ރާއްޖެ ކުޅިވަރު

ދިވެހި ޓީމުހާ ފޯރީގައި އޮންނަ ޓީމެއް ނުދެކެން: ގައުމީ ކޯޗު

ދިވެހި ޓީމުގެ ފޯރިއާއި ޖޯޝަކީ އޭނާގެ 20 އަހަރުވީ ފުޓްބޯޅައިގެ ކެރިއަރުގައި އެހެން ޓީމެއްގެ ފަރާތުން ފެނުނު ކަމެއް ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗް އޮސްޓްރޭލިއާގެ ޑާރެން ސްޓެވާޓް ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފައިން ބުރުން ޖާގަ ހޯދުމަށް ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ސްޓެވާޓް ބުނީ "ދިވެހި ޓީމަކީ ވަކިވަކި ހުނަރު ގިނަ ޓީމެއް. މި ޓީމު މޯޓިވޭޓްވެ އެއް ރޫހެއްގައި އޮވެއްޖެނަމަ ކާމިޔާބު ހޯދަން މިޓީމަކަށް އުނދަގުލެއް ނޫން" ކަމަށެވެ.

"އަހަރެން މިރޭ ވަރަށް ފަހުރުވެރިވަން އެކަމަކު އަހަންނަށް އެނގޭ އަދި މިފުރިހަމަ ކުރެވުނީ އަހަންނާ ހަވާލު ކުރި ވަޒީފާގެ އެއްބައިކަން. މި ޓީމުގެ ކުޅުންތެރިންގެ މަސައްކަތް ވަރަށް ފުރިހަމަ. މީ ދިވެހިންނަށް ލިބުނު ފަހުރެއްކަން،" ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ "އިހްސާސް ކުރެވެނީ މި ޓީމަކީ މީގެ ދެ އަހަރު ކުރިން ދަންނަ ޓީމެކޭ. މީޓީމުގެ ކާމިޔާބުގައި ބައިވެރިވުމަކީ އަހަންނަށް ފަހުރެއް އެފްއޭއެމްއާ އެކު މިމަސައްކަތް ކުރެވޭތީ ވަރަށް އުފާވާ" ކަމަށެވެ.

ކޯޗް ބުނީ މި މެޗްގެ ކްރެޑިޓް އޭނާ އަށް ހައްގުވާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި މިއީ މުޅި ޓީމުގެ މަސައްކަތް ކަމަށެވެ.

"ކޯޗެއްގެ ގޮތުގައި އަހަރެންގެ ބައިނަލްއަގްވާމީ ރަސްމީ ފުރަތަމަ މެޗް. ނަތީޖާއާ މެދު ނުވިސްނައި ކުޅުންތެރިންގެ ޕާފޯމަންސާ އެޓިޓިއެޑް ފެނުމުންވެސް އަހަންނަށް ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ލިބޭ. ވަރަށް ފުރިހަމަ. މިވާހަކަ ދެ ގަޑިއިރު ވަންދެންވެސް ދެއްކިދާނެ" ސްޓެވާޓް ބުންޏެވެ.