ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫން ބޭނުންވާ ބާރުގެ ސިޔާސީ ހަކަތަ އެބަހުރިތަ؟

Nov 8, 2016
11

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާބެހޭ ގޮތުން ވާހަކަ ދައްކާ މީހުން ބުނާ ވާހަކައެއް އޮވެ އެވެ. ރައީސް މައުމޫނަށް އަދިވެސް އެމަނިކުފާނު ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ނޫންކަން ގަބޫލުފުޅެއް ނުކުރެއްވެ އެވެ! މިއީ ހައިރާން ކުރުވަފާނެ ވާހަކައެކެވެ. ނަމަވެސް ސިޔާސީ ގޮތުން ފުނަށް ގޮސްފިނަމަ ރައީސް މައުމޫން ބޭނުންފުޅުވެ ވަޑައިގަންނަވަނީ އަދިވެސް ވެރިކަމުގެ ބާރުތައްކަން އެނގެ އެވެ. އަދި އެ މަނިކުފާނަށް ދިމާވެފައިވާ އަސްލު މައްސަލައަކީ އެއީކަންވެސް އެނގެއެވެ. ވަރަށް އާދައިގެ ވިސްނުމުގެ މީހުން ވެސް މި ވާހަކަ މިހާތަނަށް ވެސް ބުނެ އުޅެނީ ކޮންމެވެސް ހަގީގަތެއް އޮވެގެން އެކަން އެނގޭތީ އެވެ.

ޕީޕީއެމްގެ ކޯޅުތަކުގެ ތެރެއިން އައި "ޝަރުއީ ފަރުވާ" ގައި ރައީސް މައުމޫނުގެ ބާރު ޕީޕީއެމްގައި ކެނޑި މިހާރު އެވަނީ ޕާޓީ ހިންގުން ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގެ މައްޗަށް ގޮސްފަ އެވެ. އެއާއެކު ރައީސް މައުމޫން ސްރީލަންކާގެ "ދަ އައިލެންޑް" ނޫހަށް ދެއްވާފައިވާ އިންޓަވިއުގައި ވިދާޅުވެފައިވާ ގޮތުގައި "ޕީޕީއެމްގެ ރައީސް ގެ ގޮތުގައި ހުންނަވަން ބޭނުންފުޅުވަނީ އެންމެހާ ބާރު ތަކާއެކު" އެވެ.

މިއިން ދޭހަކޮށް ދެނީ މިހާތަނަށް ރައީސް މައުމޫނާ ބެހޭ ގޮތުން މީހުންދައްކާ އުޅޭ ވާހަކަ އާއި ރައީސް މައުމޫނު ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތް ދިމާވުމެވެ. ބާރު ބޭނުންވެވަޑައިގަންވާ މިންވަރަކީ ކޯޓްތަކުގެ މަރުހަލާތައް ނިމިގެން ދިއުމުން ފެންނަމުންދާ މަންޒަރުން ވެސް އެނގެ އެވެ. އެކަމަކު އެހެން ވާނީ ކިހިނެއް ހެއްޔެވެ؟

ރައީސް މައުމޫނުގެ އުމުރުފުޅަކީ މިހާރު 79 އަހަރެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގައި މިހާރު ހުންނެވި ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އުމުރުފުޅު، 57 އަހަރެވެ. ދެ ބޭފުޅުންގެ އުމުރުގެ ފަރަގު ގާތްގަނޑަކަށް ބާވީހަކަށް އަހަރު ހުންނާނެ އެވެ.

ރައީސް ޔާމީނަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ގަބޫލުފުޅު ނުކުރެއްވި އޭގެ ބަދަލުގައި އެއީ ހަމައެކަނި ރައީސް މައުމޫނުގެ 22 އަހަރު ހަގު އެއްބަފާ ކޮއްކޯފުޅު ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު މައްސަލަ އެކެވެ. ސަބަބަކީ ރައީސް ޔާމީނަކީ ރާއްޖޭގެ ގާނޫނީ ރައީސެވެ. ރާއްޖޭގެ ރައްޔިތުންގެ ވެރިޔާ އެވެ. ރައީސް މައުމޫނުގެ ވެސް ވެރިޔާ އެވެ. އެއީ ކޮއްކޯފުޅު ކަމަށް ވިޔަސް އެ ހަގީގަތް ރައީސް މައުމޫން ގަބޫލުފުޅު ކުރައްވަން ޖެހި ވަޑައިގަންނަވާނެއެވެ.

