ރިޕޯޓް

މައުމޫންގެ ސިޔާސީ ފަހުބަސް ސާފުވާން ޖެހޭ!

Sep 8, 2016
25

ރައީސް މައުމޫންގެ އިލްމުވެރި ކަމާއި ހިދުމަތްތެރި ކަމަކީ އެ މަނިކުފާނުގެ ވެރިކަމުގައި އައި "އޯގަސްޓް ބާރަ ތޭރަ" ހާ ޔަގީން، އެހާ ސާފު ކަމެކެވެ. އެފަދައިން ވަރަށް ގިނަ ކަންކަން އެ މަނިކުފާނު ވެސް ވަރަށް ސާފުކޮށް ވިދާޅުވެ އެވެ. ޕީޕީއެމް އުފެދުނު ދުވަސްވަރު ރައީސް މައޫމުންގެ ވާހަކަފުޅުތަކުގައި ރާއްޖެ ތަރައްގީ ކުރުމަށް އަމާން މާހައުލެއް ގާއިމް ކުރަން ޖެހޭ ކަމަށް އާދަވެ ވިދާޅުވެ އެވެ. އަދި ޕީޕީއެމްގެ ވެރި ކަމެއްގައި އެކަން އެގޮތަށް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެ އެވެ. އެ ފަހުން 2013 އިގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ޕީޕީއެމެވެ. ރައީސް ކަމަށް ވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީނެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޔާމީން ވިދާޅުވަމުން ވަޑައިގެންނެވީ ރާއްޖެ ބޭނުންވާ ތަރައްގީ ގެނައުމަށް ރާއްޖޭގައި އަމާން މާހައުލެއް ގާއިމް ކުރަންޖެހޭ ކަމަށެވެ. މީހުންގެ އަބުރާއި ސުލްހަ މަސަލަސްކަން ނާގާލުން ހުއްޓުވަން ޖެހޭ ކަމަށެވެ. މަގުތައް އަމާން ކުރަން ޖެހޭ ކަމަށެވެ. އަދި ދިވެހިންގެ ކަންކަމަށް ބަސްކިޔައި ގޮތް ނިންމަން ޖެހޭނީ ދިވެހިން ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީން އެ ވިސްނުންފުޅަކީ ރައީސް މައުމޫންގެ ސިޔާސަތުކަން ވެސް އޮޅޭހައެއް ނުވެ އެވެ. ވަރަށް ސާފެވެ.

ސިޔާސީ މައިދާނުގެ ތޮބީއަތަކީ ބަދަލެވެ. އެއަކީ ހައިރާންވާވަރު ކަމެއް ނޫނެވެ. އެކަމަކު މީހުން އެންމެ ޝައުގުވެރިވާ އެންމެ ހައިރާން ކުރުވާ ކަމަކީ ވެސް ސިޔާސީ މައިދާނުގެ ތޮބީއީ ފުށުންޖެހުންތަކެވެ. ސިޔާސީ މައިދާނުގައި މިހާރު ޖެހިގެން އުޅެނީ ކޮންކަހަލަ ކުންޏެއްތޯ ސުވާލު އުފައްދަނީ ވެސް އެހެން ވެގެންނެވެ. އެކަން ސާފުވާން ޖެހެނީ ވެސް އެހެން ވެގެނެވެ.

ރައީސް މައުމޫނަކީ ރައީސް ޔާމީންގެ އެއްބަފާ އެންމެ ދޮށީ ބޭބޭފުޅެވެ. ސިޔާސީ ގޮތުން ވަރަށް ބޮޑު ތަޖުރިބާކާރެކެވެ. ވަރަށް ބޮޑު ބުއްދިވެރިއެކެވެ. އެހާ ބޮޑު ދީނީ އިލްމުވެރިއެކެވެ. އެ ސަބަބަށްޓަކައި ސިޔާސީ މައިދާނުގައި ރައީސް ޔާމީން ކުރެއްވި ދިގު ދަތުރުގެ ހުރިހާ ހިސާބެއްގައި ވެސް މިހާތަނަށް ފެނިފައި ވަނީ ރައީސް މައުމޫނަށް ރައީސް ޔާމީން ވަރަށް ބޮޑަށް އިހުތިރާމާއި ގަދަރު ދެއްވާ ތަނެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރެއްވި ބޭފުޅަކީ ރައީސް ޔާމީނެވެ. އެކަމަކު އެ އިއުލާނު ކުރެއްވުމުގައި ކޮންމެ ފަަރަކު ވެސް ފަހަތަށް ބައެއް އިތުރު ކުރައްވަ އެވެ. ތަކުރާރުކޮށް އަބަދުވެސް ވިދާޅުވި ވާހަކަފުޅަކީ ރައީސް މައުމޫން ވެރިކަމަށް ކުރިމަތިލައްވާނަމަ ފަހަތަށް ޖެހި ވަޑައިގަންނަވާނެ ކަމަށެވެ. ވަކި ބޭފުޅަކު ވެރިކަމަށް ކުރިމަތިލައްވާ ކަމަށްވަންޏާ ފަހަތަށް ޖެހި ވަޑައިގަންނަވާނެ ކަމަށް ރާއްޖޭގައި ތަކުރާރުކޮށް ވިދާޅުވި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީނެވެ. ރައީސް މައުމޫން ކުރިމަތި ލައްވާ ކަމަށްވަޏާ ހުންނަވާނީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ޑީއާރްޕީން ފެއަށް ޖެހި ވަޑައިގެން އަދި ވަޒީރުކަން ވެސް ގެއްލި ވަޑައިގެން މާ ދުރުގައި ޕީއޭގެ ނަމުގައި ޖަމިއްޔާއެއް ހައްދަވައިގެން އުޅުއްވަމުންނެވެ. ވާދަވެރި ކަމެއް އޮތް އޭރުވެސް ރައީސް ޔާމީން އެހެން ވިދާޅުވަމުން ގެންދެވީ ރައީސް މައުމޫނަށް ކުރައްވާ ގަދަރާއި އިހުތިރާމުގެ ބޮޑު ކަމުން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މާޒީ ހާވާލާށެވެ. ރައީސް ޔާމީން ދެއްވާފައިވާ ކޮންމެ އިންޓަވިއުއެއްގައި ރައީސް މައުމޫނަށް ތައުރީފު ކުރައްވާފައި ވެއެވެ. އަދި ދެއްވާ ކޮންމެ ތަގުރީރެއްގައި ރައީސް މައުމޫނުގެ 30 އަހަރުގެ ވެރި ކަމުގައި ހިފަހައްޓައިދިން ގައުމު ވަންތަ ކަމުގެ ރީތި ކަމަށް އިޝާރާތް ކުރައްވަ އެވެ.

