ބޮލީވުޑް

"ރޮކް އޮން 2" ގައި ޕްރާޗީގެ އެންމެ 5 މިނިޓް!

Sep 7, 2016

ދެހާސް އަށް ވަނަ އަހަރު ނިކުތް "ރޮކް އޮން" އިން އެކްޓަރު ފަރްހާން އަޚްތަރު އާއި ޓީވީ ތަރި ޕްރާޗީ ދޭސާއީ ވަނީ ބޮލީވުޑަށް ތައާރަފުވެފަ އެވެ.

އެއަހަރުގައި ނިކުތް އެންމެ ކާމިޔާބު ފިލްމުގެ ތެރޭގައި މިފިލްމު ހިމެނި، ފަރްހާންގެ ތަރި މެދު އަޑުގައި ފިޔަޖަހަން ފެށި ނަމަވެސް ޕްރާޗީ އަށް ބޮލީވުޑްގެ ފިލްމުތަކުން ރަނގަޅު ހުށަހެޅުން ލިބި އޭނާގެ ކެރިއަރު ކޮޅަށް ޖެހުންވީ ވަރަށް އުނދަގޫ ކަމަކަށެވެ.

"ރޮކް އޮން" ގެ ފަހުން ޕްރާޗީގެ ނުވަ ފިލްމެއް ރިލީޒްވި ނަމަވެސް އޭގެތެރެއިން އެއްވެސް ފިލްމެއްގައި އޭނާ މާބޮޑު ރޯލެއް ކުޅެފައެއް ނުވެ އެވެ.

"ރޮކް އޮން" ގެ ދެވަނަ ބައެއް އުފައްދަން ނިންމައި، އެފިލްމުން ޕްރާޗީ ފެނިގެންދާނެކަން އިނގުމުން ފުރަތަމަ ފިލްމެކޭ އެއްގޮތަށް މިފިލްމުގައިވެސް އޭނާ ބޮޑު ރޯލަކުން ފެނިގެންދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން " ރޮކް އޮން 2" ގައި އޭނާ ފެނިގެންދާނީ އެންމެ ފަސް މިނިޓު ކަމަށްވެ އެވެ.

ފުރަތަމަ ފިލްމުގައި ޕްރާޗީ ފެނިގެން ގޮސްފައިވަނީ ފަރްހާންގެ އަންހެނުންގެ ރޯލުން ކަމަށްވާއިރު، ދެވަނަ ފިލްމުގައި އެދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭއިރު، ދެވަނަ ފިލްމު ފެށެނީ ފުރަތަމަ ފިލްމުގެ ވާހަކައިގެ އަށް އަހަރު ފަހުންނެވެ. އަދި އެދެމީހުން މިފިލްމުގައި ވަކިން އުޅޭ ތަން ދައްކާއިރު، މުޅި ފިލްމުގައި ޕްރާޗީ ފެނިގެންދާނީ ދެތިން މަންޒަރުން މުޅި އެކު ފަސް ވަރަކަށް މިނެޓުގައި ކަމަށް ފިލްމުގެ ފަރާތުން ވާހަކަދެެއްކި މީހަކު ބުނެފައިވެ އެވެ.

މިފިލްމުގެ ޓީޒާ ހޯމަ ދުވަހު ރިލީޒްކޮށްފައިވާއިރު، ޕްރާޗީ ފިލްމުގެ ޓީޒާއިން ވެސް ފެނިގެންދަނީ އެންމެ ފަހަރަކު އެވެ. އެއީ ފިލްމުގެ ތަރިން ދައްކާލާ މަންޒަރުގައި އެކަންޏެވެ.

ދެވަނަ ބައިގައި އަށް އަހަރުފަހުން މެޖިކް ބޭންޑްގެ ހުރިހާ މެމްބަރުން އަލުން އަނބުރާ އެއްވެ، ބޭންޑް ޝޯތަށް ދޭތަން ފެނިގެންދާއިރު، މިފިލްމުގައި ލީޑް ބަތަލާގެ ރޯލުން ފެނިގެންދާނީ ޝްރަދާ ކަޕޫރެވެ. ޝްރަދާ ވެސް ފެނިގެންދަނީ މިބޭންޑްގެ މެމްބަރެއްގެ ގޮތުގަ އެވެ.

ޕްރާޗީ އަކީ ޒީ ޓީވީއިން ދެއްކި ޝޯ "ކަސަމް ސޭ" އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވާ ތަރިއެކެވެ.