ރައީސް ޔާމީނާ ރައީސް މައުމޫނުގެ މައްސަލައަށް އިޝާރާތް ކުރައްވާ މައުމޫން ވަރަށް ގިނައިން ދައްކަވާ އެއްވާހަކަފުޅަކީ އެމަނިކުފާނާ ރައީސް ބައްދަލު ނުކުރައްވާ ވާހަކަ އާއި އަރިހަށް ވަޑައި ނުގަންނަވާ ވާހަކައެވެ. ގިނަ ގިނައިން އެ ވާހަކަ ދެއްކެވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

"އޭގެ ބޭނުމަކީ ބާރުވެރި ފަރާތަކީ އެއީ ކަމަށް ދައްކުވައިދިނުން. އެ ނޫން އެއްވެސް ބޭނުމެއްނެތް،" ޕީޕީއެމް ދެބައި ވެގެން ދިޔައިރު މައުމޫން ފަޅީގައި ހުންނެވުމަށްފަހު "އަސްލަ" ށް ރުޖޫއަވި ސިޔާސީ އެކްޓިވިސްޓަކު ބުންޏެވެ.

ހަގީގަތުގައި ރައީސުލް ޖުމްހޫރިއްޔާ އެއްވެސް މީހެއްގެ އުނގަށް ތިރިވާކަށް ނުޖެހެ އެވެ. ކޮއްކޯފުޅަށް ވިޔަސް މައުމޫން ބޭނުންފުޅުވާ ގޮތަށް ރައީސް ޔާމީން ވަޑައިގެން ވެސް ނުވާނެ އެވެ. އެއީ މައުމޫން ވިދާޅުވާ ގޮތަށް ރައީސްކަން ކުރައްވަން ހޮވާފައިވާ ބޭފުޅެއް ނޫނެވެ. އެކަމަކު މިއިން ފެންނަ މައިގަނޑު ހަގީގަތަކީ ރައީސް މައުމޫން ބާރު ބޭނުންފުޅުވާ މިންވަރެވެ.

މިފަދަ އެހެން މިސާލުތައް ވެސް ކައިރި މާޒީގައި ފެނުނެވެ. ރައީސް ކަމުގެ އުންމީދު ވަރަށް ބޮޑަށް ކުރެއްވި އެއް ބޭފުޅަކަށް ޑރ. ހަސަން ސައީދު ވެ ވަޑައިގަންނަވަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭނާ އަށް ރައީސްގެ އެޑްވައިޒަރުކަން ދެއްވި އެވެ. އެހެން ނަމަވެސް އޭރު ހަސަން ސައީދަށް ހީފުޅުވެ ވަޑައިގެންނެވީ އޭނާ ވިދާޅުވާ ކޮންމެ ގޮތަކަށް އަރުވާ ކޮންމެ ލަފަޔަކަށް ރައީސް ނަޝީދު އަމަލު ކުރައްވަން ޖެހި ވަޑައިގަންނަވާނެ ކަމަށެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ރައީސް ނަޝީދު އެހެން ނުހެއްދެވީ އެވެ. ހަމައެކަނި ވަކި މީހަކު ބޭނުންފުޅުވާ ގޮތެއް ނުވެސް ހެއްދެވޭނެ އެވެ.

ހަމަ އެގޮތަށް ރައީސް ނަޝީދު ގާސިމް އިބްރާހިމަށް ވެސް ހޯމް މިނިސްޓަރު ކަމާއެކު ބާރުތަކެއް ދެއްވި އެވެ. ގާސިމަކީ ވެސް ވެރިކަމުގެ ބާރުގެ އުންމީދުގައި ހުންނެވި ބޭފުޅެކެވެ. ގާސިމަށް ވެސް ހީފުޅު ކުރެއްވުނީ ރައީސް ނަޝީދު ވަޑައިގަންނަވަން ޖެހޭނީ އޭނާ ދައްކާ މަގުން ކަމަށެވެ. އެހެނެއްނުވާނެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވަޑައިގެން ހުންނަވާ ބޭފުޅަކަށް ވުރެ ކުރީގައި އެހެން އެއްވެސް ބޭފުޅަކަށް ހުންނެވޭނެ ގޮތެއް އޮންނާނެ ހެއްޔެެވެ؟ ޕީޕީއެމުގައި ދިމާވީ މި މައްސަލަ ނޫން އެހެން އެއްވެސް ކަމެއް ނޫނެވެ. އެކަން ރައީސް ޔާމީންގެ ވެރި ކަމުގެ ކުރީ ކޮޅު ޕީޕީއެމްގެ ރެލީތަކުންނާއި ޖަލްސާތަކުން ފެނިގެން ގޮސްފައިވާނެ އެވެ. މައުމޫން ވަޑައިގަންނަވާނީ އެންމެ ފަހުންނެވެ. ރައީސް ޔާމީން ހުންނަވާނީ ރައީސް މައުމޫންގެ އިސްތިގުބާލަށެވެ. ޖަހަން ޖެހެނީ "ޒައީމް" ލަވަ އެވެ.