ރައީސް ޔާމީން ވެރިކަމަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ކުރިޔަށް ނެރުއްވާފައި ހުންނެވީ ރައީސް މައުމޫނެވެ. އެއްވި ލީޑަރުންނާއި އާންމު އެންމެނާ ސަލާމް ކުރައްވާ ބައްދަލައްވާ ބުރަކަށީގައި ފިރުމަމުން އެންމެނަށް މަރުހަބާ ވިދާޅުވީ ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ރައީސް މައުމޫނެވެ.

އެރޭ ރައީސް މައުމޫން ވިދާޅުވި ގޮތުގައި ސާކް ސަމިޓްގެ ބައްދަލު ވުމަކަށް އެމަނިކުފާނު ދަތުރު ކުރެއްވެވި ބޯޓްގައި ރައީސް މުހައްމަދު ނަޝީދު އިންނެވިކަން އެނގި ވަޑައިގެން ބައްދަލު ކުރެއްވި އެވެ. އަދި އެ ދުވަހު ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ބޭނުންފުޅު ވަނީ ރައީސް މައުމޫނާ ވާދަ ކުރައްވާ ރައީސް މައުމޫން ބަލި ކުރެއްވުމަށެވެ. އަދި އެ ފަހަށް އަންނަ ދެވަނަ ޑިމޮކްރެޓިކް އިންތިހާބެއްގައި ދެ ބޭފުޅުން އެކުގައި ވާދަ ކުރައްވާ ރައީސް މައުމޫނު ރައީސް ނަޝީދުގެ މައްޗަށް ކާމިޔާބު ހޯއްދެވުމަށެވެ.

"ކަން ދިމާކުރި ގޮތުން އެމަނިކުފާނު [ރައީސް ނަޝީދު] އެ ވިދާޅުވި ގޮތަށް އެކަން މިވީ، އެ އިންތިހާބުގައި އަޅުގަނޑުގެ މައްޗަށް ރައީސް ނަޝީދު ކާމިޔާބު ހޯއްދެވި، އަދި މިފަހަރުގެ މި އިންތިހާބުގައި އަޅުގަނޑު ވާދަ ނުކުރި ނަމަވެސް ރައީސް ނަޝީދު މައްޗަށް ކާމިޔާބު މި ލިބުނީ. މި އިންތިހާބުގައި ވާދަ ކުރެއްވީ އަޅުގަނޑު ކޮއްކޮ، އަބްދުﷲ ޔާމީން،" އެރޭ ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ރިޔާސީ ދައުރު ފަށައިގަތީ މިހެނެވެ؛ ރައީސް މައުމޫނާއި ރައީސް ޔާމީންގެ ބައްދަލު ކުރެއްވުންތަކާއި ޖަލްސާތަކުންނެވެ. އެއިން ކޮންމެ ތަނެއްގައި ރައީސް ޔާމީން ކުރިއަށް ނެރުއްވާފައި ހުންނަވާތީ ފެނުނީ ރައީސް މައުމޫނެވެ. ފުރަތަމަ އިށީނދެ ވަޑައިގަންނަވަނީ ވެސް ތެދުވެ ވަޑައިގަންނަވަނީ ވެސް ރައީސް މައުމޫނެވެ. ޖަހާނީ ވެސް ރައީސް މައުމޫނަށް ނިސްބަތްވާ "ތިޔައީ ޒައީމޭ" ލަވަ އެވެ.

ރައީސް މައުމޫނަކީ އެ މަނިކުފާނު ދުނިޔޭގައި ހުންނެވިހާ ދުވަހަކު އަބަދުވެސް ކުރީގައި ހުންނަވާނެ ބޭފުޅެކެވެ. އެކަމަކާ ޝައްކެއް ނެތެވެ. އެކަމަކު ވެރިކަމުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ޖާގަ އެއްވެސް ދިމާއަކުން ހަނިވެފައި އޮތުމަކީ ވެސް އައިބެކެވެ. އެވާހަކަ އޭރު މީހުން ދައްކާ އުޅުނީ ވެސް އެހެންވެގެން ކަމަށް ވެދާނެ އެވެ.

ވެރިކަމަށް ވަޑައިގަތުމުން ޑިފޯލްޓްގައި ރައީސް ޔާމީނަކީ ޕީޕީއެމްގެ މުސްތަޝާރެވެ. އެ މަނިކުފާނަކީ މެނިފެސްޓޯގެ ސިޔާސަތުތައް ކުރިއަރުވައިދީ ސަރުކާރު ހިންގުމުގެ ވެރިޔާ އެވެ. ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސެވެ. އެ މަނިކުފާނު ވިލަރެސް ކުރައްވަން ޖެހިވަޑައިގަންނަވަނީ ޕީޕީއެމެވެ. ސަރުކާރު ހިންގުމަކީ ޕީޕީއެމާބެހޭ ކަމެއް ނޫނެވެ. ޕީޕީއެމުން އޮންނާނީ ސިޔާސަތުތަކެއް ކަނޑައަޅާފަ އެވެ.

ރައީސްލްޖުމްހޫރިއްޔާ ރައީސްކަން ކޮށް ދެއްވަނީ ޕާޓީއަކަށް ނޫނެވެ. ރައްޔިތުންނަށެވެ. ޕާޓީއެއްގެ ޕާލަމެންޓްރީ ގްރޫޕެއް ފޯމްވި ނަމަވެސް އެ ފަރާތްތަކަކީ ވެސް ޕާލަމެންޓަށް ރައްޔިތުން ހޮވާ ބައެއްގެ ތެރެއިން އުފެދޭ ގުނަވަނަކެވެ. އެއީ ޕީޕީއެމްގައި ކަމަށް ވަންޏާ ޕީޕީއެމްގެ ނަން އޮންނަނީ ޕީޕީއެމްގެ މެންބަރުންނަށް އެ ބޭފުޅުން ވެގެނެވެ.

