12 މެންބަރުންގެ މައްސަލަ

އެންޓި ޑިފެކްޝަންގެ ނަމުގައި ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް!

އިނގިރޭސި ހަރު ބަހެއްގައިވެ އެވެ؛ "ވަޓް ގޯސް އެރައުންޑް ކަމްސް އެރައުންޑް". އެހެން ގޮތަކަށް ބުނާނަމަ އެމީހަކު ކުރި ކަމެއް އެމީހަކާ ވެސް އަރާ ހަމަ ކުރާނެ އެވެ. ފޭހުނު އިލޮށިގަނޑު ލޮލަށް ހެރޭނެ އެވެ. އަމިއްލައަށް ކޮނުނު ވަޅުގަނޑަށް އަމިއްލަ މީހާ ވެއްޓޭނެ އެވެ. މިފަދަ ވަޅުގަނޑަކަށް މިހާރު ވެއްޓިފައި އެތިބީ ރިޔާސީ އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލި، ޕީޕީއެމްގެ މަޖިލީހުގެ މެންބަރުންނެވެ.

ކުއްލި ގޮތަކަށް ފްލޯ ކްރޮސިން ނުވަތަ މެންބަރުން އިންތިހާބުވާ ޕާޓީ ދޫކޮށްލާ ހިސާބުން ގޮނޑި ގެއްލޭނެ ކަމަށް ފެނި އެކަން ވުޖޫދުކުރީ ސަރުކާރަށް އެޅި ވަރުގަދަ ރޯޅިއެއް މައިތިރިކުރާށެވެ. ޕީޕީއެމްގެ ތެރެއިން "އުފުރިގެން" ދިޔަ މެންބަރުންތައް "ސައިޒް" ކުރުމަށެވެ. އެހެން މެންބަރުން އުފުރިގެން ނުދާނެ ގޮތަށް "އޮބި" އަޅުވާށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި 45 މެންބަރުން ސޮއި ކުރެއްވުމަކީ ރައީސް އަބްދުﷲ ޔާމީން އެއްގޮތަކަށް ވެސް އުއްމީދު ކުރެއްވި ކަމެއް ނޫނެވެ. އެކަން ވެގެން ދިޔައީ މުޅި ސަރުކާރަށް ބޮޑު ތޫފާނަކަށެވެ. އެ ތޫފާނުން ސަލާމަތްވުމަށް ރައީސް ޔާމީން އެޅުއްވި ފިޔަވަޅަކީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ވެއްދުމެވެ. އަވަސް އަރުވާލައިގެން ރައީސް ޔާމީން ބޭނުންފުޅުވި ހުކުމް ނެރެ، ގަރާރުގައި ސޮއި ކުރެއްވި 12 މެންބަރުންގެ ގޮނޑި ގެއްލުވާލައި މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ނުކުރެވޭ ވަރަށް މަޖިލިސް ކޮށާލި އެވެ. އިދިކޮޅަށް އޮތް ބޮޑު މެޖޯރިޓީ ވައްޓާލީ ފްލޯ ކްރޮސިންގެ ދަށުންނެވެ.

ހަމައެކަނި ހުކުމުން ނުފުދޭތީ އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ވެސް އެ އޮތީ އެންޓި ޑިފެކްޝަންގެ ގާނޫނުގެ ނަމުގައި ގާނޫނެއް ވެސް ފާސްކޮށްފަ އެވެ. ޒަރޫރީ ހާލަތުގެ ދަށުން ޕީޕީއެމް މެންބަރުން އެ ގާނޫނު ފާސްކުރީ މަޖުބޫރުވެގެންނެވެ. ކޮނެވެނީ އަމިއްލަ ކަށްވަޅުކަން ވެސް ބައެއް މެންބަރުން އެނގި ތިބެ އެވެ. ޕީޕީއެމްގެ އިސް މެންބަރެއް ކަމަށްވާ ރިޔާޒު ރަޝީދު އެ ގާނޫނު ފާސްކުރަން ވޯޓު ނުދެއްވީ ވެސް އެހެންވެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ސަރުކާރު ދެކޮޅު މެންބަރުންތަކެއް ދުއްވާލުމުގެ މަގުސަދުގައި ބައްޓަންކުރި ފޭރާމެއްކަން އެ ގާނޫނުގައި މާޒީއަށް ރުޖޫވަ، ގާނޫނު އަމަލުކުރަން ފަށާނެ ތާރީހެއް ޖަހާފައިވުން ވަރަށް ސާފުވެ އެވެ. އެންޓި ޑިފެކްޝަނަކީ މަޖިލީހުގެ މެންބަރުން ރިޝްވަތު ދުރުކުރުމަށް ފަހި ގާނޫނެއް ކަމަށް ބެލެވުނު ނަމަވެސް އެ ގާނޫނު ސަރުކާރުން ގެނެސްފައިވަނީ އެއްވެސް އިހްލާސްތެރިކަމެއް ނެތި އެވެ. މިހާރު އެ ގާނޫނުގެ އެންމެ ބޮޑު ބިރުވެރިކަމެއް އޮތީ ޕީޕީއެމްގައި ތިއްބެވި މެންބަރުންނަށެވެ.

