ހަބަރު

ޓެރަރިޒަމްގެ ދައުވާ އަށް ޖަވާބުދާރީވާން ޑިފެންސް މިނިސްޓަރަށް ވެސް ތިން ދުވަސް

Feb 24, 2015

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި މިހާރުގެ ޑިފެންސް މިިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ އަށް ޖަވާބުދާރީ ވުމަށާއި ވަކީލަކު އައްޔަން ކުރުމަށް ޝަރީއަތުން ތިން ދުވަހުގެ މުހުލަތެއް ދީފި އެވެ.

މި މައްސަލާގައި ދައުވާ ލިބޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވަކީލުން ހަމަޖައްސައި ޖަވާބުދާރީ ވުމަށް ދީފައި ވަނީ ތިން ދުވަހުގެ މުހުލަތެކެވެ.

ޖަލީލާއި ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ، ކާނަލް އަހުމަދު ޒިޔާދު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. ޖަލީލަކީ ނަޝީދުގެ ވެރިކަމުގައި ޗީފް އޮފް ސްޓާޓެވެ. އިބްރާހިމް ދީދީ އަކީ އޭރު މާލޭ އޭރިއާގެ ކޮމާންޑަރެވެ.

ނަޝީދާއި ތޮލްހަތުގެ ޝަރީއަތް އިއްޔެ ބާއްވާފައި ވާއިރު މިއަދު ކުރިއަށް ގެންދަނީ މޫސާ އަލީ ޖަލީލާއި އިބްރާހިމް ދީދީ އާއި ޒިޔާދުގެ މައްޗަށް ކުރާ ދައުވާ އެވެ. މި ބޭފުޅުންގެ ޝަރީއަތް މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދާނެ އެވެ.

ޑިސެމްބަރު 16، 2012 ވަނަ ދުވަހުގެ ރޭ އަބްދުﷲ ގާޒީ ހައްޔަރުކޮށް، ޕްރޮސިކިއުޓާ ޖެނެރަލް އާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން އަމުރު ކުރުމުން ވެސް މިނިވަން ނުކޮށް 22 ދުވަސް ވަންދެން ގިރިފުށީގައި ބަހައްޓާފައި ހުރި މައްސަލާގައި ފުރަތަމަ ކުރީ ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރުކުރުމުގެ ދައުވާ އެވެ. ނަމަވެސް މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އެ ދައުވާ އަނބުރާ ގެނެސް ޓެރަރިޒަމްގެ ދައުވާ ކުރީ އެވެ.

ކުރިން ދައުވާ އުފުލީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކަމަށް ވިޔަސް މިހާރު ދައުުވާ އުފުލާފައި ވަނީ އަބްދުﷲ ގާޒީ ހުންނަވާ ކްރިމިނަލް ކޯޓުގަ އެވެ. ނަމަވެސް މި ޝަރީއަތާ ދިމާކޮށް އަބްދުﷲ ގާޒީ ވަނީ ޗުއްޓީ ނަންގަވައިފަ އެވެ.