ހަބަރު

ރާއްޖެ ދަތުރުކުރުމުގައި ސަމާލުވާން އިނގިރޭސިވިލާތުން ގޮވާލައިފި

Feb 24, 2015
1

ރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން ސަމާލުވުމަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީސް (އެފްސީއޯ) އިން ގޮވާލައިފި އެވެ.

އެއޮފީހުން އިއްޔެ ނެރެފައިވާ ޓްރެވެލް އެލާޓުގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ދައުވާކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން ރާއްޖޭގައި މުޒާހަރާކޮށް ހަމަނުޖެހުންތައް ހިނގަމުން އަންނަ ކަމަށެވެ. އެހެންކަމުން އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އެކަމަށް ސަމާލުވުމަށް ގޮވާލާފައިވެ އެވެ. އަދި، މިފަދަ މުޒާހަރާތަކުގައި އިގިރޭސި ފަތުރުވެރިން ބައިވެރި ނުވުމަށްވެސް އެލާޓުގައި ގޮވާލާފައިވެ އެވެ.

މީގެ އިތުރުން އެ އެލާޓުގައި ބުނެފައި ވަނީ ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ނުހުންނާނޭ ކަމަށާއި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ސްރީލަންކާގައި ހުންނަ އިގިރޭސިވިލާތުގެ ހައި ކޮމިޝަނަށް ގުޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އިނގިރޭސިވިލާތުން މިފަދަ އެލާޓެއް ނެރެފައިވާއިރު މިދިޔަ މަހު ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ޗައިނާ މާކޭޓް ދަށްވެ ރާއްޖެ ދަތުރުކުރި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ.