ރާއްޖެ ކުޅިވަރު

ހަތަރު ލަނޑު ޖެހިޔަސް ރާއްޖެ އަތުލެވޭނެ: ލާއޯސް ކޯޗް

އޭޝިއަން ކަޕް ކޮލިފައިން އިން ޖާގަ ހޯދުމަށް މިރޭ ރާއްޖެއާ ދެކޮޅަށް ކުޅުނު ޕްލޭއޮފް ފުރަތަމަ ލެގުގައި ރާއްޖެ އަތުން 4-0 ބަލިވި ނަމަވެސް އަންނަ މަހު ލާއޯސްގައި ކުޅޭ މެޗުން ރާއްޖެ އަތުލެވޭނެ ކަމަށް ލާއޯސްގެ ކޯޗް ވަލަކޯން ފޮމްފްކާޑީ ބުނެފިއެވެ.

ރާއްޖެއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދުމަށް ނިކުތް ފޮމްފްކާޑީ ބުނީ "ޓީމު މެޗަށް ދަތުރު ކޮށްފައި އަންނަ ޖެހުމުން ވަރުބަލިކަންވެސް ހުންނާނެ. ނަމަވެސް އަހަރެމެން ރަށުގައި ކުޅޭ މެޗް އެއާ ތަފާތު ވާނެ އުންމީދު ކުރަނީ އެ މެޗުން ނަތީޖާ ނެރެ އަނެއް ބުރަށް ދެވޭނެ" ކަމަށެވެ.

އޭނާ ބުނީ ދެ ވަނަ ހާފު ރަނގަޅަށް ފެށުނު ނަމަވެސް ރާއްޖެއަށް ތަފާތު ބޮޑު ކުރަން ފުރުސަތު ލިބުނީ، ލާއޯސް ވެސް ޕޮއިންޓެއް ހޯދަން ބޭނުންވުމުން ޑިފެންސް ކުރުމުގެ އިތުރަށް އެޓޭކް ކުރުމަށް ކުރިއަށް ޖެހުމުން ކަމަށެވެ.

"އަހަރެން ބުނި އަހަރެމެން އައީ ޕޮއިންޓެއް ހޯދާށޭ. ދެ ވަނަ ހާފު ރަނގަޅަށް ފެށުނު ނަމަވެސް ގޯލެއް ޖަހައި މެޗް އެއްވަރު ކުރަން ބޭނުވުމުން އެޓޭކް ކުރަން ކުރިއަށް އެރީ އެހެންވެ އަހަރެމެންނަށް ލަނޑު ލިބުނީ ކައުންޓަ އެޓޭކްގައި ލިބުނު ފުރުސަތުން ރާއްޖެއިން ދެ ވަނަ ހާގު ލަނޑުތައް ޖެހީ" ފޮމްފްކާޑީ ބުންޏެވެ.

ރާއްޖެއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ މެޗްގެ ދެ ވަނަ ހާފުގައެވެ.

ލާއޯސްއާ ރައްޖެ ބައްދަލު ކުރާ ދެ ވަނަ ލެގް މެޗް އޮންނާނީ އަންނަ މަހު 11 ވަނަ ދުވަހު ލާއޯސްގައެވެ.