ސާރުކާރު އޮތް ޕާޓީއެއް ނަމަ އެ ޕާލަމެންޓްރީ ގްރޫޕަކުން ކުރާނީ ޕާޓީ ބޭނުންވާ ކަމެއްތޯ ގައުމު ހިންގައި އިގްތިސޯދު ހަމަމަގަށް ގެންދަން، އަމާން މާހައުލެއް ގާއިމު ކުރަން ރާއްޖެ ތަރައްގީ ކުރަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ކަމެއްތޯ ސުވާލު ކޮންލަން ޖެހެ އެވެ. ރިޔާސީ ނިޒާމެއްގައި ޕާޓީގެ ރައީސް ބޭނުންފުޅުވާ ގޮތަށް ޕީޖީ ގްރޫޕެއް ހިންގުމަކީ ސެންސް މޭކް ކުރާ ކަމެއް ހެއްޔެވެ؟ އޭރަށް ހުރިހާ ރައްޔިތުންގެ މައްޗަށް ބެހިގެންދާ ގޮތަށް ސަރުކާރުން ބޭނުންވާ ސިޔާސަތު ކުރިޔަށް ނެރެން ބޭނުންވާނެ ބިލްތައް ޕާލަމެންޓްގައި ފާސްވާނެ ހެއްޔެވެ؟ ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެކެވެ. ގައުމު ހިންގާނީ ރައީސުލް ޖުމްހޫރިއްޔާ އެވެ.

ޕާލަމެންޓަށް ވަންނަން ޖެހޭނީ ޕީޕީއެމުން ނޫނީ ޕީޕީއެމުންގެ ރައީސް ނޫނީ ޕީޖީ ގްރޫޕްގެ ލީޑަރު އެހެންނާ ޕާޓީގެ ގުނަވަންތަކުން ބޭނުންވާ ބިލްތައް އެކަންނެއް ނޫނެވެ. އަދި ޕީޖީ ގްރޫޕެއް ހިނގަން ޖެހޭނީ ޕީޕީއެމް ބޭނުންވާ ގޮތަކަށް ވެސް ނޫނެވެ. ޕީޕީއެމުންގެ ބޭފުޅުން ބޭނުންވާ ގޮތަކަށް ރައީސްލްޖުމްހޫރިއްޔާގެ ނިންމެވުންތައް ވެސް އަންނާކަށް ނުޖެހެ އެވެ. ނުވެސް އަންނާނެ އެވެ. ސަރުކަރާކާއި އެ ސަރުކާރެއްގެ މެޖޯރިޓީ އޮންނަ ޕީޖީ ގްރޫޕަކާ ދެމު ސިޔާސީ ގޮތުން ދަމާލާފައި އޮންނަ ރޮނގަނގަކީ ރިޔާސީ ނިޒާމެއްގައި ސިޔާސަތު ބައްޓަން ކުރުމުގައި ވަރަށް މުހިންމު ރޮނގެކެވެ.

ޕާލަމެންްޓްރީ ސިސްޓަމެއްގައި ނަަމަ ހިލާފެއް އޮތުން މާ ބޮޑު ގޯހެއް ނެތެވެ. އެކަމަކު އެ ނިޒާމުގައި ވެސް އެގޮތަކަށް މުޅީން ނުގެންދާނެ އެވެ. ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ބުނާ ގޮތުން ގައުމު ހިންގުމުގެ ސިޔާސަތު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ކަމެކެވެ. ރައީސް މައުމޫން ދައްކަވާ ވާހަކަފުޅުގައި ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ކަމަށް އެ ވިދާޅުވާ ވާހަކަ ސާފު ނުވަނީ އެހެންވެގެނެވެ. އަދި ސާފުވާން ޖެހެނީ ވެސް އެ ސަބަބައްޓަކަ އެވެ. ވަކި މައްސަލަހަތެއް އޮންނަ ކަމެއްގައި ޕާޓީ ގުޅިގެން ނެރޭ ސްޓޭޓްމަންޓްތަކުގައި ޕާޓީ ހިނގަނީ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ހާމަ ކުރުމާއި ވަކި ހާލަތެއް މެދުވެރިވުމުން ހަމަ އެ ޕާޓީން ނެރޭ ބަޔާނުގައި ޕާޓީ ހިނގަނީ އަސާސީ ގަވައިދާ އެއްގޮތަށޭ ބުނެ ހާމަ ކުރީމާ އެއީ ސާފު ނުވާ ސިޔާސީ ހިރަފުސްގަނޑެކެވެ.

ޕާޓީއެއްގައި ގަވައިދެއް އޮންނަނީ އެ ޕާޓީ ހިންގާށެވެ. ޕާޓީން ކަންކުރާނީ ޑިމޮކްރަސީއާ އެއްގޮތަށް ކަމަށް އެ ގަވައިދެއްގައި ބުނާ ކަމަށް ވަންޏާ އެ ޕާޓީ ހިންގާ ވިލަރެސް ކުރަންވާނީ އެ ހަމަތަކާ އެއްގޮތަށް އެ އުސޫލަށެވެ. އެއީއަކީ ޕާޓީ ރައީސް ބޭނުންފުޅުވާ ގޮތަކަށް ހިނގަން ޖެހޭ ކަމެއް ނޫނެވެ. އެއީ ސަރުކާރަކާ ވެސް ބެހޭ ކަމެއް ނޫނެވެ. އަދި ސަރުކާރަކުން ކުރާ ކަމެއް އެއީ ޕާޓީ ގަވައިދަކާބެހޭ ކަމެއް ވެސް ނޫނެވެ.

އެންމެ ބޮޑު މައްސަލައަކީ މިއީ އެވެ؛ ރައީސް ޔާމީންގެ ކެމްޕޭނު އޮފީހެއް އެހެން ތަނެއްގައި ހިނގަނީ އެވެ. ޕީޕީއެމުން ވާދަ ކުރައްވާ ރައީސް ކަމުގައި ހުންނެވީ ރައީސް ޔާމީނެވެ. ޕީޕީއެމްގެ އަސާސީ ގަވައިދުގައި ރިޔާސީ ޓިކެޓް ދޭން އޮތް ތިން އުސޫލަށް ބަލާއިރު ވެސް އެ ޓިކެޓް ކަށަވަރުވުމުގެ ފުރުސަތު ވެސް އެންމެ ފަހި ބޭފުޅަކީ ރައީސް ޔާމީނެވެ. ރައީސް ޔާމީން އެ މަނިކުފާނު ތަރައްގީ އާއި އިސްލާހު ކުރުމާއި އިގްތިސޯދީ އެޖެންޑާއާއެކު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކަށް ހުރަހެއް ނެތެވެ. އެއީ އެ މަނިކުފާނަށް ލިބި ވަޑައިގަންނަވާ ހައްގެކެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓާއެކު ހަވާލުވެ ވަޑައިގެންނެވި މެނިފެސްޓޯގައި ހިމެނޭ ކަންމުގެ ތެރެއިން ބޮޑު ބައެއް ރައީސް ޔާމީން ވަނީ ފުރިހަމަ ކުރައްވާފަ އެވެ.