ޕީޕީއެމް މައުމޫނަށް؟! މެންބަރުން ބޭރަށް؟!

އިންތިހާބުގެ ނާކާމިޔާބާއެކު ރައީސް ޔާމީންގެ "މުށު" ތެރޭގައި އޮތް މުއައްސަސާތަކާއިި ކޯޓުތައް މިންޖުވެފައިވާކަން އެ ތަންތަނުން މިހާރު ނިންމާ ނިންމުންތަކާއި އަމަލުތަކުން ވަރަށް ސާފެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ކޮންގްރެސްގެ ސާފު އަގުލަބިއްޔަތުން އިންތިހާބު ކުރި ރައީސެވެ. ކޮންގްރެސްގައި އަހާލުމެއް ނެތި ރައީސް މައުމޫން ޕާޓީއިން ވަކިކޮށްފައިވަނީ އުސޫލުތަކާ ފުށު އަރާ ފަދަ ގޮތަށެވެ. ނަމަވެސް އޭރުގެ އިލެކްޝަން ކޮމިޝަނުން އެކަމަށް އަޅައެއް ނުލި އެވެ.

މިހާރު ޕީޕީއެމްގެ ފާޑުކިޔުން އަމާޒުވެފައިވާ އިލެކްޝަން ކޮމިޝަނުން ވަނީ ރައީސް މައުމޫން ޕާޓީއިން ވަކިކޮށްފައިވާ ގޮތް އަލުން ރިވިއުކުރަން ނިންމާފަ އެވެ. ބޮަޑަށް ބެލެވޭ ގޮތުގައި ރައީސް މައުމޫން ވަކިކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށް ކޮމިޝަނުން ނިންމާނެ އެވެ. އެހެންވެއްޖެ ކަމަށްވާނަމަ އޮޓަމެޓިކުން ރައީސް މައުމޫނަށް އަނެއްކާވެސް ޕާޓީގެ ރައީސްގެ މަގާމު ލިބޭނެ އެވެ.

އަނެއްކޮޅުން ޕީޕީއެމްގެ ބާރުތައް ރައީސް ޔާމީންގެ އަތްޕުޅުން ނަންގަވައި، ރައީސް މައުމޫނަށް ހަވާލުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ސިވިލް ކޯޓުގައި ދަނީ ކުރިއަށެވެ. ރައީސް މައުމޫންގެ އަތްޕުޅުން ބާރުތައް ނަންގަވައި ރައީސް ޔާމީނަށް ހަވާލުކުރީ ވެސް ސިވިލް ކޯޓުންނެެވެ. އޭރު އޮތީ ރައީސް ޔާމީންގެ ބާރެވެ. މިހާރު އެ ބާރެއް ނުފޫޒެއް ނެތެވެ. އެ މައްސަލަ ނިމޭނީ ރައީސް ޔާމީނާ ދެކޮޅަށް ކަމަށް ލަފާ ކުރެވެ އެވެ. ނޮވެމްބަރު މަހު ރައީސް ޔާމީންގެ ދައުރު ހަވަމާއިރު އޮޓަމެޓިކުން މުސްތަޝާރުގެ މަގާމު ވެސް ގެއްލޭނެ އެވެ.

ރައީސް މައުުމޫނަށް ޕީޕީއެމްއިން ލިބިއްޖެނަމަ އެންމެވުން ކައިރި ކަމަކީ އެ ޕާޓީއިން މެންބަރުންތަކެއް ވަކިކުރުމެވެ. ލިސްޓްގެ އެންމެ ކުރީގައި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ހިމެނޭނެ އެވެ. އެ ދެ ބޭފުޅުންނަކީ ރައީސް މައުމޫން ޕާޓީން ނެރެ އެއްލާލައި، އިހާނެތި ބަސްތައް ރައީސް މައުމޫނަށް ވަރަށް ބޮޑަށް އަމާޒު ކުރެއްވި ދެ ބޭފުޅުންނެވެ. ދެން ވެސް އެ ދެ ބޭފުޅުންނާއެކު އެއް މޭޒަށް އަރާ މެންބަރުން ކޮޅަށް އެ ބިރު ބޮޑެވެ.

