީހުންނަށް އޭނާގެ ހަޔާތާ ގުޅޭގޮތުން ނޭނގޭ އެތައް ކަަމެއް އެނގިގެންދާނެ ފިލްމެކެވެ.

ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ދޯނީގެ ރޯލުން ފެނިގެންދާ މިފިިލްމު މިމަހުގެ 30 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިފިލްމަކީ 80 ކްރޯޑުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އަދި ފިލްމު ރިލީޒްކުރުމުގެ ކުރިން މިހާތަނަށް 60 ކްރޯޑް ލިބިފައިވާ ކަމަށްވެ އެވެ. އެއީ ސެޓަލައިޓް ރައިޓްސް އަށް 45 ކްރޯޑާއި މިފިލްމުން ފެނިގެންދާ ބްރޭންޑަތަކުގެ އިޝްތިހާރުގެ އަގުގެ ގޮތުން 15 ކްރޯޑެވެ.

ފިލްމު ރިލީޒްކުރުމުގެ ގާތްގަނޑަކަށް ތިން ހަފްތާކުރިން، ފިލްމު އުފެއްދި ބަޖެޓުގެ ބޮޑު އަދަދެއްގެ ފައިސާ ލިބުން ވެގެން ގޮސްފައިވަނީ މިފިލްމުގެ ޕްރޮޑިއުސަރުންނަށް ހަމަޔަގީނުންވެސް ވަރަށް އުފާވެރި ހަބަރެކެވެ. އެހެންކަމުން ފިލްމު ރިލީޒްވުމުން ފިލްމު އުފައްދަން ހަރަދުކުރި ބާކީ ފައިސާ ލިބި، ފިލްމަށް ބޮޑު ފައިދާއެއް ލިބުމަކީ ވަރަށް ކައިރީގައި އޮތް ކަމެކެވެ.

މީގެއިތުރުންވެސް މިިފިލްމަށް މިހާރުވެސް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުން ފިލްމަށް އިޝްތިހާރު ދީފައިވާ ފަރާތްތަކުން ވަނީ ކުރިއަށް ހުރި ފިލްމުގެ ޕްރޮމޯޝަން ހަރަކާތްތަކުގެވެސް ހަރަދުތައް އެފަރާތްތަކުން ކުރަން ނިންމާފައި ކަމަށް ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވެ އެވެ. އެހެންކަމަށްވާނީނަމަ މިފިލްމުގެ ޕްރޮމޯޝަނަށް ފިލްމުގެ ބަޖެޓުން އެންމެ ލާރީއެއްވެސް ހަރަދެއް ނުކުރާނެ އެވެ. މިއީ ވެސް މިފިލްމަށް ލިބޭނެ ވަރަށް ބޮޑު ފައިދާ އެކެވެ.

މިފިލްމުގެ ޓައިޓަލްގައި ބުނާގޮތުން، ދޯނީގެ ހަޔާތުގެ މީހުނަށް ނޭނގޭ ގިނަ ވާހަކަތަކެއް މިފިލްމުން އެނގިގެންދާނެ އިރު، ގިނަބަޔަކަށް ނޭނގޭ އޭނާގެ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްވެސް ފިލްމުގައި ފެނިގެންދާނެ އެވެ.

މިހާތަނަށް އިންޑިއާގެ މިހާ ބޮޑު ކްރިކެޓްކުޅުންތެރިއެއްގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާފައިނުވާއިރު، މިފިލްމުގެ ޑައިރެކްޓަރު ނީރާޖް ޕާންޑޭ ބޭނުންވީ ވީހާވެސް ބޮޑަކަށް ފިލްމު ހަގީގަތާ އެއްގޮތަކަށް ހަދާށެވެ. އެގޮތުން މިފިލްމުގެ ހުރިހާ މަންޒަރުތަކެއްވެސް ނަގާފައިވަނީ ދޯނީ އުޅެބޮޑުވި އަވަށް ކަމަށްވާ ރާންޗީގެ އިތުރުން އޭނާ ކްރިކެޓްގެ ދުނިޔޭގައި ފިޔަޖަހަން ފެށުމުގެ ކުރިން ރެއިލްވޭ ޓިކެޓް ކަލެކްޓަރެއްގެ ވަޒީފާ އަދާކުރި ކަރަގްޕުރް ސްޓޭޝަނާއި ހަޔާތުގެ ހުރިހާ ހާދިސާއެއް ހިނގާފައިވާ ތަންތަނުގަ އެވެ.

ދޯނީގެ ފުރަތަމް ލޯބިވެރިޔާ ޕްރިޔަންކާގެ ރޯލުން ސުޝާންތާ އެކު ފެނިގެންދަނީ ދިޝާ ޕަޓާނީ އެވެ. އަދި އޭނާގެ އަންހެނުން ސާކްޝީގެ ރޯލު ކުޅެފައިވަނީ ކިއާރާ އަދްވާނީ އެވެ.