އެހެން އޮއްވާ ރައީސް ޔާމީންގެ ކެމްޕޭނުން އޮފީހެއް އެހެން އިމާރާތެއްގައި އެހެން އެޑްމިނިސްޓްރޭޝަނަކާއެކު ހިނގައި ގަންނާނީ ކޮންމެވެސް ސަބަބެއް އޮވެގެނެވެ. އެއްވެސް ކަމަކާ ނުލައި އެފަދަ އޮފީހެއް އެހެން ތަނެއްގައި ހިނގައި ގަންނާނެ ކަމަށް ނުފެނެ އެވެ. އެ ސަބަބު އެނގޭނީ ރައީސް ޔާމީން ވިދާޅުވީމަ އެވެ. އަދި ރައީސް މައުމޫނަށް އެނގި ވަޑައިގަންނަވާ ސަބަބެއްވިޔާ ވެސް ސާފުކޮށް ވިދާޅުވެގެނެވެ.

ރައީސް މައުމޫނު އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިޔަކު ވަރަށް މުހިންމު ސުވާލެއް ކުރި އެވެ. އެއީ ސަރުކާރުގެ ކަންކަމާއި ރައީސް ޔާމީނާއެކު މަޝްވަރާ ކުރެއްވިންތޯ އެވެ؟

ރައީސް މައުމޫންގެ ޖަވާބަކީ މިއެވެ: "ތިޔަ ވާހަކަ މިވަގުތު ދައްކަން ބޭނުންފުޅު ނުވާ" ކަމަށެވެ. "ޕާޓީ ދޫކޮށްލައި ވަކިވެގެން ދިޔުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ" ކަމަށެވެ.

އެ ޖަވާބުން ރައީސް މައުމޫންގެ ވާހަަކަފުޅު މުޅީން ސާފެއް ނުވެ އެވެ. ސާފުކޮށް ވިދާޅުވުމަކީ އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. ޕީޕީއެމްގައި އެތަކެއް ހާސް މެންބަރު ތިބި އިރު އަދި ޕާޓީގައި ސަރުކާރު އޮތް އިރު ރައީސް މައުމޫން އެގޮތަށް ވިދާޅުވުމަކީ ކަންކަން އޮޅި މީހުން ވާނުވާގައި ތިބޭނެ ކަމަކަށްވާނެ އެވެ.

މިސާލަކަށް ކިތަންމެ ޕްރެޝަރެއް އޮތަސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނަމޭ ރައީސް ޔާމީން ގެންދަވަނީ ވަރަށް ސާފުކޮށް ވިދާޅުވަމުންނެވެ. ރާއްޖޭގައި ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް އެ މަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ. މަގުމަތީގައި މުޒާހަރާތައް ކޮށް މަގުތައް ނާމާން ކޮށްލަން ފުރުސަތު ނުދެއްވާނެ ކަމަށް ކޮންމެ ތަގުރީރެއްގައި ވިދާޅުވެ އެވެ. އެހެންވީމާ ރައީސް މައުމޫން ވެސް ސާފުކޮށް ކަން ވިދާޅުވާން ޖެހެ އެވެ. އެކަން ކަމާ ދެކޮޅު ހަދާ މީހުންނަށް ރައީސް ޔާމީން އެވިދާޅުވަނީ ކީކޭކަން ސާފު ނުވާ ގޮތަކަށް އެވާހަކަތައް ވިދާޅެއް ނުވެއެވެ.

ޕީޕީއެމްގެ ކަންކަންމަށް ނިސްބަތް ކުރައްވާ ރައީސް މައުމޫން ވަނީ ސްޓޭޓްމަންޓެއް ދެއްވާފަ އެވެ. އޭގައި ތަފާތު ވާހަކަފުޅު ތައް ހުއްޓެވެ. އެހެން ނަމަވެސް އެކަމާ ގުޅުވައި މިހާތަން ރައީސް ޔާމީން އެއްޗެއް ވިދާޅުވީ އެންމެ ފަހަރަކު އެވެ. މިދިއަ އީދު ދުވަހު އެވެ.

ހިނގާ ހުރިހާ ކަމަކާ ގުޅޭ ގޮތުން ރައީސް ޔާމީން ވަރަށް މަދު ފަހަރެއްގައި ނޫނީ ވާހަކަފުޅެއް ނުދައްކަވަ އެވެ. އެކަމަކު ކަމަކާ ގުޅިގެން ރައީސް ޔާމީން ހަނު ހުންނެވުމަކީ އެހެން ދިމަ ދިމާއިން އަންނަހާ ވާހަކަ ތެދަކަށްވުމެއް ނޫނެވެ. އެހެނެއް ނުވެސް ވާނެ އެވެ. ރައީސް މައުމޫނާ ގުޅޭ ކަންކަމުގައި ރައީސް ޔާމީން އެއްޗެއް ވިދާޅު ނުވާންވީ ސަބަބެއް ވެސް އެބައޮތެވެ. އެއީ ނިޝާން ޣާޒީގެ އިތްތެރިވެރިކަމާއެކު ރާއްޖޭގައި އެންމެ ގަދަރު ލިބި ވަޑައިގެންފައިވާ އެމަނިކުފާނުގެ ބޭބޭފުޅަށްވާތީ އެވެ.

ރައީސް ޔާމީން އީދު ދުވަހު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ތެރޭގައި މައްސަލަތައް ހުރިކަން އެނގިގެން ދިޔުމަކީ ހިތްދަތި ކަމެކެވެ. ނުތަނަވަސް ކަމެކެވެ. ނަމަވެސް "އެ ޕާޓީއަކީ އެއް ވިސްނުމެއްގައި ރާއްޖެ ބިނާ ކުރަން ނުކުތް ޕާޓީއެއް" އެކެ އެވެ. ރައީސް ޔާމީން އެހެން ވިދާޅުވި ނަމަވެސް މިއީ އާންމުކޮށް ޕީޕީއެމްގެ ޕޯޑިއަމްތަކުގައި ރައީސް ރައީސް މައުމޫނު ވިދާޅުވާ ވާހަކަފުޅެކެވެ. އާކައިވް ބައްލަވާށެވެ.

