ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ އިންޑިއާ ރައްޔިތަކު މަރާލާފައިވާ ކަމަށް ބުނެ، މަރުވި މީހާގެ އާއިލާއިން އިންޑިއާ ފުލުހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށް، އެ މީހާގެ މަރުގެ މައްސަލާގައި ރާއްޖޭގެ ފުލުހުން މިހާތަނަށް ކުރި ތަހުގީގުގެ އެއްވެސް ދިމާލަކުން ބަޔަކު އޭނާ މަރާލީކަމަށް ޝައްކު ކުރެވޭ ކަމެއް ފެނިފައި ނުވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސާ އިސްމާއިލް އަލީ މިރޭ ވިދާޅުވީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 8:30 ހާ އިރު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ޅ. އޫކޮޅުފުށީގައި އެރަށުގައި މަސައްކަތްކުރަން އުޅުނު އިންޑިއާ މީހަކު ދަންޖެހިފައި ހުއްޓާ ބަޔަކަށް ފެނިގެން ރިޕޯޓު ކުރި ކަމަށެވެ. އެއާ އެކު އެރަށަށް ފުލުހުން ގޮސް އޭނާގެ ހަށިގަނޑު ނަގައިގެން ޑޮކްޓަރަށް ދެއްކި ކަމަށާއި ޑޮކްޓަރު ބެލުމަށްފަހު ވެސް އޭނާއަށް ބަޔަކު އެއްވެސް ވަރަކަށް އަނިޔާކުރަން މަސައްކަތް ކޮށްފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ބުނި ކަމަށެވެ.
އިސްމާއިލް ވިދާޅުވީ އެއީ މަރުގެ މައްސަލައަކަށް ވާތީ އެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން ވެސް އެ މީހާގެ މަރަކީ އިތުރު ބަޔަކު ޝާމިލުވާ މަރެއް ކަމަށް ސާބިތުވާ ހެއްކެތް ލިބިފައި ނެތް ކަމަށެވެ.
"އެމީހުން އެ ބުނާ މަރުގެ ކޭސް އަކީ އަޅުގަނޑުމެން މި ބުނާ މީހާގެ މައްސަލަ. އެކަމަކު ފުލުހުން މިހާރުވެސް އެ ކޭސް ތަހުގީގު އެބަ ކުރޭ. ތަހުގީގުގެ އެއްވެސް ދިމާލަކުން، ބަޔަކު އޭނާ މަރާލީ ކަމަށް ކުރެވޭ ތުހުމަތެއް ނެތް، އަދި ތުހުމަތު ކުރެވޭ ބައެއް ވެސް ނެތް،" އިސްމާއިލް ވިދާޅުވި އެވެ.
މަރުވި މީހާގެ އާއިލާއިން އޭނާ މަރާލީ ކަމަށް ބުނެ އިންޑިއާ ޕޮލިސް ގައި މައްސަލަ ޖައްސާފައިވާއިރު، އެ މައްސަލާގައި އެ އާއިލާއިން ރާއްޖޭގެ ފުލުހަށް ގުޅާފައި ނުވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.