ރާއްޖެ ކުޅިވަރު

ފީފާގެ މިންގަނޑުން ބޭރުން ބަންގާޅުގެ ސަޕޯޓަރުންނަށް ފުރުސަތު ލިބުނީ ކީއްވެ؟

ފީފާގެ މެޗްތަކަށާއި ބައިނަލްއަގްވާމީ މެޗްތަކުގައި އާންމުކޮށް އަމަލު ކުރަމުން އަންނަ އުސޫލަކީ އަވޭ ޓީމުގެ ސަޕޯޓަރުންނަށް، ވަކި ވަރަކަށް ޓިކެޓް ދޫކުރުމެވެ. ޓިކެޓްގެ ބޮޑުބައެއް ހާއްސަ ކޮށްފައި އޮންނަނީ ހޯމް ޓީމަށެވެ.

ބައިނަލްއަގްވާމި ރަހުމަތްތެރިކަމުގެ މެޗްގައި މިދިޔަ ބުރާސްފަތި ދުވހުގެ ރޭ ރާއްޖެއާ ބަނގުލަދޭޝް ކުޅުނު މެޗްގައި ދަނޑަށް ވަތް ބަނގުލަދޭޝްގެ އެތައް ހާސް ސަޕޯޓަރުންގެ ވާހަކަ އަދިވެސް ފުޓްބޯޅައިގެ ހަވާސާއިން ބޭރު ނުވެއެވެ. ބައިނަލްއަގްވާމީ އެ މެޗްގައި މަތީގައި ފާހަގަކޮށްފައިވާ އުސޫލަށް އަމަލު ކުރާނަމަ، ރާއްޖޭގައި ކުޅޭ މެޗަކަށް ބަނގުލަދޭޝްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ނުވަދެވުނީހެއެވެ. އެމެޗްގައި އަމަލުކޮށްފައިވަނީ ފީފާއިން އަމަލު ކުރަމުން އަންނަ އާންމު މިންގަޑާ ހިލާފަށެވެ.

ދެން އޮތީ މިހެން ވާން ޖެހުނު ސަބަބު ބެލުމެވެ. ރާއްޖޭގެ ދަނޑުގައި ހިތުހުރި ވަރަކަށް އަވޭ ޓީމުގެ ސަޕޯޓަރުންނަށް ދަނޑަށް ވަންނަ ފުރުސަތު ލިބުނީ ކީއްވެހެއްޔެވެ.

މެޗް ކުޅުނު ދުވަހުގެ ހަވީރުވެސް ޓިކެޓް ވިއްކަމުން ދިޔައީ ބަނގުލަދޭޝް ސަޕޯޓަރުންނަށް ވަކި ވަރަކަށް އެލޮކޭޓް ކޮށްގެންނެވެ. ނަމަވެސް ދިވެހި ސަޕޯޓަރުން ޓިކެޓް ގަތް އަދަދު މަދުވުމުން، ބާކީ ހުރި ޓީކެޓްތައް ވިއްކާފައިވަނީ ވަކި ކުލައެއްގެ ސަޕޯޓަރަކަށް ނުބަލައެވެ. ދިވެހިންގެ ފަރާތުން ލިބުނު ތަރުހީބު ކުޑަ ކަމުންނެވެ.

އެފްއޭއެމްގެ ޖެނަރަލްސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އެންމެ ފަހުން ކުޅުނު މެޗަށްވެސް ސަޕޯޓަރުން ވަތް މިންވަރާ ބަލާފައި، ވަކިވަރެއް ދިވެހިންނަށް ހާއްސަކޮށްގެން ވިއްކުމުގެ ވިސްނުމެއް ބަންގާޅު މެޗްގައި ނުގެންގުޅޭ ކަމަށެވެ. އެހެންވެ ޓިކެޓް އޮފިޝަލުން ދިޔައީ ކިޔުއަށް އެރި ކޮންމެ މީހަކަށް ޓިކެޓް ވިއްކަމުންނެވެ.

ބައްސާމް ވިދާޅުވި އަނެއް ސަބަބަކީ ބަނގުލަދޭޝްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި، އެޓީމަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ހިތްވަރަކަށް ވެގެންދާނެއެވެ. އެހެންވެ ރާއްޖެއާ ދެކޮޅަށް ވަރުގަދަ ޓީމެއްގެ ކުޅުން ފެނުމުގެ ފުރުސަތު ދިނުމަކީ ދިވެހި ޓީމަށް ރަނގަޅު ތަޖުރިބާއެއް ވާނެ ކަމެކެވެ.

"ބަނގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅޭ ނަމަވެސް، ގަލޮޅު ދަނޑަށް މި ވަން ސަޕޯޓަރުންނަށް އެފުރުސަތެއް ނުލިބޭނެ. އެހެންވެ މާލޭގައި ތިބި ބަނގުލަދޭޝްގެ ސަޕޯޓަރުން އެޓީމަށް ސަޕޯޓް ކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ވަކިވަރަކަށް އެއްވެސް ޓީމެއްގެ ސަޕޯޓަރުންނަށް އެލޮކޭޓް ނުކުރީ" ކްރިކެޓަށް ފޯރި އޮތް ބަނގުލަދޭޝްގެ ސަޕޯޓަރުންނާ ބެހޭގޮތުން ބައްސާމް ބުންޏެވެ.

ފީފާގެ މުބާރާތްތަކާއި ބައިނަލްއަގްވާމީ މެޗްތަކުގެ ގައިޑްލައިންގެ 7 ވަނަ މާއްދާގެ އެކެއްގެ (ސީ) ގައި ބަޔާންވެގެންވާ ގޮތުގެ މަތިން ބިދޭސީ ސަޕޯޓަރުންނަށް މެޗުން ދޭނެ ޓިކެޓްގެ މިންވަރާއި ތިބޭނެ ތަންތަން ކަނޑައެޅުމުގެ ބާރު މެޗް ކޮމިޝަނަރަށް ލިބިގެންވެއެވެ.

އެހެންވެ ރާއްޖެއަށް ހާއްސަވި ނަމަވެސް، މެޗް ކޮމިޝަނަރުގެ ނިންމުމުން އޮތީ ވަކި ޓީމަކަށް ވަކި ވަރަކަށް އޮލޮކޭޓް ނުކުރުމުގެ ހާއްސަކަން ނުދިނުމަށެވެ. ފީފާއިން އަމަލު ކުރަމުންދާ އާންމު އުސޫލުވެސް މެޗް ކޮމިޝަނަރުންނަށް ބަދަލު ކުރަން ޖެހުނީ ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެނުނު ތަރުހީބުގެ މައްޗަށް ބިނާކޮށެވެ.