ބޮލީވުޑް

ކެޓްރީނާ އާއި ސިދާތް ނުލައި ފްލައިޓް ފުރައިފި

Sep 8, 2016

ޒުވާން ދެތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ސިދާތް މަލްހޯތުރާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބާރް ބާރް ދޭކޯ" ހުކުރު ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިދެތަރިން އަންނަނީ ފިލްމުގެ ޕްރޮމޯޝަން އެކި ހަރަކާތްތަށް އިންޑިއާގެ އެކި ހިސާބުގައި ކުރިއަށް ގެންދަމުންނެވެ.

ފިލްމުގެ ޕްރޮމޯޝަން ހަރަކާތްތައް ފޯރި ގަދަކޮށް އެމީހުންގެ ފޭނުންނާއެކު ހިންގަމުން އަންނައިރު، ސިދާތް އާއި ކެޓްރީނާ ދިއްލީގެ ޕްރޮމޯޝަންތައް ނިންމާލުމަށްފަހު އެނބުރި މުމްބައި އަށް އައުމަށް ޗެކިންވެ ވަނީ ދިއްލީ އެއާޕޯޓް، އިންދިރާ ގާންދީ އިންޓަނޭޝަލް އެއާޕޯޓްގައި ތިބި އެދެތަރިންގެ ފޭނުންނާއެކު ފޮޓޯ ނަގައި، ފިލްމު ޕްރޮމޯޓްކޮށްފަ އެވެ.

އެދެތަރިން އެނބުރި މުމްބައި އަށް ފުރަން އޮތް ފްލައިޓްގެ ބޯޑިން ގަޑި ޖެހުނު ނަމަވެސް އެއާޕޯޓްގައި ތިބި އެމީހުންގެ ފޭނުންނާއެކު ވަގުތު ހޭދަކޮށް ފިލްމު ޕްރޮމޯޓްކުރަން ހަދައިގެން ވަނީ ފްލައިޓް ފުރަން އޮތް ގަޑިއަށް ވުރެން އެއްގަޑިއިރު ވަންދެން ފްލައިޓް ފުރިޔަ ނުދީ ހިފަހައްޓާފަ އެވެ.

ކެޓްރީނާ އާއި ސިދާތް ބޯޑިންވެ، ފްލައިޓް ފުރަން އޮތް ގަޑިކަމަށްވާ 9:40 ގައި ފްލައިޓަށް ނޭރުމުން އެމީހުން އަރާނެ އިރަކަށް މަޑުކޮށްގެން 10:45 ވަންދެން އޮތުމަށްފަހު ފްލައިޓްގައި ތިބި އެހެން ޕަސެންޖަރުން މައްސަލަ ޖައްސަން ފެށުމުން ވަނީ އެދެތަރިން ނުލައި ފްލައިޓް ފުރާފަ އެވެ.

އެއާއިންއިންޑިއާގެ އޮފިޝަލަކު ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން، ބޯޑިން ޕާސްވެސް ލިބުނު ފަހުން މިދެތަރިން އެއާޕޯޓްގައި އެމީހުންގެ ފިލްމު ޕްރޮމޯޓްކުރުމަށް ހަރަކާތްތެރިވި އިރު، ފްލައިޓް ފުރާ ގަޑިޖެހުމުން ފްލައިޓަށް އަރަން އެކި ފަހަރު މަތިން އެންގުމުން ވެސް ވަނީ ފްލައިޓަށް ނާރައި ފްލައިޓް ފުރުން ލަސްކުރުވާފައި ކަމަށެވެ. އަދި އެންމެފަހުން ފްލައިޓްގައި ތިބި ޕަސެންޖަރުން ޝަކުވާ ކުރުމުން އެމީހުން ނުލައި ފްލައިޓް ފުރާފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ފްލައިޓުން އެމީހުން ބޭލުވި ކަމުގެ ވާހަކަތަކެއްވެސް ދެކެވިފައިވާއިރު، އެވާހަކަ ދޮގުކުރަމުން އެއާލައިންގެ އޮފިޝަލް ވަނީ އެދެތަރިން އެފްލައިޓްގައި ނުދާން ނިންމި ނިންމީ ކަމަށާއި އެއީ އެމީހުން އަމިއްލައަށް ނިންމި ނިންމުމެއް ކަމަށް ބުނެފަ އެވެ.