ބޮލީވުޑް

ނިއުޔޯކް ފެޝަން ވީކްގައި ހިނގާލާ ފުރަތަމަ ބޮލީވުޑްގެ ތަރިއަކަށް ސަނީ ލިއޯން

Sep 6, 2016

ބިގް ބޮސްއިން އިންޑިއާގައި މަގުބޫލުވެގެން ދިޔަ ސަނީ ލިއޯން އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ އެންމެ ކުރީ ސަފުން ޖާގަ ހޯދި ބަތަލާއެކެވެ.

މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ފަނަރަ ވަނަ ދުވަހަށް ނިއުޔޯކްގައި ކުރިއަށްދާ ނިއުޔޯކް ފެޝަން ވީކްގެ ސްޕްރިންގެ ކަލެކްޝަން ދައްކާލުމަށް ބާއްވާ ފެޝަން ޝޯގައި ހިނގަލާ ފުރަތަމަ ބޮލީވުޑްގެ ތަރިއަކަށް ސަނީ މިވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ މަޝްހޫރު ޑިޒައިނަރު އަރްޗަނާ ކޮޗާރްގެ ހެދުމެއްގައި މިޝޯ ފައްޓާ އިވްނެޓްގައި ހިނގާލާނެކަން ސަނީ ވަނީ އޭނާގެ ފޭނުންނާ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. ސަނީ ކުރި ޓްވީޓްގައި ވަނީ މިފަދަ ބޮޑު ޝޯއެއްގައި ހިނގާލުމުގެ ފުރުސަތު ލިބުމަކީ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ބުނެފަ އެވެ. އަދި ސަނީ ވަނީ އޭނާ އަށް މިފުރުސަތު ދިން ކަމަށްޓަކައި އަރްޗަނާ އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ސްޕްރިންގް ކަލެކްޝަންގައި އަރްޗަނާ ދައްކާލުމަށް ހަމަޖެހިފައިވަނީ "އަ ޓޭލް އޮފް ޓޫ ޓްރެވެލްސް" ގެ ނަމުގައި ޒަމާނީ އިންޑިއާގެ ހެދުންތަކެކެވެ.

"ޖިސްމް 2" އިން ބޮލީވުޑަށް ތައާރަފުވި ސަނީ މިހާތަނަށް 15 ހިންދީ ފިލްމަކުން ފެނިގެން ގޮސްފަ އެވެ. ދެފިލްމެއްގެ މަސައްކަތް މިހާރު ވެސް ސަނީ ކުރަމުން އަންނައިރު، އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްވާ ޝާހްރުކް ޚާންގެ "ރައީސް" ގެ އައިޓަމް ލަވައަކުން ވެސް އޭނާ ފެނިގެންދާނެ އެވެ.

އެގާރަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފެޝަން ޝޯގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނަން މަޝްހޫރު ޑިޒައިނަރުން އެމީހުން ފަރުމާކޮށްފައިވާ ހެދުންތައް ދައްކާލާނެ އެވެ.