ބޮލީވުޑް

ޝާހްރުކްގެ އާ ފިލްމުގައި ކަންގަނާއެއް ނޫން، މިފަހަރު ވެސް ކެޓްރީނާ

Sep 7, 2016
1

ޑައިރެކްޓަރު އަނަންދް އެލް ރާއި ދެން އުފައްދާ ފިލްމުގައި ސުޕަސްޓާ ޝާހްރުކް ޚާން ފެނިގެންދާނީ ޑްވާފެއްގެ ރޯލުންނެވެ.

ޝާހްރުކް އާއެކު މިފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ "ކުއީން" ގެ ބަތަލާ ކަންގަނާ ރަނާވަތު ކަމަށް ވަނީ އަޑުތައް އަރާފަ އެވެ. މިދެތަރިން މީގެކުރިން ފިލްމަކުން އެކުގައި ފެނިގެން ގޮސްފައިނުވާތީ މިފިލްމުގެ ލީޑްރޯލުން މިދެތަރިން ފެނުން ގާތްކަމަށް އޮތީ ބެލެވިފަ އެވެ.

އަނަންދް މީގެކުރިން ޑައިރެކްޓްކުރި ދެފިލްމެއް ކަމަށްވާ "ތަންނޫ ވެޑްސް މަންނޫ" އާއި އޭގެ ދެވަނަ ބަައިގެ ބަތަލާގެ ރޯލުން ކަންގަނާ ފެނިގެންގޮސްފައިވާތީ ބެލެވިފައި އޮތީ ޝާހްރުކް އާއެކު ކަންގަނާ މިފިލްމުން ފެނިގެންދާނެ ކަމަށެވެ.

ނަމަވެސް ކަންގަނާގެ ބަދަލުގައި މިފިލްމުގައި ޝާހްރުކާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފް ކަމަށް ފިލްމުގެ ޑައިރެކްޓަރު މިވަނީ ނިންމާފަ އެވެ. މިއީ 2012 ވަނަ އަހަރު ނިކުތް "ޖަބް ތަކްހޭ ޖާން" އަށް ފަހު މިދެތަރިން އެކުގައި ފެނިގެންދާނެ ދެވަނަ ފިލްމެވެ.

ކެޓްރީނާ އަށް މިފިލްމުގެ ބަތަލާގެ ރޯލު ހުށަހެޅި ނަމަވެސް އެންމެ ފުރަތަމަ އަނަންދް ބޭނުންވީ މިރޯލު ކަންގަނާ އަށް ދޭށެވެ. ނަމަވެސް "ތަންނޫ ވެޑްސް މަންނޫ" ގެ މަންޒަރުތައް ނެގިއިރު، ކަންގަނާ ފިލްމުގެ ޝޫޓިންގެ ތެރޭގައި އުޅުނު ގޮތުން މިފިލްމު އޭނާ އަށް ދޭން އަނަންދަ ބޭނުންނުވީ އެވެ. މީގެއިތުރުންވެސް ކަންގަނާ އަކީ ފިލްމުގެ ސްކްރިޕްޓަށާއި އޭނާ އެފިލްމެއްގައި ބޭނުންކުރާ ކޮސްޓިއުމްގެ އިތުރުން ފިލްމުގެ ހުރިހާ ކަމަކަށް ފާޑުކިޔާ މީހަކަށް ވުމުން އޭނާ މިފިލްމުގައި ހިމަނައި، އޭނާ އާއި ޝާހްރުކް ފަދަ ބޮޑު ދެތަރިން އެއް ފިލްމެއްގައި ނުގެންގުޅެވޭނެތީ އަނަންދް ބޭނުންނުވީ ކަމަށް ފިލްމު ކްރިޓިކް ރާޖީވް މަސަންދް ބުނެފައިވެ އެވެ.

މިހާތަނަށް ކަންގަނާ އާއެކު މަސައްކަތްކުރި ހުރިހާ ޑައިރެކްޓަރުން ވެސް ވަނީ އޭނާ އަކީ ފިލްމުގެ ޝޫޓިން އަށް ހުރަސް އެޅޭ ގޮތަށް އަމަލުތައް ގެންގުޅޭ އަދި ވަރަށް ކަންތައް ބޮޑު ކޮށްގެން އުޅޭ ތަރިއެއްގެ ގޮތުގައި ސިފަކުރާ ބަތަލާ އެކެވެ.

އެހެންކަމުން ވަރަށް އަވަހަށް މިފިލްމުގެ ބަތަލާއަކަށް ކެޓްރިނާ ސޮއިކުރަން ހަމަޖެހިފައިވާއިރު، އޭނާގެ އިތުރުން އަދި އެހެން ބަތަލާއެއް ވެސް ފިލްމުގައި ފެނިގެންދާނެ އެވެ. އެރޯލު ކެޓްރީނާއާ އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ ދިޕިކާ ޕަދުކޯން އަށް ހުށަހަޅާފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

ޝާހްރުކް ޑްވާފެއްގެ ރޯލުން ފެނިގެންދާ މިފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް އާނަންދް ބުނެފައިވާއިރު، ފިލްމުގެ ޝޫޓިން ފެށޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ފިލްމު 2018 ވަނަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު ރިލީޒްކުރާނެކަން ވަނީ އިއުލާންކޮށްފަ އެވެ.