ރައީސް ޔާމީން ދެކެ ވަޑައިގަންނަވާ ގޮތުގައި މިހާރު "ވާނުވާ" ގައި އޮތް މައްސަލަ ހައްލު ނުވުމަކީ މީގެ ހަތަރު އަހަރު ކުރީގެ ރާއްޖެއަކަށް ދިވެހިން ސޮއްސައިލުމެވެ.

"އަޅުގަނޑުމެން ދުށިން، މީގެ ހަތަރު ފަސް އަހަރު ކުރިން އޮތް ވެރިކަން. ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ކަންތައްތައް ކުރުމާއި، އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވީރާނާވަމުންދާ ކަންތައްތަކެއް ފެނިގެން ދިޔައީ. މިކަންކަމަށް ހައްލު ހޯދުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކެއް ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވަނީ މި ސަރުކާރު އައުން،" ރައީސް ޔާމީން ވިދާޅުވި އެވެ. "މި ރާއްޖެ މިހާރު މިއޮތް ހިސާބުން އިތުރު ގޯހެއްވާން ޖާގައެއް ނުދެވޭނެ... އެހެން ނޫނީ މިއީ އިދިކޮޅު ފަރާތްތަކަށް، ނޫނިއްޔާ ރާއްޖޭގެ ތަރައްގީއަށް ހުރަސްއަޅާ ފަރާތްތަކަށް ލިބޭ އީދުގެ ބޮޑު ހަދިޔާއެއް. މި ހަދިޔާ ދޭކަށް އަޅުގަނޑު ބޭނުމެއްނޫން،"

ރައީސް މައުމޫނުގެ ފަހުގެ ޕްރެސް ކޮންފަރެންސަށް ދާއިރު ވިދާޅުވެފައިވަނީ "ހުރިހާ ކަމެއް ވެސް މިކުރަނީ ރަނގަޅަށް" ކަމަށެވެ. "އަޅުގަނޑު ގޯސްކޮށް ކުރިކަމެއް ނެތް" ކަމަށެވެ. އަދި ވިދާޅުވަނީ "އިސްލާހީ އެޖެންޑާގައި ވެސް ހުންނާނީ މުޅިން ވެސް ރަނގަޅު ކަންކަން" ކަމަށާއި "އެއްވެސް ކަމެއް ހިފަހައްޓަވައިގެން ނުހުންނަވާ" ކަމަށެވެ.

ރައީސް މައުމޫނަކީ ވެސް ރައީސް ޔާމީނަކީ ވެސް ރައީސް ނަޝީދާއި ވަހީދަކީ ވެސް އިންސާނުންނެވެ. އިންސާނުންގެ ޒާތަކީ ގޯސްކަންކަން ވެސް ކުރެވުމެވެ. ރައީސް ޔާމީނަށް ވެސް ގޯސް ހެއްދެވިފައި ހުރެދާނެ އެވެ. އެކަމަކު ރައީސް މައުމޫނުގެ އެއްވެސް މިސްޓޭކެއް ނެތިފައި ދެންތިބި ލީޑަރުން އަބަދު ގޯސްވާންވީ ކީއްވެގެން ހެއްޔެވެ؟

ޑީއާރްޕީއަކީ ރައީސް މައުމޫން އުފެއްދި ޕާޓީއެކެވެ. އެކަމަކު ވީ ކިހިނެއްތޯ އެވެ؟ ނުކުތީ ހަމަ މިއާ ގާތްކުރާ މައްސަލައެެކެވެ. އޭރުވެސް މިފަދަ ސްޓޭޓްމަންޓަކާއި މިފަދަ ނިއުސް ކޮންފަރެންސެއް ދެއްވި އެވެ. ރައީސް މައުމޫން ރަނގަޅެވެ. އަހުމަދު ތަސްމީން އަލީ އާއި އެހެން މީހުން ގޯހެވެ. މިހާރު މިއޮތީ ޕީޕީއެމެވެ. މިހާރު ރަައީސް ޔާމީނާއި ޕީޖީ ގްރޫޕް ގޯހެވެ. މައުމޫން ރަނގަޅެވެ. އޭގެ ކުރިޔަށް ރައީސް ނަޝީދު ގޯހެވެ. މައުމޫނު ރަނގަޅެވެ. ރައީސް މއުމޫންގެ އެއްވެސް ކަމެއް ނެތި ސިޔާސީ ލެވެލް ޕިޗެއްގައި އެހެން ހުރިހާ ލީޑަރުން އަބަދު ގޯސްވަމުން ގޯސްވަމުން ދާދިއުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟

ސިޔާސީ ވަށް ރޮނގަކީ އިންސާނުން އެ ވަަށައި އެނބުރޭ އެއްޗެކެވެ. އެ ރޮނގުމަތިން ލީޑަރުން ނުބައި ވެސް ވާނެ އެވެ. އެހެންވިއްޔާ އަބަދު ރައީސް މައުމޫން ރަނަގަޅު ވެފައި ދެން ތިއްބަވާ ލީޑަރުންނާއި ނިންމުންތައް އަބަދު ގޯސްވާ ކަމަށް ދެއްކުމަކީ ބުއްދީގެ ހަމައިން ގަބޫލު ކުރެވޭނެ ވާހަަކައެއް ހެއްޔެވެ؟

މޮޑެވެމުންދާ ސިޔާސީ މަސްހުނިގަނޑުގައި ރައީސް މައުމޫން "އެމްޑީޕީ" އެ ނަން ބޭނުން ކުރައްވަން ފެއްޓެވީ ވެސް 2008 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު މަރުހަލާތަކާ ހަމައިންނެވެ. އޭގެ ކުރިޔަށް ވިދާޅުވަނީ "އިދިކޮޅު" މިހެނެވެ. ކަމެއް ހަމަ ދިމާވާއިރަށް ރިއެކްޓް ކުރެއްވުމަކީ ރައީސް މައުމޫންގެ މިޒާޖުފުޅުގެ ސިފައަކަށް ނުވެ އެވެ. އޭގެ އެއް މިސާލަކީ ޖަލްސާއެއްގައި ރައީސް މައުމޫން ލިސްޓެއް ވިދާޅުވުން ވެގެން ދިޔަ ގޮތެވެ. އެކަންވީ އެންމެން ހައިރާން ކުރުވި ކަމަކަށެވެ. އޭރުގެ އިދިކޮޅު ފަރާތްތައް ވެސް ހައިރާންވެ ގޮނޑިން ތެދުވެ ކޮޅަށް ޖެހުނެވެ. އެއީ އެފަދަ ވާހަކަފުޅަކާ ރައީސް މައުމޫނާ ގުޅުން ކުޑަ ކަމުންނެވެ. ހަމަ އެހެން ވިދާޅުވި ހެއްޔޭ އެތައް ބަޔަކު އޭރުގެ ނޫސްވެރިން ގާތުގައި ވެސް އަހައި އުޅުނެވެ.