އެ ބިރު މެންބަރުންގެ މެދުގައި އޮތްކަން ޕީޕީއެމްގެ ކައުންސިލް ވައިބާ ގުރޫޕުން ލީކްވެފައިވާ ޗެޓްލޮގުން ހާމަވެ އެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ވީއެންމެ އަވަހަކަށް ޕީޕީއެމް އުވާލުމުގެ ހިޔާލު ދެއްވާފަ އެވެ. ޕާޓީ ނެތިއްޔާ ޕާޓީއިން ވަކިކޮށް ގޮނޑި ގެއްލުވާލާނެ ގޮތެއް ނޯންނާނެތާ އެވެ.

އެ ހިޔާލަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވެފައިވަނީ "ވެރީ ޓްރޫ"އޭ އެވެ. ރައީސް ޔާމީންއާ އަރިސް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވެސް ފަލާހުގެ އެ ހިޔާލަށް ތާއިދުކުރުމުގެ ގޮތުން "ތަމްބްސް އަޕް"އެއް ދެއްވާފައިވެ އެވެ.

ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތިބި އެ މެންބަރުންނަށް ޕީޕީއެމް އުވާލުން ވެސް އެއީ ފަސޭހަ "އޮޕްޝަނެއް" ނޫނެވެ. ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީ އުވާލަން ނިންމޭނީ ކައުންސިލާއި ޒުވާނުންގެ ހަރަކާތާއި އަންހެނުންގެ ހަރަކާތާއި ދީނީ ގޮފީގެ ތިންކޮށްފަ ދެބައި އަގުލަބިއްޔަތުން ގަރާރެއް ފާސްކޮށް ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެއީ ފަސޭހަ ކަމެއް ކަމަކަށް މަންޒަރުން ނުފެނެ އެވެ.

ޕީޕީއެމްގެ ކޮންގްރެސްއެއް ބާއްވައި އާ ލީޑަޝިޕެއް ހޮވި ނަމަވެސް އެ ކޮންގްރެސް އިލެކްޝަން ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ. އަދި މިހާރު ޕީޕީއެމްއިން ނިންމާ އެއްވެސް ނިންމުމެއް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގަބޫލު ނުކުރަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ޕާޓީ ތެރެއިން މެންބަރުންތަކެއް މިވަގުތު "އުދުހިގަތަސް" ކުރެވޭނެ ކަމެއް ރައީސް ޔާމީނަށް މިހާރު ނެތެވެ.

މަންޒަރު އެއްކޮށް ބަދަލުވީ، އަލުން މަޖިލީހަށް؟!

ޕީޕީއެމްގައި މިހާރު ތިއްބެވި މެންބަރުން ނުތަނަވަސްކަމުގައި ތިއްބަސް އެ ފޭރާން ބައްޓަންކުރި ނޫނީ އޭގެ އަނިޔާދިން މެންބަރުން ތިބީ އުފާވެރިކަމެއްގަ އެވެ. އެ މެންބަރުންގެ ކަރަށް މަހާލި މަޅި ވަނީ ނެގިފަ އެވެ. އެ މަޅީގެ މިސްރާބު ޖެހީ މަޅި އުފެއްދި މެންބަރުންގެ ކަރަށެވެ.

ސުޕްރީމް ކޯޓުން މިހާރު ވެސް ވަނީ ހަތަރު މެންބަރުންގެ ގޮނޑި ދީފަ އެވެ. އެކަމުގައި ނިހާއީ ހުކުމް އިއްވާފަ އެވެ. ބާކީ އަށް މެންބަރުންގެ މައްސަލަ ވެސް ވަރަށް އަވަހަށް ނިންމާނެ އެވެ. ހުރިހާ މައްސަލަތަކެއްގެ އަޑުއެހުންތައް މި ހަފުތާ ނިންމާލާނެ އެވެ. ކުރީގެ ހަތަރު މެންބަރުންގެ ހުކުމަށް ބަލާނަމަ އަށް މެންބަރުންގެ ގޮނޑި ވެސް ސަލާމަތްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އިލެކްޝަން ކޮމިޝަނުން ވެސް އެކަމަށް މާބޮޑު އިންކާރު ކުރުމެއް ޝަރީއަތުގެ މަޖިލީހުގައި ނުގެންގުޅެ އެވެ.

އެ 12 މެންބަރުން ވަރަށް އަވަހަށް މަޖިލީހަށް ވަންނާނެ ކަމުގެ އުއްމީދު އެހެންވެ ވަނީ ބޮޑުވެފަ އެވެ. އެ މެންބަރުން މަޖިލީހަށް ވަންނައިރު އަނެއް މެންބަރުން މަޖިލީހުން ނުކުނަންނަ ޖެހި، އެ މެންބަރުން ގޮނޑީގެ ފަހަތުން އެއް އަހަރު ދުވި
ދުވުން ދުވަން ޖެހުން ވަރަށް ގާތެވެ. "ވަޓް ގޯސް އެރައުންޑް ކަމްސް އެރައުންޑް"އޭ ބުނަނީ އެހެންވެ އެވެ.