ރައީސް މުހައްމަދު ނަޝީދު

މައުމޫން ހުންނެވީ އެކުގައި، ވަރަށް ގިނަ ކަންކަން ވާނެ: ނަޝީދު

މިހާރުގެ ސަރުކާރު ބަދަލުކޮށް، އިންތިގާލީ ސަރުކާރެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ރާވަމުންދާ ކަމަށާއި އެކަންކަން ވާނެ ކަމަށް އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު ވިދާޅުވީ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ރައީސް މައުމޫން ވެސް އެކުގައި ހުންނެވި ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް ކުރީގެ ރައީސް މައުމޫން އެފަދަ އެއްވެސް އިޝާރާތެއް ދެއްވާފައެއް ނުވެއެވެ.

އިންޑިއަން އެކްސްޕްރެސްއަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމުވެގެންދާނެ ކަމަށް ގަބޫލުކުރަން ޖެހޭ ވަރަށް ބައިވަރު ސަބަބުތައް އެބަ ހުރި ކަމަށެވެ. އިންތިގާލީ ސަރުކާރެއް 2018 ގެ ނިޔަލަށް ރާއްޖޭގައި ވެރިކަން ކުރާނެ ކަމަށެވެ.

"ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެނބުރި ރާއްޖެ ދާނަން، ވަރަށް ގިނަ ކަންކަން ވާން އެބަހުރި، އަހަރެމެން މިދަނީ އެކަންކަމަށް މަސައްކަތް ކުރަމުން، ވަރަށް އަވަހަށް އިންތިގާލީ ސަރުކާރު ގާއިމުވުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު އެކަންކަމަކީ ކޮބައި ކަމެއް އަދި އިންތިގާލީ ސަރުކާރެއް ގެނައުމަށް ކުރައްވާ މަސައްކަތްޕުޅުތަކެއް ނަޝީދު ހާމައެއް ނުކުރައްވަ އެވެ.

ނަޝީދު އިއްޔެ ލަންކާއިން ފުރާވަޑައިގެންނެވިއިރު، ލަންކާގައި ސަރުކާރު ވައްޓާލުމަށް ރޭވުންތައް ރާވައި އެކި ފަރާތްތަކާ އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. މި ބައްދަލުވުންތަކުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ބައިވެރިވި އެވެ. ނަމަވެސް އިންތިގާލީ ސަރުކާރެއްގައި ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު މީގެން އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވުމަށް ލަންކާއަށް ވަޑައިގެންފައެއް ނުވެ އެވެ.

ނަޝީދު ވިދާޅުވީ، ސުލްހަވެރި ސިޔާސީ ހަރަކާތްތަކުން ދުރަށް ވަޑައިގަތުމަށް އެމަނިކުފާނު ބޭނުންނުވާ ކަމަށާއި އެހެން ނަމަވެސް ވެރިކަން ކޮންމެ ފަހަރަކު ބަދަލުކޮށްފައިވަނީ ވޯޓުން ނޫން ކަމަށެވެ. ނަޝީދު ވަނީ އެމަނިކުފާނު ވެރިކަމުން ބަދަލުކޮށްފައިވަނީ ވޯޓުން ނޫންކަން ފާހަގަކުރައްވާފަ އެވެ. އެހެންނަމަވެސް ރާއްޖޭގައި ބާޣާވާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތެރެއިން ވޯޓެއް ނަގައި، ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުން ވަނީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް ބޭނުންވަނީ ޑިމޮކްރަސީގެ ތެރެއިން ވެރިކަން ބަދަލުވެގެން ދިޔުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ، އިދިކޮޅު ފަރާތްތަކުން ބަޣާވާތެއް ރޭވުމަށް މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ސަރުކާރު އެއަށްވުރެ ވަރުގަދަ ކަމަށާއި ވެރިކަން ނުވެއްޓޭނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ބަޣާވާތެއް ލަންކާގައި ހުންނަވައިގެން ނަޝީދު ރާވަމުންދާކަމުގެ ތުހުމަތުތައް ކުރެވުމުން ލަންކާގެ ސަރުކާރުން ވަނީ ނަޝީދުގެ އެއްވެސް އަމަލަކާމެދު ކަންބޮޑުނުވާ ކަމަށް ބުނެފަ އެވެ. އަދި ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ކަމަށް ބުނެފަ އެވެ. މިކަމަށްޓަކައި ނަޝީދު ވަނީ ލަންކާއަށް ޝުކުރު އަދާކޮށްފަ އެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނު ލަންކާއަށް ވަޑައިިގަތީ ސައްހަ ޕާސްޕޯޓެއްގައި ވިސާ ލިބިގެން ކަމަށެވެ. އަދި ލަންކާ ސަރުކާރު ރުޅިއަރުވަން އެމަނިކުފާނު ބޭނުންނުވާ ކަމަށާއި އެއްވެސް ގޯސް ކަމެއް ލަންކާގައި ނުކުރައްވާ ކަމަށެވެ. ލަންކާގައި ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނު ހައްޔަރުކުރުމަށް ކުރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނެވެ. ނަމަވެސް އެމަނިކުފާނު މިހާރު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.