ރައީސް މައުމޫންގެ ސިޔާސީ ޓެކްޓިކްސް އަށް ބަލާއިރު އެހާ ސާފު މަންޒަރެއް ނުދައްކަވަ އެވެ. ނުސާފު އެ މަންޒަރުން މިހާރު ބޭރަށް ފެންނަ ކަންކަމަށް ބަލާއިރު އެއިން ގެއްލުންވާނީ ކާކަށް ހެއްޔެވެ؟ އެމްޑީޕީއަށް ގެއްލުންވާނެ ހެއްޔެވެ؟ ނުވާނެ އެވެ. އެމްޑީޕީއަށް ވާނީ ފައިދާ އެވެ. ހުރިހާ ގެއްލުމެއް އޮތީ ރައީސް ޔާމީން ވިދާޅުވާ ފަދައިން ގައުމު ބޮޑު ގޯހަކުން ނެއްޓުމަށް އެކުގައި އެއް ފިކުރެއްގައި ތެދުވެ ހަމަ މަގަށް އަޅުވަން ނުކުތް ޕީޕީއެމަށެވެ. އެ ޕާޓީގެ ސަރުކާރަށެވެ.

ޓްވިޓާއަށް ރައީސް މައުމޫން ދޫކޮށްލައްވާ ބައެއް ވާހަކަތަކާއެކު ބައެއް މީހުން އިއްޔެ ވެސް މިއަދު ވެސް އުފައްދާ އެއް ސުވާލަކީ ރައީސް މައުމޫނަކީ މިހާރު ޕީޕީއެމްގެ ބޭފުޅެއް ހެއްޔޭ އެވެ؟ އެމްޑީޕީއަށް ތާއީދު ކުރައްވާ ބޭފުޅެއް ހެއްޔޭ އެވެ؟ ހަމަ ހަގީގަތުގައި ބައެއް މީހުންނަށް އޮޅެނީ އެވެ. ގަބޫލު ކުރަން ދަތި ވެސް ވަނީ އެވެ. ސަބަބަކީ މައުމޫނުގެ ބަސް މަގުގެ ތެރެއަށް އެމްޑީޕގެ ބަސް ކޮށާރު ވަނުމެވެ. އެއީ އަކީ މައްސަލައެއް ނޫނެވެ. އެކަމަކު އެއީ ސިޔާސީ ގޮތުން ރާއްޖޭގައި މައްސަލައަކަށް ބަދަލުވަނީ އެވެ. އެކަކު އަނެއްކެއްގެ ކިބައި ހިތްވަރު ލިބި ގަތުމާއި ބިރުފަހަަޅައި ދިއުމަކީ އެމްޑީޕީގެ ސިޔާސީ ފޮތުގެ މުގައްދިމާ އެވެ. މި ބަސް މަގަށް ރައީސް މައުމޫން ފަރިތަވެ ވަޑައިގެންނެވީ ކޮން އިރަކުތޯ ސުވާލު ކުރަނީ އެމަނިކުފާނުގެ ސަޕޯޓަރުންނެވެ؟ އިދިކޮޅު ފަރާތްތައް އެކަމާ ބަނޑަށް ހީނ ހީނފައި ބިނދޭނީ އެވެ.

އެމަނިކުފާނަކީ ވެރިކަން ކުރާ ޕީޕީއެމްގެ ރައީސެވެ. ޕާޓީން އިސްތިއުފާއެއް ނުދެއްވަ އެވެ. ދުރަށް ވަޑައެއް ނުގަންނަވަ އެވެ. އެހެން ކަމުން އެމަނިކުފާނާއި އެ މަނިކުފާނުގެ ފިކުރާ ތާއަބަދަށް އިންކުރާ ކުރާ ދެކޮޅުވެރި އެމްޑީޕީގެ ސިޔާސީ ބަސްމަގު ރައީސް މައުމޫނަށް "ރީތި" ވެ ވަޑައިގަތުމަކީ ރައީސް މައުމޫން، ޕާޓީގެ އުސޫލުތަކަށް ހަވާލާ ދެއްވާ ކަންކަމާ ވަރުން އަޅުވާ އުސޫލުން ޕާޓީގެ އުސޫލާ އެމަނިކުފާނު ދެކޮޅުވީ ކަމަށް ސިޔާސީ ގްރާސް ރޫޓަކަށް ބަހުސް ކުރެވިދާނެ އެވެ. އެހެން ވާކަށެއް ނުއެއް ޖެހެ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޖަލްސާއެއް އޮންނަ ވަގުތު އެސްއެމްއެސް އަކުން ޖަލްސާ ނުބާއްވަން އެންގުމަކީ ކޮން ކަހަލަ ކަމެއްހެއްޔެވެ؟ ކައުންސިލެއް އޮވެމެ، ކައުންސިލުން ނިންމަން ޖެހޭ ކަންކަން އެސްއެމްއެސް އިން ނިންމޭނެ ހެއްޔެވެ؟ ރައީސް މައުމޫންގެ ފޮނުވާ އެސްއެމްއެސްއަށް ސަމާލުކަން ދޭންޖެހޭއޭ އޮތް ގަވައިދެއް ވެސް ނެތެވެ.