ރައީސް ޔާމީން ވެރި ކަމަށް ވަޑައިގެންނެވި ދުވަސްވަރު ރައީސް އޮފީހުގައި ރައީސް މައުމޫނަށް ހާއްސަ އޮފީހެއް ހައްދަވަން ރައީސް މައުމޫނު ބޭނުންފުޅުވި ކަމަށްވެ އެވެ. އަދި ހަފުތާއަކު އެއްފަހަރު ކެބިނެޓާ ބައްދަލު ކުރައްވަން ބޭނުންފުޅުވި ކަމަށްވެސް ބުނެ އެވެ. އެކަން ރައީސް ގަބޫލުފުޅު ނުކުރައްވާ ބޭނުންފުުޅުވާ މަޝްވަރާއެއް ނަމަ ރައީސަށް އެރުވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށް ވެއެވެ. ސީދާ ހަގީގަތެއް ނޭނގެ އެވެ. އެކަމަކު މިއީ ދައްކާ ވާހަކަ އެވެ. އެކަން އެހެން އޮތަސް ނެތަސް އެއީއަކީ ރައީސުލް ޖުމްހޫރިއްޔާއަކު ދެއްވައިގެންވާނެ ފުރުސަތެއް ނޫނެވެ. ނުވެސް ދެއްވޭނެ އެވެ. އަދި މިހާރު ކަންކަން މިފެންނަ ގޮތާ އަޅާ ބަލާއިރު އެކަން އެގޮތަށް ހިނގާފައި އޮތުމަކީ ގާތް ގޮތެވެ.

"މިކަންކަން މިހެން އޮތީމާ އެބަ އެނގޭ ނޫންތޯ ރައީސް މައުމޫނު ބޭނުންފުޅުވާ ގޮތް. ވަޑައިގަންނަވަން ބޭނުންފުޅުވާ މަގު. އެ މަގަމަގީ ދައުލަތުގެ އެންމެ އެގްޒެކެޓިވް މަގު، އެބާރުތައް! ޕީޕީއެމްގެ މައްސަލައިގެ ތެރެއިން ވަރަށް ކުޑަކުޑަ މިސާލެއް އެފެނުނީ. ރައީސް މައުމޫނު މިހާރު އެ އެއްބަސްވެ ވަޑައިގެންނެވީ ބޭނުންފުޅުވަނީ ހުރިހާ ބާރުތަކަކާއެކު ހުންނަވަން ކަމަށް، އެއީ ގާނޫނީ ގޮތުން ޕީޕީއެމްގެ އަސާސީ ގަވައިދާއި އަދި ޕާޓީއެއް ހިނގާ ގޮތުގެ އުސޫލުތަކަށް ބަލާއިރު އެވާހަކައަށް ބަހުސްކުރެވިދާނެ ކަމެއް. ނަމަވެސް ބޮޑު މަންޒަރަށް ބަލާއިރު މިއީ ބާރު ވެރި ކަމުގެ މައްސަލައެއް." ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

