ފިނިޕޭޖް

މައުރީން އާއި މޫސައަކީ ފެވަރިޓުން: މި ލިސްޓުގައި ދެން ކޮން ނަމެއް؟

އަނެއްކާވެސް މޯލްޑިވިއަން އައިޑޮލްގެ ފޯރިގަނޑެއް އަރައިގެން އެހެރަ ކެކިގަންނަނީ އެވެ. މި ފޯރިގަނޑެއްގެ ބާރުމިން ހުރިވަރުން މި ރާއްޖޭގައި ދެ އިރު ދެ ދަޅައަށް މޯލްޑިވިއަން އައިޑޮލް ބާއްވަނީއޭ ވެސް ބައެއް މީހުންނަށް އެބަ ހީވެ އެވެ.

މިސާލަކަށް މިކަހަލަ މީހުންނަށެވެ.

"އިންޑިއާގައި އިންޑިއަލް އައިޑޮލް ބާއްވަނީ އަހަރަކު އެއްފަހަރު މިރާއްޖޭގައި އަހަރަކު ކިތައްފަހަރުބާ! ކޮންމެ ކަމެއްގައިވެސް އަހަރެމެން މިތިބެނީ ހައްދުން ނެއްޓިފައި. އެންމެ އަލިގަދަ ތަރި އަހަރަކު ދެ ފަހަރު ބޭއްވުން މާރަގަޅުވާނެ،" މިއީ މޯލްޑިވިއަން އައިޑޮލްގެ އެންޓަޓެއިންމަންޓް ޑޯޒް ދިވެހިންނަށް މާ ގިނައިން ދޭހެން ހީވެ ކަންބޮޑުވެފައިވާ ކިޔުންތެރިއެއްގެ ހިޔާލެވެ.

އެހެންވީމަ، ވެގެން މި އުޅޭ ގޮތް ކުޑަކޮށް ސާފުކޮށްލާފައި މައުރީނަކާއި މޫސައަކާއި އައިޑޮލެއްގެ ވާހަކަ ފަށައިގަންނާނީ އެވެ.

ކުރިއަށް އޮތީ މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަން އެވެ. މި ސީޒަން ޓީވީ އަށް އަންނާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. މިހާރު ކުރިއަށް މި ދަނީ ތައްޔާރީތަކެވެ. ރާއްޖޭގައި މޯލްޑިވިއަން އައިޑޮލް މަގްބޫލުކަމުން ނުވަތަ އެންމެ އަލިގަދަ ތަރިއަށް ވުރެން މި ޝޯއެއް މަޝްހޫރުކުރަން، އަހަރުގެ ދެ ކޮޅު ޓީވީއެމުން މޯލްޑިވިއަން އައިޑޮލް ގެނެސްދެނީކީއެއް ނޫނެވެ.

ކޮންމެއަކަސް، މޯލްޑިވިއަން އައިޑޮލްގެ އެނބުރި އައުމަށް ގައުމު ފޫގަޅައި ތައްޔާރުވަމުންދާ މި މަރުހަލާގައި މިހާރު އެންމެ ފޯރިއެއް އަރައިގެން އުޅެނީ ޝޯގެ ފުރަތަމަ ސީޒަން ހުށަހަޅައިދިން ދެ ހޯސްޓުން ކަމުގައިވާ އައިމިނަތު މައުރީނާ އާއި މޫސާ ވަސީމް ޝޯ އަށް އެނބުރި ނައިސްފާނެތީ އެވެ. ޓުވިޓަރާއި ފޭސްބުކުގައި ރަށްވެހިވެގެން އުޅޭ ދިވެހިންގެ އެންމެ ހޫނު ބަހުސަކީ ވެސް މި ދުވަސްކޮޅު މިއީ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ހޯސްޓަކަށް ފަހަރަކު މީހަކު ޓެގުކުރަމުން އެހެރަ ގެންދަނީ އެވެ. އެކަމަކު އެންމެން ވެސް ބުނަނީ، މައުރީން އާއި މޫސަ އަކީ އަދިވެސް ފެވަރިޓުން ކަމަށެވެ.

ފެވަރިޓުން، އެކަމަކު އެމީހުން ބައިތިއްބާވަރުވޭތަ؟

ބައެއް މީހުން ބުނަނީ މިހެންނެވެ. އަނެއް ބަޔަކު ބުނަނީ، އެ މައުރީނަކާއި މޫސަ ވަރެއް ނެތް ކަމަށެވެ! ވަކިން ހާއްސަކޮށް މައުރީނާ ޝޯގެ ކޯ ހޯސްޓެއްގެ ގޮތުގައި އެނބުރާ ގެނައުމަށް ގޮވާލާ މީހުންގެ އަޑުގަދަ އެވެ. މޯލްޑިވިއަން އައިޑޮލް އިން މައުރީންގެ "ފޭންބޭސް" އެއް އުފެދި ކެކެން ފެށިކަން ވެސް ޔަގީނެވެ.

މިސާލަކަށް މިކަހަލަ ތެދުވެރި، ވަފާތެރި ފޭނުންނެވެ.