ޕީީޕީއެމްގެ ގަވއިދުގައި އޮންނަނީ ކައުންސިލް ނިންމާ ނިންތަކަށް ސަމާލުކަން ދިނުމަށެވެ. އެ ކައުންސިލްގެ ބައްދަލުވުމެއް ނުބާއްވަ އެވެ. ގައުމުގެ ސިޔާސަތުތައް ބައްޓަން ކުރަން ސަރުކާރުން ރައީސް ޔާމީންގެ ތާއީދާއެކު ވައްދާ ބިލްތަކަށް ވޯޓް ނުދޭން އެސްއެމްއެސް ކުރުން އެއީ ޕީޕީއެމްގެ ގަވައިދުގެ ކޮން މާއްދާއަކުން އިހުތިޔާރު ލިބޭ ކަމެއް ހެއްޔެވެ؟ ސަރުކާރުކާގެ ސިޔާސަތެއް ކުރިއަރުވަން ފާސް ކުރަން ބޭނުންވާ ބިލަކަށް ވޯޓް ނުދޭން ސަރުކާރު ހިންގާ ޕާޓީގެ ރައީސް އަންގާ ކަމަށް ވަންޏާ ކައުންސިލުން ނިންމަން ޖެހޭނެ އެވެ. ނޫނީ އަސާސީ ގަވައިދުގައި އޭގެ މާއްދާއެއް އޮންނާން ވެސް ވާނެ އެވެ. އެހެންނޫނެވެ. އެފަދަ ކަމަކާ ގުޅިގެން ހިޔާލެއް ދެއްވިދާނެ އެވެ.

ރައީސް މައުމޫންގެ ހިޔާލާއި ތަޖުރިބާ މުހިންމެވެ. އެކަމަކު ރައީސުލް ޖުމްހޫރިއްޔާ ކުރައްވަން ބޭނުންފުޅުވާ ކަންކަން ކުރެއްވުމުގައި ކޮންމެ ފަހަރަކު ޕާޓީގައި އަހާކަށް ނޫނީ ރައީސް މައުމޫނު ގާތުގައި އަހާކަށް ނުޖެހޭނެ އެވެ.

ހަގީގަތުގައި މިވަގުތަށް ފެންނަނީ ކިރިކެޓްގައި ރައީސް މައުމޫން ބޭނުން ކުރައްވާ ފަދަ "ސްވިންގް ބޯޅަ" އެއް ސިޔާސީ މައިދާނަށް އެއްލަވާ ތަނެވެ. ރައީސް މައުމޫން ބޭނުންފުޅުވާ ގޮތަށް ރައީސް ޔާމީން ބެޓް ކުރައްވާތޯ ބައްލަވައިލަން ނޫނީ އެހެން މުޅީން ގަބޫލުފުޅު ކުރައްވައިގެނެވެ. އެހެން ނަމަވެސް އެފަދަ ޓެސްޓްތަކުގައި މީގެ ކުރިން ލީޑަރުންގެ "ވިކެޓްބައި ދުއްވާލާ" ރައީސް މައުމޫން ސްކޯ ކުރެއްވި ނަމަވެސް މިފަހަރު އެ ނަތީޖާ ނުކުންނާނެ ކަމަކަށް ނުބެލެވެ އެވެ.

ސަަބަބަކީ ސިޔާސީ ކިރިކެޓް ޕިޗްގައި ރައީސް ޔާމީނަކީ "ރިވާސް ސްވިންގް" ބޯޅަ އުއްކަވާ ބޭފުޅަކަށްވާތީ އެވެ. ރިވާސް ސްވިންގްގައި ބޯޅަ އުކާ އިރު އެ ބޯޅަ ދަތުރު ކުރާ ސްޕީޑާއި އަމާޒު ޔަގީނެއް ނުކުރެވެ އެވެ. ސްވިންގް ބޯޅަ އާއި ހިލާފަށް ރިވާސް ސްވިން ބޯޅަ ދަތުރު ކުރަނީ ކުއްލި ކުއްލިއަށް މިސްރާބު ބަދަލުވަމުން ދެއަތަށް ވެސް އެނބުރަމުން އެހާމެ ބާރަށް ކަމަށްވާތީ އެވެ. -- ޕާކިސްތާނުގެ ކުރީގެ ކުރިކެޓް ކެޕްޓަން ވަސީމް އަކުރަމް މަޝްހޫރުވެފައި އޮންނަނީ "ސުލްތާން އޮފް ރިވާސް ސްވިންގް" ގެ ނަމުގަ އެވެ. މި ވައްތަރުގެ ބޯޅައާއި އޭގެ ދުވެލި މިޝްރާބާ ބެހޭ މައުލޫމާތަށް ރައީސް މައުމޫން ވަރަށް މުއްސަނދިވާނެ އެވެ. --

ވަސީމް އަކުރަމް އެއްލާ ބޯޅައެއް ބެޓް ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދައިގެ ބެޓްސްމަނަކަށް ކެތް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. ސަބަބަކީ ބޯޅައިގެ މިސްރާބު ބަދަލުވެ ދެއަތަށް އެނބުރެމުންދާތީ އާއި އޭގެ ޒާތުގައި އަމާޒު އޮޅުވާލާތީ އެވެ. އެ ބޯޅައިގެ އަމާޒު ޔަގީން ވާނީ އެއްލާ މީހާއަށް އެކަންޏެވެ.

ޕީޕީއެމް އޮތީ ވެރި ކަމުގެ އެވެ. ވެރި ކަމުގައި ހުންނެވީ ރައީސް ޔާމީނެވެ. ތިން ވެރިކަން ދެކެ ވަޑައިގެން ގައުމީ ސިޔާސީ އަދި ބަރުލަމާނީ ހަޔާތުގެ ތަޖުރިބާ އެމަނިކުފާނުގެ އެބަހުއްޓެވެ. ސިޔާސީ ކޯޅުންތަކުގެ ތެރެއިން ހޯއްދެވި ތަޖުރިބާ އެބަހުއްޓެވެ. އެފަދަ ބޭފުޅަކާއެކު އަދި ވެރިކަމުގައި އޮތް ޕާޓީއަކާއެކު ހުންނެވި ބޭފުޅަކު "ނުބައި" ކޮށްލުމަކީ ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ. އެމްޑީޕީގެ ވެރިިކަމުގައި އޮއްވާ އެޕާޓީގެ ތެރެއިން ވެސް ރައީސް ނަޝީދާ ދެކޮޅު ކޯޅި ކޯޅި އުފެދުނެވެ. އެއް ކަމެއްވެސް ނުވިއެވެ. އޭރަކު އެމްޑީޕީ ކުޑަކޮށެއް ވެސް ނުލެވުނެވެ.