ޑރ. ހާލާ ހަމީދަކީ ރައީސް މައުމޫނުގެ އަރިހުގައި 18 ވަރަކަށް އަހަރު ސިޔާސީ ގޮތުން މަސައްކަތް ކުރެއްވި ކޮއްކޯފުޅެކެވެ. ރައީސް މައުމޫނާބެހޭ ގޮތުން ރަނގަޅު ވާހަކަފުޅެއް ވިދާޅުވެފައި ވަނީ އެކަމަނާ އެވެ. "ރައީސް މައުމޫނު މަސައްކަތް ކުރައްވަނީ އަމިއްލަފުޅަށާއި ދަރިންނަށް ބާރު ހޯއްދަވައި ދެއްވާށެ" ވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖެއަށް ހޯއްދަވައި ދެއްވި ތަރައްގީ އާއި ގެނެސް ދެއްވި ސިޔާސީ ބަދަލު މީހުން ބަލައިގަނެ އެވެ. އެކަމަށް އިހުތިރާމް ކުރެ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިހާރު ހުންނެވީ މައުމޫން ނޫންކަން މައުމޫނު އަމިއްލަފުޅަށް ވެސް ގަބޫލު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. ރައީސް ނަޝީދު ވެސް ރައީސް ވަހީދު ވެސް އެ ގޮތް ގަބޫލު ކުރައްވަން ޖެހި ވަޑައިގަންނަވާނެ އެވެ.

ހާލާ ވިދާޅުވި ގޮތުގައި އެކަމަނާގެ ބައްޕާފުޅު ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދު ރައީސް މައުމޫނުގެ ކެބިނެޓުން ވަކިކުރެއްވި ޒުވާން، ތައުލީމީ ބޭފުޅުންނަށް ކެބިނެޓުން ފުރުސަތު ދެއްވަންވެގެނެވެ. އަދި ހަމީދު ރިޓަޔާ ކުރައްވަންޖެހި ވަޑައިގަންނަވާ އުމުރު އައިސްގެނެވެ.

"މިއަދު އަހަންނަށް ހީވަނީ ހަމަ އެ ސަބަބުތައް [ރައީސް] މައުމޫންއަށް ވެސް އެބަހުރިހެން، މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ރައީސް ޔާމީނަކީ މައުމޫނާ ތިމާގެ މީހެއް ނޫނީ ނުދަންނަ މީހެއް ނަމަވެސް ރައީސް ޔާމީންގެ ލީޑަޝިޕަށް މައުމޫން އިހްތިރާމް ކުރައްވަން ޖެހޭނެ،" ހާލާ ވިދާޅުވި އެވެ. "މިފެންނަނީ ބާރު ހޯދުމަށް ކުރާ ކަމެއް، އަމިއްލައަށް ބާރު ހޯދެއްވުމަށާއި ދަރިންނަށް ބާރު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކެއް،"

ރައީސް މައުމޫން ޕީޕީއެމް ރޫޅައިލައްވާ ރައީސް ޔާމީންގެ ސަރުކާރަށް ކުރައްވާ ތާއީދު ގެންދެވި އިރު ވިދާޅުވި ސަބަބުތަކުގެ ތެރެއަށް ލައްވާފައި ވަނީ ހިޔާނާތްވާ މީހުން ބޮޑެތި އެހެން މަގާމުތަކަށް ލެއްވުމެވެ. ރައީސް މައުމޫން އެހެން ވިދާޅުވި ރައީސް ޔާމީން އެއްވެސް މީހަކު މަގާމުން ވަކި ކުރައްވާފައި އެ މީހާއަކީ މިވެނި ވަރަކުން ދައުލަތަށް ހިޔާނާތްވެފައި ހުރި މީހެކޭ، އަދި އަނެއް ދުވަހު އެމީހަކަށް ވަޒީފާ ދެއްވާފައި އޭނާގެ ކުށެއް ނެތެކޭ ވެސް ވިދާޅެއް ނުވެ އެވެ. -- ތުހުމަތަކެއް އޮތް ބޭފުޅަކަށް ވަޒީފާއެއް ނުދެއްވައެކޭ އެއް ނޫނެވެ. އެކަމަކު ތުހުމަތެއް އޮތުމަކީ އަދި މީހާ ކުށްވެރިވުމެއް ނޫނެވެ. ރައީސް މައުމޫނަށް ކުރާ ތުހުމަތަށްވުރެ ގިނަ ތުހުމަތު އޮތް ބޭފުޅަކު ވެސް ނުހުންނާނެ އެވެ. އެކަމަކު އެއީ މައުމޫން ކުށްވެރިއެއް ނުވެ އެވެ. ތުހުމަތަކީ ކުށްވެރިވާންޖެހޭ ސަބަބެއް ވެސް ނޫނެވެ.