"މައުރީން ދޫކޮށްނުލާތި، އެއީ އައިޑޮލް ހިޓްވި ހަމަ އެކަނި ސަބަބަކީ."

ހަގީގަތަކީ މިއީ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު "މޯލްޑިވިއަން އައިޑޮލްގެ މައުރީން ފެކްޓާ" އަކީ ހަމަ ހަގީގަތުގައި ވެސް އޭނާގެ ފޭނުން ދައްކާ މިފަދަ ވާހަކަތައް ވެސް ހަގީގަތެއްގެ ގޮތުގައި ގަބޫލުކުރާ މިންވަރަށް ސިކުނޑި ގޭސްކޮށްލާ ވަރުގެ ހައިރާންކަމެކެވެ. އެހެން ނަމަވެސް ހޯސްޓަކަށް މައުރީން ކަމުނުދިޔަ މީހުން ތިބީ އަދިވެސް އެގޮތުގަ އެވެ.

އަޅުގަނޑަކީ ޓީވީ ޕްރެޒެންޓަރުން ހޮވައި ވަނަ ދޭ މީހެއް ނޫނެވެ. އެކަމަކު ފެންނަ މަންޒަރާއި އާންމުން ދައްކާ ވާހަކަތަކަށް ބުރަވެ އެއްޗެއް ބުނަނީ ނަމަ މޯލްޑިވިއަން އައިޑޮލްގެ ފުރިހަމަ ހޯސްޓަކީ މޫސާ ވަސީމެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަނެއް އެނބުރި އަންނައިރު މި ދެ ހޯސްޓުންނަށް އެ ސްޓޭޖު ދޫކޮށްލުން ނުވަތަ ދެ ހޯސްޓުން ސްޓޭޖުން ބޭރުކޮށްލުން އެއީ ހަމަ އެންމެ ރަނގަޅުގޮތްތޯ މިއީ ވިސްނާލަން ޖެހޭ ވަރުގެ ކަމެކެވެ.

ޝޯ ހުށަހަޅައި ދިނުމުގެ ހުނަރު މައުރީނަށް ލިބިފައިވާ މިންވަރާ މެދު ބައެއްގެ މެދުގައި ސުވާލު އުފެދިދާނެ އެވެ. އަދި މޫސަ އަށް ވުރެ މައުރީން މަޝްހޫރު ކަމާ މެދުގައި ވެސް ސުވާލު އުފެދިދާނެ އެވެ. ނަމަވެސް ސުވާލެއް އުފެއްދެން ނެތް އެއް ކަމެއް އެބައޮތެވެ.

އެއީ މި ދެ ހޯސްޓުންނަކީ ވެސް ހީކުރިގޮތާ ހިލާފަށް ނިކަން ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދި ދެ ހޯސްޓުން ކަމެވެ. އެ ފެންވަރުގެ ޝޯއެއް ހޯސްޓްކުރުމުގެ ހުނަރަށް އެންމެ ފުރިހަމަ އަށް ފައްކާވެފައި ނެތަސް އެންމެފަހުން އެ ދެ މީހުންގެ އެ އުނިކަމުގެ ވާހަކަ ދެއްކި ބަޔަކު ނެތެވެ. އަނެއްކޮޅުން މައުރީނާއި މޫސަ އަށް ވުރެން ވަކި ރަނގަޅު އެހެން ހޯސްޓުން މި ރާއްޖެއިން ލިބިދާނެތޯ މިއީ ވެސް ބަޔަކު މީހުން ކުރާ ސުވާލެކެވެ.

ދެން ތިބީ ކޮން ބައެއް؟

ރާއްޖޭގެ އެންމެ މަޝްހޫރު ޓީވީ ޕާސަނާލިޓީންގެ ލިސްޓެއް އެކުލަވައިލަވަނީ ނަމަ، އަބަދަށް ފެހު، އެންމެންގެ ފެވަރިޓް، މަރިޔަމް ވަހީދާ (މަރީ) ގެ ނަން އެ ލިސްޓެއްގައި ނުހިމަނައި ފުރިހަމައެއް ނުވާނެކަން ޔަގީނެވެ. މޯލްޑިވިއަން އައިޑޮލްގެ ހޯސްޓުކަމުން މައުރީން ބޭރުކޮށް، މަރީ އެ މަގާމުގައި ބެހެއްޓުމަށް އެއް ބަޔަކު ސޯޝަލް މީޑިއާގައި ގޮވާލަނީ މިހެންވެ ކަމަށް ވެދާނެ އެވެ.

އެކަމަކު، މަރީ، އެ ސަޅިކަމާއި، އަބަދަށް ފެހިކަމުގައި ދޫކޮށްލަމާ ހިނގާށެވެ. މޯލްޑިވިއަން އައިޑޮލް އަކީ އެއްގޮތަކަށް ވެސް މަރީއާ ގުޅޭ ޕްލެޓްފޯމެއް ނޫނެވެ. މަރީ އާއި މައުރީން އެއްތަންކޮށްފައި އޭގެ ތެރެއިން އައިޑޮލްގެ ހޯސްޓަކަށް ހޮވާނީ ކާކު ހެއްޔޭ މީހަކު ސުވާލުކޮށްފި ނަމަ އަޅުގަނޑުގެ ހޮވުމަކަށް މައުރީން ހަދާނީ ވެސް އެހެންވެގެންނެވެ.

