ބޭރު ކުޅިވަރު

ހޫނު ގަދަކަމުން ސްޕޭން ލީގު މެޗުތައް ފަސްކުރަނީ

ސްޕޭނަށް އާދަޔާހިލާފަށް ހޫނުގަދަވަމުންދާތީވެ ސްޕެނިޝް ލީގުގެ މެޗުތައް ފަސްކުރަން ނިންމައިފި އެވެ.

ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ހާވިއާ ޓެބޭސް ބުނީ ސްޕޭން ހިމެނޭ ސަރަހައްދުގެ ހޫނުމިން މިދުވަސްވަރު 40 ޑިގްރީއަށްވުރެ މަތިވެދާނެ ކަމަށާއި އެގޮތަށް ދިމާވެއްޖެނަމަ މިހަފުތާގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

"ފުޓްބޯޅަ އެއް ނުކުޅެވޭނެ 26 ނުވަތަ 37 ނޫނީ 38 ޑިގްރީގެ ހޫނުމިނުގައި. އަހަރުމެން ވަނީ އިރުގެ ހޫނުކަން މަތިވަމުންދާތީވެ މަޝްވަރާކޮށްފައި. އެއީ މި ހަފުތާގެ މެޗުތަކަށް އެކަންޏެއްނޫން. ކުރިން ކުޅެވިދިޔަ މެޗުތަކުގައި ވެސް ހޫނުކަން ގަދަ ވެފައިވާތީވެ މަޝްވަރާކުރީ. ރެއާލް މެޑްރިޑް އެމީހުން އެންމެ ފަހުން ކުޅުނު (ސެލްޓަވީގޯއާ ދެކޮޅަށް އޮގަސްޓް 27ގައި) މެޗު ކުޅުނީ 32 ޑިގްރީގެ ހޫނުގައި،" ޓެބޭސް ބުންޏެވެ.

އޭނާ ބުނީ ރޭގަނޑު ވެސް ހޫނުމިން ދަށް ނުވާ ކަމަށާއި ހޫނުމިން މަތިވަމުންދާތީވެ ކުޅުންތެރިންނަށް ވޯޓާ ބްރޭކް ވިހާގިނައިން ދިނުމަށް ރެފްރީންނަށް ވެސް އިރުޝާދުދީފައިވާނެ ކަމަށެވެ. ސްޕޭނުގެ ގިނަ ހިސާބުތަކުގައި މިދުވަސްވަރު ވަނީ 30ވުރެ ހޫނުކަން މައްޗަށް ގޮސްފަ އެވެ.