ރާއްޖެ ކުޅިވަރު

ބިލިއަޑްގެ ކުރިއެރުވުމުގެ އުންމީދުގައި ހުސްއަތާތިބޭތާ އަށް އަހަރު

ކޮންމެ ކުޅިވަރެއްގައިވެސް ކާމިޔާބާ ހަމަޔަށް ވާސިލު ވެވޭނީ ވައިޑީޕީ ޕްރޮގްރާމް ކުރިއަށް ގެންދެވިގެނެވެ. ކުޅިވަރުގައި ބައިނަލްއަގްވާމީ ފެންވަރަށް ދިއުމަށް އޮތް މަގުގެ ފެށޭ ހިސާބަކީވެސް އެއީއެވެ. ރާއްޖޭގައި ގައުމީ ފެންވަރުގައި ކުޅޭ ކުޅިވަރުކުގެ ތެރެއިން ވައިޑީޕީ ޕްރޮގްރާމެއްވެސް ނެތް އެއް ކުޅިވަރަކަށް ބިލިއަޑް ވެގެންދާނެއެވެ. އެހެންވެ އިންޓަ ސްކޫލް މުބާރާތްވެސް ކުރިއަށް ނުގެންދެވޭ ކުޅިވަރަކީ ބިލިއަޑެވެ.

"ބިލިއަޑުން އެކަށީގެންވާ ކާމިޔާބެއް ހޯދުމަށް ބޭނުންވަނީ ވައިޑީޕީ ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ ގޮތެއް. އެކަމަށް އޮތީ އެކަށީގެންވާ ޖާގައިގެ ތަނެއް" މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އަބްދުﷲ ބިޝާރު ވިދާޅުވިއެވެ.

ބިލިއަޑް އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޖާގައިގެ ދަތި ކަމަވެ. މިހާރު ބިލިއަޑް މުބާރާތް ކުރިއަށްދާ ހޯލްގެ ޖާގައަކީ ގާތްގަނޑަކަށް މާލޭގައި ކުއްޔަށް ދެ ކޮޓަރީގެ ސައިޒެވެ.

ވައިޑީޕީ އާއި އިންޓަ ސްކޫލް ކުރިއަށް ގެންދިއުމަށް ހައްލެއް ހޯދުމަށް "މަސައްކަތް ކުރާތާ އަށް އަހަރު ވެއްޖެ އަދި މިހާތަނަށް އުންމީދެއް ލިބިފައި ނުވާ" ކަމަށް ބިޝާރު ވިދާޅުވިއެވެ.

ބިލިއަޑް މިހާރު އޮތް ހިސާބަށްވުރެ މައްޗަށް ގެންދިއުމަށް ކުރިމަތިވެފައިވާ ދަތިތަކުގެ ޝަކުވާ ސަރުކާރުން އަހަންޖެހެ އެވެ. އިއްޔެރޭ ބޭއްވި އިންޓަ އޮފީސް ބިލިއަޑް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް ކޮމިޝަނާ އަހްމަދު ނަޝީދު (ޑޭވް) ވަނީ އެކަމަށް އުންމީދީ ޖަވާބެއް ދެއްވާފައެވެ.

"ބިލިއަޑަށް ހުރި ދަތިތައް ހައްލުކޮށް ދިނުމަށް އަޅުގަނޑު މަސައްކަތް ކުރާނަން" ޑޭވް ވިދާޅުވިއެވެ.

ޑޭވް ވިދާޅުވީ ޒުވާނުން ބާރުވެރިކޮށް، ކުޅިވަރުގައި ޒުވާނުންނަށް ފުރުސަތުތައް ހޯދައި ދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

އެހެންވެ ޒުވާން ބިލިއަޑް ކުޅުންތެރިން އުފެއްދުމުގައި ބިލިއަޑަށްހުރި ދަތިތައް ހައްލުކޮށް ދިނުމުގެ މަސައްކަތައް އެއްބާރުލުން ދިނުމަކީ ޑޭވްގެ ވެސް އަމާޒެކެވެ. "ބިލިއަޑް އެސޯސިއޭޝަނާއެކު، އެ އެސޯސިއޭޝަނަށް ހުރި ދަތިތައް ދެނެ ގަތުމަށް އެބޭފުޅުންނާ އަޅުގަނޑު މަޝްވަރާ ކުރާނަން އަދި މަސައްކަތުގައި އެއްބާރުލުން ދޭން އަޅުގަނޑު މިހުރި ތައްޔާރަށް" ޑޭވް ވިދާޅުވިއެވެ.

"މިއީ ޅައުމުރުގައި ނުފެށިއްޖެނަމަ އެންމެ ފުރިހަމަ ގޮތުގައި ޓެކްނިކްސްތަކާއި ރޭވުންތެރިކަން ބޭނުން ކުރުމުގައި ދަތިތަކެއް ހުންނާނެ ކުޅިވަރެއް. އުމުރުގެ ވަކި ހިސާބަކުން މި ލިބެނީ ބިލިއަޑް ކުޅެލަން އެހެންވީމަ ވާ ގޮތަކީ އެޓެލެންޓް ފުރިހަމަކޮށް ނުފެއްކޭ" ބިޝާރު ވިދާޅުވިއެވެ،

ބިލިއަޑްގެ ވައިޑީޕީ ޕްރޮގްރާމާއި އިންޓަ ސްކޫލް ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ އުންމީދުގައި ބިލިއަޑް އެސޯސިއޭޝަން ތިބޭތާ އަށް އަހަރުވީއެވެ. އަދި މިހާތަނަށް އެއުންމީދު ހާސިލުކުރަން ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.