މި ޕްލެޓްފޯމަށް ހަމަ އެންމެ ރަނގަޅަކީ ހުނަރާއި ތަޖުރިބާގެ ގޮތުން ދަށަސް، އާ ނުވަތަ ތަންކޮޅެއް ތާޒާ މޫނެއް ކަމަށްވާތީ އެވެ. ފާޑުކިޔުން ވެސް ކޮންމެވެސް ވަރަކަށް އަމާޒުވާ ހޯސްޓަކު ޝޯގައި ބެހެއްޓުމަކީ ޝޯއަށް ވެސް އެންމެ ފައިދާބޮޑު ގޮތެއް ނޫން ހެއްޔެވެ؟

މަރީ އަކީ "ހަގީގީ ފެވަރިޓެކެވެ." އެކަމަކު މައުރީނަކި މިފަދަ ބޮޑު އޯޑިއަންސެއްގެ މެދުގައި ކައްކާ ރިހަގަނޑަކަށް ހަމަ އެންމެ ރަހަހެޔޮވަރު އިންގްރިޑިއަންޓެވެ. -- މަގްބޫލުވުމާއި މަޝްހޫރުވުމާއި ރީތިވުން އަދި އާންމުންގެ އެހެން ޝައުގުވެރިކަންކަމާ ވެސް މައުރީނުގެ ނަން ގޮސް ގުޅޭގުޅުން ބުނެދެނީ ހޯސްޓަކަށް މައުރީން ނެތް ވާހަކަ އެވެ.

އެނގޭ ހެއްޔެވެ! ބައެއްފަހަރަށް ނުވަތަ ބައެއް ހާލަތްތަކުގައި، ކާމިޔާބީގެ އިންޖީނަކީ ހަމައެކަނި ހުނަރުވެރިކަމެއް ނޫނެވެ.

ހަމީޝް ކިހިނެތްވާނެ؟

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އަކީ ނިމިގެން ދިޔަ މޯލްޑިވިއަން އައިޑޮލްގެ ޖަޖެކެވެ. އޭނާގެ ފިރިމީހާ ހަމީޝް އަކީ ހަމަ އެވަރަށް މަޝްހޫރު ހޯސްޓެއްކަން އެއީ ދެން އަހަރެމެން އެންމެނަށް ވެސް އެނގޭ ވާހަކައެކެވެ.

ރާއްޖޭގެ މަޝްހޫރު ހޯސްޓުން ވާހަކަ ދައްކާ ނަމަ މިއީ ވެސް މޯލްޑިވިއަން އައިޑޮލްގެ ހޯސްޓުންގެ ލިސްޓުގައި ހިމަނާ ވަރުގެ ނަމެކެވެ. އެކަމަކު ފަހަރެއްގައި ހަމީޝް، އެންމެ މަގްބޫލު ހޯސްޓަށް ނުވެދާނެ އެވެ.

ޓީވީ ސްކްރީނުން އަހަރެމެންނާ ބައްދަލުކުރާ އެންމެ މަޝްހޫރު "ހޯސްޓް ޖޯޑުންނަކީ" ކޮބައިތޯ ސުވާލުކޮށްފި ނަމަ އެމީހުންނަކީ މިޒްނާ އަހުމަދާއި ވައްޑޭ އެވެ. ފިލްމީ އުދަރެސްއޭ ކިޔުނު ޕްރޮގްރާމަކުން މި ދެ މޫނެއް އާންމުވެ ގިނަވެގެން ދިޔަ މިންވަރަށް ބަޔަކު މީހުން ފޫހިވެސް ވެދާނެ އެވެ.

އެހެން ނަމަވެސް ރާއްޖެ އިން ހޯސްޓުން ހޮވާ ނަމަ، މި ނޫން އެހެން ބަޔަކު އަހަރެމެންނަށް ލިބޭކަށް ނެތެވެ. އަދި އަޅުގަނޑުގެ އަމިއްލަ ހިޔާލެއް ހިއްސާކުރަނީ ނަމަ މީގެ ތެރެއިން ހަމަ އެކަކު ވެސް އަޅުގަނޑަކަށް މޯލްޑިވިއަން އައިޑޮލް ހުށަހަޅަން ކަމަކުނުދެ އެވެ.

އެހެންވީމަ، އުއްމީދުކުރާ ފެންވަރު ނެތަސް، މައުރީނާއި މޫސައާ އެކު މޯލްޑިވިއަން އައިޑޮލް އެނބުރި އަންނާނެ ކަމަށް ގަބޫލުކޮށް މި ހާސަރެއް ނިންމާލަމާ ހިނގާށެވެ.