މަދިރީގެ ސަބަބުން ޖެހޭ ބަލިތަކުން މަރުވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެއްޖެ އެވެ. އޭގެ ސަބަބުން ކަންބޮޑުވެ ދެރަވެފައި ތިބީ ހަމައެކަނި އާންމު ރައްޔިތުންނެއް ނޫނެވެ. މި ކަމުގެ ފިކުރު ސައިންސްވެރިންނަށް ވެސް ބޮޑުވެއްޖެ އެވެ. އިންސާނުންނަށް ނުރައްކާތެރި އެތައް ބަލިތަކެއް ޖައްސާ، މި ސޫފި މުޅިން ނައްތާލެވޭނެ ގޮތެއް ހޯދަން ސައިންސްވެރިން މިހާރު މިވަނީ މަޝްވަރާތަކެއް ކުރަން ފަށާފަ އެވެ.
އެހެން ޖަނަވާރުތަކާއި ހިލާފަށް މަދިރީގެ ސަބަބުން ބަލި ޖެހި މަރުވުމުގެ ޗާންސް އިންސާނުންނަށް ބޮޑުކަމަށް ސައިންސްވެރިން އިއްތިފާގުވެފައިވާ އިރު، މިދިޔަ އަހަރު އެކަނިވެސް މަދިރިއާ ގުޅުންހުރި އެކި ބަލިތަކުގައި ދުނިޔޭން ފަސް ލައްކައެއްހާ މީހުން މަރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ މެލޭރިއާ ޖެހިގެންނެވެ. ގަރުނަކަށް ވުރެ ޒަމާން ވަންދެން މަދިރިން ސަލާމަތްވުމަށް އިންސާނުން ވަނީ، މަދިރިގެ އާއި މަދިރި ނުވަތަ ސޫފި މަރާ ސްކްރީން ތަކާއި، އެތަކެތި މަރަން ބޭނުންކުރާ ސްޕްރޭ ފަދަ ވަސީލަތްތައް މަދިރިއާ ހަނގުރާމަކުރުމަށް ބޭނުންކޮށްފަ އެވެ. ނަމަވެސް އެއިން ވީކަމެއް ހަރާމެވެ. މި ހަތިޔާރުތަކަކީ މަދިރި ފައްސާ ހަތިޔާރު ތަކަށް ވުމުން އިރުކޮޅެއް ފަހުން އަނެއްކާވެސް އެސޮރުމެން ނިކުންނަނީ އަހަރެމެންނާ ހަމަލާއަށެވެ. މާ ވަރުގަދަ ހަތިޔާރު އަޅައިގެންނެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް ބިރުވެރިކަމާއެކު ފެތުރެމުންދާ ޒިކާ ވައިރަސް އާއި ނުރައްކާތެރި ޑެންގޫ އަކީ މިފަދަ ދެ ހަތިޔާރެވެ.
މަދިރި ބަލިކޮށްލުމަށް ރެޔާއި ދުވާލު މަސައްކަތްކުރަމުންދާ ސައިންސްވެރިންގެ ނަޒަރުގައި ނިކަން ވަރުގަދަ "ޖީން އެޑިޓިން ޓެކްނޮލޮޖީ" އެއްގެ ޒަރީއާއިން މަދިރި ބަލިކަށިކޮށް، އެތަކެތި މަރާލެވިދާނެ އެވެ. މިހާތަނަށް ކޮށްފައިވާ ދިރާސާތަކާއި މަސައްކަތްތަކުން އެއީ ކުރެވިދާނެކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.
"މަދިރި ނައްތާލުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައި އޮތް ބޮޑު އަދި ބުރަ މަސައްކަތެއް. ހާއްސަކޮށް އީޑީޒް މަދިރި. އެއީ އެންމެންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް،" މަދިރިއާ ބެހޭ ދިރާސާތައް މިހާރުވެސް ކުރަމުންދާ ސައިންޓިސްޓެއް ކަމަށްވާ ޒެކް އެޑެލްމަން، ޑެންގޫ އަދި ޒިކާ ވައިރަސް ކެރީ ކުރާ އީޑީޒް އިޖީޕްޓައި މަދިރިއާ ބެހޭގޮތުން ބުނެފައިވަނީ މިހެންނެވެ. މި މަދިރިއަކީ ޑެންގޫ އަދި ޒިކާގެ ނޫނަސް އިންސާނުންގެ ފުރާނައަށް ނުރައްކާ ކުރާ އިތުރު ދެ ވައިރަހެއް އުފުލާ މަދިރި އެކެވެ.