އެކަމަކު މިހާރު ބަލައިބަލާށެވެ. އެމްޑީޕީ ވެރިކަމަކު ނެތެވެ. އެއޮށް ވަރުގަދަ ރީނދޫ ލަޝްކަރު ކުޑަވަމުން ކުޑަވަމުން އެހެރަގެން އޮވެ ހުލިވަނީ އެވެ. ސަރުކާރު ވެއްޓެނީ ކަމަށް ބުނެ ބޮޑުވެގެންވާ ރޭވުމެއްގެ ތެރެއިން މިދިއަ ހަފުތާގައި އޯކިޑް މަގަށް ނުކުތީ ވެސް ހަރުގެ ކައިރިން ފެންނަ މީސްކޮޅެވެ. -- އެވާހަކަ އަދި ފަހުން ލިޔާނީ އެވެ --

މިސާލަކަށް އައްޑޫގެ އެއްފަސްވެފައި އޮތް ރަށްތަކުން ފޭދޫގައި އެމްޑީޕީގެ ޖަލްސާއެއް ބާއްވާ ބަލާށެވެ. މީގެ ކުރިން ބަހުގަ އާއި ސައިކަލްތަކުގަ އާއި ލޯރިތަކުގައި މީހުން ބާރަކޮށް އައިސް ފުރާލަ ފަދަ މަންޒަރެއް މިހާރު ނުފެންނާނެ އެވެ. "ކަރުނަ ގޭސްޖަހަނީއޭ ފަހައި ގަންނަނީއޭ" ބުނާނީ ވެސް މާލޭގައިނަމަތާ އެވެ. ފޭދޫގައި އެހެން ހިރަފުސް ނަގާފައި ބިޑިފަތި ހިފައިގެން އަންނާނެ ބަޔަކު ތިބޭނެ ހެއްޔެވެ؟

ރައީސް މައުމޫނަކީ ވަރަށް ބޮޑު ބުއްދިވެރިއެކެވެ. ގަބޫލު ކުރެވޭ ގޮތުން ރައީސް މުހައްމަދު ނަޝީދު ރައީސް މައުމޫނަށް ވަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެ އެވެ. އެކަމަކު ރައީސް ނަޝީދުގެ ގޭމް ރޭވިފައި އޮތް ގޮތް މައުމޫނަށް އެނގި ވަޑައިގަންނަވަނީ ކިހާ ވަރަކަށް ހެއްޔެވެ؟

ހަގީގަތުގައި ރައީސް ނަޝީދު ކުރައްވަނީ ކުރިން ވެސް ކުރެއްވި ކަންތަކެވެ. އާ ކަމެއް ނެތެވެ. އީވާން ނަސީމްގެ މައްސަލައަށް ފަހު އިނގިރޭސި ވިލާތަށް ވަޑައިގަތީ އެވެ. ގާސިމް އިބްރާހިމާއި ގޯގޯ ލަތީފާއި މޮޑީ އާއި ދެން ވެސް ތިއްބެވި ބަޔަކު އެމްޑީޕީއެއް ހެއްދެވީ އެވެ. މަވޯޓާ ޝަރީފާ މިހެން ގޮސް އެތައް ބަޔަކު ހިންގި އެތައް ގިނަ ސީދާ ހަރަކާތެއްގެ ތެރެއިން "އޯގަސްޓަ ބާރާ ތޭރަ" އައިސް މައިދާނުން ގަރަނބުކަން ފިލައި "ގްރައުންޑް ސެޓްލް" ވުމާއެކު ލަންޑަނުން މާލެ ވަޑައިގަތީ އެވެ. ޑިމޮކްރަސީއަށް ޖައްވު އަލިކޮށްދޭން ބުރަ މަސައްކަތް ކުރެއްވި ބޭފުޅުން މިހާރު ކޮބައިތޯ އެވެ؟ އެ ހުރިހާ އެންމެން ވެސް ހަޔަކަށް ބުރުއްސާލީ އެވެ.

މިހާރު ވެސް ރައީސް ނަޝީދު ކުރައްވަނީ އެކަމެވެ. ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެފަދަ ބައެއް ބޭފުޅުންގެ އިއްތިހާދެއް ލަންޑަނުގައި ހުންންވައިގެން ހައްދަވައި މާލޭގައި ގްރައުންޑް ސެޓް ކުރެއްވޭތޯ ބައްލަވަނީ އެވެ. އަދި ޕީޕީއެމްގެ ތެރެއިން އައި ކުނީގެ ފައިދާ ނަގައިގެން ކުރާ މަސައްކަތުގައި ރައީސް މައުމޫންގެ "ސިފަ" ޖެއްސޭތޯ ދައްކާން އުޅުއްވަނީ އެވެ. މައިދާން އަލިވެ ސާފުވުމާއެކު މާލެ ވަޑައިގެފާނެ އެވެ. ރައީސް މައުމޫނުގެ ސިޔާސީ ބުއްދި މިކަމަށް ޖާގައެއް ދެއްވަފާނެތޯ ނޫންތޯ އެއީ ސުވާލެކެވެ.

ރައީސް މައުމޫން ޕާޓީގެ މައްސަލަ ވެސް މަޝްވަރާ މޭޒުގައި ވިދާޅުވާންވީ އެވެ، ތިމަން މަނިކުފާނު މިހާރު ރައީސް ޔާމީނަށް ދެކޮޅޭ ނޫނީ ސަރުކާރާ ދެކޮޅޭ ވެސް އެއްކޮޅޭ ވެސް ވިދާޅުވާންވީ އެވެ. އެހެންނާ ތިމަން މަނިކުފާނަށް ކަމުދަނީ އެމްޑީޕީގެ ސްޓޭންޑޭ ވިދާޅުވީމާ ސާފެވެ. ސިޔާސީ މައިދާނުގައި އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ އެއީ ގާތް ނުވެވޭ ވަރަށް ދުރު ނުވާ، އަދި ދުރު ނުވެވޭ ވަރަށް ގާތް ނުވާ މައިދާނަށް ވާތީ އެވެ.

ދެ އަންބާ އެއްގައި އެއް ނެރަކުން އެއްފަޅަކަށް ވަދެގެން ދާ ދެ އޮޑިއަކަށް ދެ ފައިލައްވައިފިއްޔާ އެ މީހަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެމީހެއްގެ ދެފައި އިރޭނީ އެވެ. ދެން ވެއްޓިގެން ދާނީ އަޑިއަށެވެ. ރައީސް މައުމޫން "ފަހުބަސް" މި ނަމުގައި ލިޔުއްވާފައިވާ ފޮތެއް އޮވެއެވެ. އެގޮތަށް މިކަމުގައި ވެސް ފަހުބަސް ވިދާޅުވާން ޖެހެ އެވެ. އޭރުން މާއިދާނުގެ ގަރަނބުކަން ފިލައި ސާފުވެ ނިމުނީ އެވެ.