ހަބަރު

ޕީޖީ އާއި ގާޒީ ޑީޑީއަށް ގައުމުތަކަށް ނުދެވޭގޮތް ހަދަން ގޮވާލައިފި

Feb 24, 2015

ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް އޭނާ ހައްޔަރުކޮށްފައިވާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒު މުހްސިން އާއި މި މައްސަލައިގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އޭޝިއަން ސެންޓާ ފޯ ހިއުމަން ރައިޓްސް އިން ގޮވާލައިފި އެވެ.

އެއަށް ފަހު ބުނެފައި ވަނީ ޕީޖީ މުހްސިން އާއި ފަނޑިޔާރު އަބްދުﷲ ދީދީ އަށް އެމެރިކާ އާއި ޔޫރަޕް އަދި އިންޑިއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކަށް ދަތުރުނުކުރެއްވޭ ގޮތަށް މި ދެ ބޭފުޅުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ދިނުމަށް މި ގައުމުތަކުގައި މިހާރު އެދިފައިވާ ކަމަށެވެ.

މި ޖަމިއްޔާގެ ޑިރެކްޓާ، ސުހާސް ޗަކްމާގެ ނަމުގައި ނެރެފައިވާ މި ބަޔާނުގައި، ކޯޓަށް ގެންދިޔަ މަގުމަތީގައި ނަޝީދަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ވެސް ގޮވާލާފައިވެ އެވެ.

މީގެ އިތުރުން، އިންސާނީ ހައްގުތަކުގެ މައްސަލާގައި ޕީޕީއެމްގެ ސަރުކާރު ފަހަތަށް ޖެހެމުންދާ ނަމަ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް މައްސަލަ ހުށަހަޅައިގެން މި މައްސަލަ އިތުރަށް ހޫނުކުރާނެ ކަމުގެ އިންޒާރު ވެސް މި ބަޔާނުގައި ދީފައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ވާދަވެރިންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ދާ ނަމަ ޖެނީވާގައި އަންނަ މާޗް މަހު ބާއްވާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅަން ޖެހިދާނެ ކަމަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައި އޭނާ ހައްޔަރުކޮށްފައި ވަނީ ޝަރީއަތަށް ފިއްލަވާފާނެ ކަމަށް ބުނެ އެވެ. ނަޝީދު ވަނީ ކުރިން ވެސް މިފަދަ މައްސަލައަކާ ދިމާކޮށް އިންޑިއާގެ ހައިކޮމިޝަނަށް ވަދެ ވަޑައިގެން ސަރުކާރަށް ފިއްލަވައިފަ އެވެ.

ނަޝީދު ހައްޔަރުކުރުމާ ގުޅިގެން ސިޔާސީ މަސްރަހް ވަނީ ނިކަން ހަލަބޮލިވެ ސިލްސިލާ މުޒާހަރާތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ. އެގޮތުން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓުންނާއި އިސް މެމްބަރުން ދަނީ ސިލްސިލާ މުޒާހަރާތަކެއްކޮށް ސަރުކާރު ބަދަލުކޮށްލާނެ ކަމުގެ އިންޒާރު ދެމުންނެވެ.