ސައިންސްވެރިއާ އަދި ޕްރޮފެސަރު އެޑަލްމަން އާއި އޭނާއާ އެކުގައި އެމެރިކާގެ ޓެކްސަސްގައި ހުންނަ އޭ އެންޑް އެމް ޔުނިވަސިޓީގައި މަސައްކަތްކުރައްވާ އެހެން ޕްރޮފެޝަރަކާ، ގުޅިގެން މިހާރު ވަނީ އީޑީޒް މަދިރީގެ ފިރިހެން މަދިރި އާލާކުރާނެ ގޮތެއް ހޯދަމުންނެވެ. އޭގެ ސަބަބުން ފިރިހެން މަދިރި ގިނަވެ. އެތަކެތި ދަރިމައިވާ މިންވަރު ވަރަށް ދަށްވާނެ ކަމަށް އެ ޓީމުން ލަފާކުރެ އެވެ.
ނުރައްކާތެރި އެތަކެއް ވައިރަހެއް އުފުލާ އީޑީޒް މަދިރި އަކީ އަންހެން މަދިރި އެކެވެ.
މަދިރި މުޅިން ނައްތާލާނެ ނިޒާމެއް ފަރުމާކޮށް އެތަކެތި މަރާލުމަކީ އުނދަގޫ ވަގުތުތަކެއް ގެނެސްދީފާނެ ކަމެއް ކަމަށް ސައިންސްވެރިން އިއްތިފާގުވެ އެވެ. އެހެންކަމުން އެފަދަ މަސައްކަތްތަކެއް ފެށުމުގެ ކުރިން އޭގެ ސަބަބުން ފުޑް ޗެއިންނާއި ތިމާވެއްޓާއި ކުރާނީ ކިހާ ވަރެއްގެ އަސަރެއް ކަމާއި މިފަދަ ގިނަ ކަންތައްތަކެއް ފުރިހަމަޔަށް ދިރާސާކުރުމަށް އަދި އަހަރުތަކެއް ނަގާނެ ކަމަށް އެބޭފުޅުން ލަފާކުރެ އެވެ.
"ސޫތްޕެއް މުޅިން ނެތިކޮށްލުމަކީ ވަރަށް ބަދުނަސީބު ކަމެއް، ފަހަރެއްގައި އޭގެ ސަބަބުން އިތުރު ނުރައްކަލެއްގެ ތެރެއަށް ވެއްޓުން އެކަށީގެންވާ ކަމެއް،" ބައޯ ރިސާޗް ސައިންޓިސްޓެއް ކަމަށްވާ ގްރެގޮރީ ކެބްނިކް ވިދާޅުވި އެވެ.
މަދިރިއާ ގުޅިގެން ސައިންސްވެރިންގެ މެދުގައި ހިޔާލު ތަފާތުވެ ބަހުސް ބޮޑުވެފައިވާ އިރު، 3600 އެއްހާ މަދިރީގެ އެކި ވައްތަރުތައް އުޅޭ އިރު، އިންސާނުން ބަލި ޖައްސާ ނުރައްކާތެރި ވައިރަސް އުފުލަނީ އޭގެ ތެރެއިން މަދު ވައްތަރުތަކެކެވެ. އަދި ބަލި ފަތުރާ މަދިރި ތަކަކީ ވެސް މާ ފަރިކޮށްދީ ގަސް ފޯދުމަށް އެހީތެރިވެދޭ ސޫތްޕަކެވެ.
ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި ދަނޑު ގޮވާމަށް ނުރައްކާ ކުރާ ސޫފިތަކުން ގޮވާން ރައްކާތެރިކުރުމަށް ދަނޑުވެރިން ވަނީ "ސްޓެރިލް އިންސެކްޓް ޓެކްނިކް" ނުވަތަ ސޫފިތަކުގެ ޖީން ބޭނުންކޮށްގެން އެއް ޖިންސްގެ ސޫފި، އާލާކުރުވައިގެން އެބާވަތުގެ ސޫފި މަރާ ވައްތަރުގެ ދާ އީޖާދު ކޮށްފަ އެވެ. ވީމާ ނުރައްކާތެރި މަދިރި ނައްތާލުމަށް ވެސް މިފަދަ ހައްލެއް ގެނެވިދާނެ ކަމަށް ސައިންސްވެރިން މިހާރުދެކެ އެވެ.