މިދިޔަ މާޗް މަހު ލަންޑަންގެ އޮކްސްފޯޑް ޔުނިވަސިޓީން ރާއްޖޭގެ ބައެއް ސްކޫލްތަކަށް ހަދިޔާކުރި ލައިބްރަރީ ފޮތްތައް އެންމެ ރަނގަޅަށް ބޭނުންކުރާނެ ގޮތް ޓީޗަރުންނަށް ދަސްކޮށްދިނުމަށް އެ ޔުނިވަސިޓީން ތަމްރީން ޕްރޮގްރާމްތަކެއް މިއަދު ފަށައިފި އެވެ.
އޮކްސްފޯޑް ޔުނިވަސިޓީ ޕްރެސް އާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި ގުޅިގެން މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ ޕްރޮގްރާމް ގައި 40 ސްކޫލެއްގެ ޕްރައިމަރީ ޓީޗަރުން ބައިވެރިވެ އެވެ.
މިއަދުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ދަރިވަރުންނަށް ވީހާވެސް ޅައުމުރުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުން މުހިއްމު ކަމަށާއި، ދަރިވަރުން ފޮތް ކިޔުމަށް އާދަކުރެވިއްޖެނަމަ އެކަމުގެ ފައިދާ ސްކޫލް ދައުރާއި މަސައްކަތުގެ މާހައުލަށް ނިކުތުމަށް ފަހުވެސް ކުރާނެ ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވަނީ އޮކްސްފޯޑް ޔުނިވަސިޓީ ޕްރެސްގެ ބޭފުޅެކެވެ. މި ތަމްރީނުތަކަށް ފަހު ޕްރޮގްރާމްގެ ބައިވެރިން އަތޮޅުތެރޭގެ އިތުރު ސްކޫލްތަކުގެ ޓީޗަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ލައިބްރަރީއަށް ބޭނުންވާ ފޮތްތައް ހޯދުމަށް އޮކްސްފޯޑް ޔުނިވަސިޓީ ޕްރެސް އާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި ދެމެދު ތިން އަހަރު ދުވަހުގެ މުއްދަތަށް 9.5 މިލިޔަން ރުފިޔާގެ އެއްބަސްވުމެއްގައި މިދިޔަ މާޗު މަހު ވަނީ ސޮއިކޮށްފަ އެވެ.
އެގޮތުން ތިން ފިޔަވައްސަކަށް ބަހާލައިގެން ފޮތްތައް ސްކޫލްތަކާއި ހަވާލުކުރުމަށް ނިންމައި، ފުރަތަމަ ފިޔަވަހީގެ ދަށުން މިއަހަރުގެ މާޗް މަހުގެ ފަހުކޮޅު 80 ސްކޫލަކަށް 3.9 މިލިޔަން ރުފިޔާގެ 130،000 ފޮތާއި ސާމާނު ހަވާލުކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ 212 ސްކޫލަކަށް ބޭނުންވާ ލައިބްރަރީ ފޮތްތައް ހޯދުމަށް އޮކްސްފޯޑް ޔުނިވަސިޓީ ހިޔާރު ކުރީ އޮކްސްފޯޑް ރީޑިން ޓްރީގެ ފޮތްތަކަކީ ގައުމީ މަންހަޖް ބައްޓަން ކުރެވިފައި އޮތް ގޮތައް ބަލާއިރު ދަރިވަރުންނަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގޮތަކަށް އެކުލަވާލެވިފައި ހުރި ފޮތްތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.