މައުމޫން މިފަދަ ބަހަނާއެއް ދެއްކެވި އިރު މައުމޫނު ސަރުކާރުގައި އެންމެ ބާރުގަދަ ކޮށް ހުންނެވި އިލްޔާސް އިބްރާހިމް ބޮޑެތި ހިޔާނާތްތަކެއްގައި ފިއްލަވައިގެން ގައުމުން ބޭރަށް ވަޑައިގެންނެވުމުން އިލްޔާސް މަގާމުން ދުރު ކުރައްވާ އަދި ކުޑަ ދުވަސްކޮޅެއް ފަހުން އެއީ އެއްވެސް ކުށެއް ނެތް ބޭފުޅެއްގެ ގޮތުގައި ނިންމައި ކުރިން ހުންނެވި މަގާމަށްވުރެ ބޮޑު މަގާމެއް މާ ބާރުގަދަކޮށް އޭރުގެ ނިޒާމުގެ ތެރެއިން ނަމަ ބޮޑުވަޒީރެއްގެ މަގާމު ފަދަ މަގާމެއްގެ ގޮތުގައި އެޓޯލްސް މިނިސްޓަރުކަން ދެއްވި އެވެ. އެކަހަލަ ކިތައް މަގާމު ދެއްވި ހެއްޔެވެ؟ ރައީސް ޔާމީންގެ ސަރުކާރުގައި އެކަން ސާބިތުވާ ކަމަށް ރައީސް ވިދާޅުވި ބޭފުޅުން ތިއްބެވީ ހައްޔަރުކޮށް ޖަލުގަ އެވެ.

ދެން އޮތީ ޕީޕީއެމްގެ ވާހަކަ އެވެ. ސަރުކާރުން ބައެއް ގާނޫނުތައް ފާސް ކުރައްވަނީ އެވެ. ސުވާލަކީ ޑީއާރްޕީ ރޫޅައިލީ ކީއްވެގެން ހެއްޔެވެ؟ ގައިމުވެސް އޭރު އޮތީ ޑީއާރްޕީގެ ސަރުކާރެއް ނޫނެވެ. އެހެންވީމަ މިހާރު ރައީސް މައުމޫންދައްކަވާ ވާހަކަ ދިމައެއް ނުވެއެވެ. މީގައި މިއުޅެނީ އަމިއްލަފުޅަށް ބޭނުންފުޅުވެ ވަޑައިގަންނަވާ ބާރު މިއަދުގެ ސިޔާސީ މައިދާނުން ލިބި ވަޑައި ނުގަންނަވާތީ ކަންބޮޑުވެ ވަޑައިގަތުމެކެވެ. ސަރުކާރަށް ކުރާ ތާއީދު ގެންދެވި ސަބަބުތައް ކަމަށް ވިދާޅުވެ މައުމޫން ދައްކަވާފައިވާ ވާހަކަތަކަކީ "ސިމްޕްލީ ނޮޓް ޓްރޫ" އެވެ. އެއީ ބާރުގެ ބޭނުމުގައި ދެއްކެވި ހުސް ބަހަނާ އެވެ.

"މިހުރިހާ ވެސް ކަމަކީ ބާރުތައް ކުޑަވުން، ބާރުތައްނެގިގެންދާކަން ގަބޫލުފުޅު ނުކުރެއްވޭތީ، ހުރިހާ މައްސަލައެއް ދިމާވަނީ. ރައީސް މައުމޫނަށް ގަބޫލުފުޅެއް ނުކުރެވޭ ރައީސް ކަމުގައި ހުންނެވީ އެހެން ބޭފުޅަކު ކަމަކަށް. އެހެންވެ މި މައްސަލަ ދިމާވެފައި މިއޮތީ،" ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ޕްރެޒިޑެންޝަލް މެޓީރިއަލްގެ ލީޑަރަކު ތައްޔާރު ނުކުރެއްވި އޮތުމަކީ ރައީސް މައުމޫނުގެ މައްސަލައެކެވެ. ރައީސް ނަޝީދު ފަދަ، އަދި ރައީސް ޔާމީންފަދަ އެހެން ލީޑަރުން އުފެދި، ބާރު ހޯއްދެވުން ރައީސް މައުމޫނަށް މައްސަލައަކަށް ވާނެޖްހެ ސަބަބެއް ނޫނެވެ. އަދި އެއީ ހަގީގަތް ގަބޫލުފުޅު ނުކުރައްވާ ނެތް ހަކަތާގައި ބާރު ހޯއްދަވަން އުޅުއްވަންޖެހޭ ސަބަބެއް ވެސް ނޫނެވެ.

ރައީސް މައުމޫންގެ ބޭފުޅުންނަކީ އެމަނިކުފާނު ވިދާޅުވެފައިވާ ހެން ތައުލީމީ ބޭފުޅުންނެވެ. އަހުލާގު ވެސް ރަނގަޅު ބޭފުޅުންނެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅަކަށް އެއީ "ޕްރެޒިޑެންޝަލް ވޯތް މެޓީރިއަލް" ހުރި ބޭފުޅެއްކަން މިހާތަނަށް ސާބިތުކޮށް ދެއްވިފައެއް ނުވެއެވެ.

ޜައީސް ޔާމީން ވަނީ އެ ބޭފުޅުންނަށް ފުރުސަތު ދެއްވައި މަގާމުތަކާއި ބާރުތައް ދެއްވާފަ އެވެ. ފޮރުވިފައިވާ އެހެން ސަބަބެއްގެ ތެރެއިން އެ ބޭފުޅުން އެ ބާރުތައް ދޫކުރައް ވައި ވަޑައިގެންނެވުމަކީ އެެހެން ކަމެކެވެ. މިހާރު ރައީސް ޔާމީނާ އެކުގައި ހުންނެވީ ޣައްސާނު މައުމޫނެވެ. ރައީސް ޔާމީން ވިދާޅުވެފައި ޣައްސާނަކީ ސިޔާސީ ކުރިމަގު އޮތް ބޭފުޅެކެވެ. ރައީސް ޔާމީނަށް ޣައްސާނުގެ ކުރި މަގު ސިޔާސީ ދަނޑުން ފެނިވަޑައިގަންނަވަނީ އެވެ.

ރައީސް މައުމޫނަކީ ސިޔާސީ ހަކަތައިގެ ބޭފުޅެކޭއެއް މިހާރު ނުބުނާނެ އެވެ. އެހެންވީމާ ސިޔާސީ ބާރުވެރިކަމާއެކު އެ ދަނޑުގައި ދުވެވަޑައިގަތުމަށް އުންމީދު ކުރެއްވުމަކީ އެ މަނިކުފާނަށް އެހާ ބުއްދިވެރި ކަމެއް ކަމަށް މިހާރު ވެދާނެ ހެއްޔެވެ؟

"ރައީސް މައުމޫން ގަބޫލުފުޅު ކުރައްވަންޖެހޭނެ. ޕޮޕިއިލަރިޓީ ދަށަށް ގޮސްފިކަން، އެ ހަގީގަތް ގަބޫލު ނުކުރެއްވޭތީ މި މައްސަލަތައް އުފެދެނީ،"

ރައީސް މައުމޫން ވެރި ކަމަކުގެ ބާރާއި އާރު އޮވެގެން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދާ ވާދަ ކުރައްވާ ލިބި ވަޑައިގެންނެވީ 49 ޕަސެންޓެވެ. އޭގެ ފަހުން 2013 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ޔާމީނަށް އެ މަނިކުފާނުގެ ތާއީދު ދެއްވައިގެން ލިބި ވަޑައިގެންނެވީ 25 ޕަސެންޓެވެ. – ފަހުން ވެރިކަމަށް ރައީސް ޔާމީން ވަޑައިގެންނެވީ އެހެން ލީޑަރެއްގެ ތާއީދާވެސް އެކު އިތުރަށް ހޯއްދެވި ޕަސެންޓޭޖުންނެވެ –

އެ 25 ޕަސެންޓަކީ ރައީސް ޔާމީންގެ އެއްވެސް ތާއީދެއް ނެތި މައުމޫން ހޯއްދެވި 25 ޕަސެންޓް ކަމަށް ބަލައިގެން ހިސާބު ހެދިޔަސް މައުމޫނުގެ ޕޮޕިއުލަރިޓީ ވެއްޓިފައިވާ މިންވަރު ދެނެގެނެވޭނެ އެވެ. އަދި އޭގެ ތެރޭގައި ރައީސް ޔާމީނު ހޯއްދާވައިވާ ވޯޓް ހުންނާނެ ކަމީ ކަށަވަރު ކަމެކެވެ. އެބައި އެއިން އުނިކޮށްފިނަމަ މައުމޫނުގެ ޕޮޕިއުލަރިޓީ އަދި ބޮޑުތަނުން ތިރިވެފައިވާ ގްރާފެއް ނެރެވޭނެ އެވެ.

މިހާރު މިއީ އޭގެ އަހަރުތަކެއް ފަހެވެ. މިހާރު ރައީސް ޔާމީން ހޯއްދަވާފައިވާ ކާމީޔާބީ ގިނަ އެވެ. މިހާ ހިސާބުން އަދި ޕޮޕިއުލަރިޓީ ޓެސްޓް ކޮށްލެވޭ އިންތިހާބަކާ ދިމާ ނުވިޔަސް މައުމޫނުގެ އަސްލު ޕޮޕިއުލަރިޓީ ޓެސްޓްކޮށްލި އެއް ހަރަކާތަކަށް އެންމެ ފަހުން ރައީސް ޔާމީން އިސްވެ ޕީޕީއެމުން ބޭއްވި "އަސްލު" ޖަލްސާ ވެއެވެ. އެ ޖަލްސާގެ ފޯކަސް ދައްކައިދެނީ "އިންތިހާބެއްގެ ނަތީޖާ" އެވެ. އެއީ ގާތްގަނޑަކަށް 12،000 މީހުން އެއްވި ޖަލްސާއެކެވެ.

ރައީސް މައުމޫނަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެތަނަށް މަޖުބޫރުން ގާތްގަނޑަކަށް 4000 މީހުން ގެންގޮސްފައި ވެއެވެ. އެހަތަރު ހާސް މީހުން ކެނޑިއަސް "ސާރި އާށު، ބާރަ" އަދި އަށް ހާސް މީހުން ވާނެ އެވެ. އެ އަދަދަކީވެސް ޖަލްސާއެއްގައި ޕީޕީއެމަށް މިހާތަނަށް އެއްކުރެވިފައިވާ އަދަދެއް ނޫނެވެ. އެހެން ކަމުން މައުމޫން ހޯއްދަވަން ބޭނުންފުޅުވާ ބާރު ދެން ސިޔާސީ ހަކަތައިގެ ގޮތުން އަތުވެދާނެ ކަމަކަށް ނުފެނެ އެވެ.

ރައީސް މައުމޫން ވެސް ރައީސް ނަޝީދު ވެސް ބޭނުންފުޅު ވަޑައިގަންނަވަނީ ބާރުވެރި ކަމެވެ. ދެ ބޭފުޅުންގެ ވަަށައިގެން މީހުން އެއްވެ އޮންނާށެވެ. އެކަމަކު ޑިމޮކްރަސީ ހަރަދަނާވެގެން އަންނަ ވަރަކަށް އެ އުސޫލު ދާނީ ފަނޑުވަމުން ނެތެމުން ކެނޑެމުންނެވެ. އެ ހަގީގަތް މައުމޫނަށް ގަބޫލު ނުކުރެއްވުމުގެ ނަތީޖާއަކީ "މިޑް ޓާމް އިލެކްޝަނަކީ" ފަލްސަފާއެކޭ ރައީސް ނަޝީދު ވިދާޅުވި ގޮތަށް ކޮންމަން ވެތުލުގެ ވާހަކައަކީ "މެސެޖެކޭ" ވެސް ރައީސް މައުމޫނަށް ވިދާޅުވެ ޓްވީޓް ކުރެއްވުނީ އެވެ. އެހެން ނޫންނަމަ އެވާހަކަ ވިދާޅުވާންވީތާ ކޮން ދުވަހެއް ހެއްޔެވެ. ތިން އަހަރު ފަހުން މައުމޫން އެހެން ވިދާޅުވި އިރު އެ މައްސަލަ ރައީސް ޔާމީން މަޖިލީހަށް ފޮނުވި ދުއްވަހު ވެސް "ލޫ ކަހަކަ" ށް ވެވަޑައިގެން ޓްވީޓެއް ކުރެވުނީހެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިފެނުނު މަންޒަރަކީ ހައިރާން ކުރުވި ބަދަލެކެވެ. އަދި ކުރިޔަށްއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ހައިރާންވެ އަންތަރީސްވާ ކަހަލަ ސިޔާސީ ބަދަލުތައް ފެންނާނެ ކަމަށް ގަބޫލު ކުރެވެއެވެ. އޭގެ ތެރޭގައި ރައީސް މައުމޫނާ ގުޅިގެން އަންނާނެ ވަރަށް ގިނަ ބަދަލުތައް ފޯކަސް ވަމުން އަލިވަމުން ދާނެ ކަން މުޅިން ޔަގީނެވެ.