ފިނިޕޭޖް

4426 ގެ ޓިކެޓް އޮންލައިންކޮށް ބުކް ކުރަން ހާއްސަ ވެބްސައިޓެއް

އަނެއްކާވެސް 4426 ފިލްމުގެ ވާހަކަ އެކެވެ. ފިލްމުގެ އިންތިޒާރުގައި ތިބި މީހުންނަށް އުފާވެރި ހަބަރެކެވެ. ވަކިން ހާއްސަކޮށް އީދަށް ރާއްޖޭން ބޭރަށްދާ މީހުންނަށް މިއީ ހަމަގައިމުވެސް ވަރަށް އުފާވެރި ހަބަރަކަށް ވާނެ އެވެ. މިމަހުގެ 13 އިން ފެށިގެން 4426 ގެ ޓިކެޓް ބުކް ކުރަން ފަށާތީ ތިތިބީ ފުރަތަމަ ޝޯތަކުން ޖާގަ ނުލިބޭނެކަމަށް ނިންމައިދެން ދޯ އެވެ. އީދަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ހާއްސަކޮށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިވަނީ ވެބްސައިޓެއް ތައްޔާރުކޮށް އޮން ލައިންކޮށް ޓިކެޓް ބުކް ކުރެވޭނެ އިންތިޒާމް ގާއިމްކޮށްފަ އެވެ.

"މި ވެބަސައިޓަކީ ހަމަ ހާއްސަކޮށް އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ޓިކެޓް ބުކް ކުރަން ފަސޭހަ އަކަށް ތައްޔާރު ކުރި ވެބްސައިޓަށް. ގިނަ މީހުން ބޭނުންވާނެ ފުރަތަމަ ޝޯ ތަކުން ޓިކެޓް" ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުންޏެވެ.

މިމަހުގެ 13 އިން ފެށިގެން ޓިކެޓް ބުކް ކުރަން ފެށިނަމަވެސް ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ މިމަހުގެ 20 ފެށީގެންނެވެ. އަންނަ މަހު 18 ގައި ފިލްމު އަޅުވާއިރު ފިލްމުގެ ޓީޒާއެއް އަދި ޓްރެއިލާއެއްވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ. އަދި ފިލްމުގެ މަންޒަރުތައް ހިމެނޭ ކުދި ކުދި ވީޑިއޯ ކްލިޕްކޮޅުތަކެއްވެސް މިވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

ލޯބީގެ ވާހަކަތަކެއްވެސް ފެނިގެންދާ މި ފިލްމަކީ އާދަޔާހިލާފަށް ލޭއޮހޮރުވުން ބޮޑު ފިލްމެއް ކަމަށް ބުނެވެ އެވެ. ފިލްމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސެޓެއްގައި ފިލްމު ނަގާފައިވާއިރު މި ފިލްމުން ޔޫސުފް ޝަފީއު، ޝީލާ ނަޖީބު، އިބްރާހިމް ޖިހާދު (ޖިމީ)، އަހްމަދު ސައީދު އަދި މުހައްމަދު ފައިސަލް އަދި އަލީ ފާރޫގްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. މީގެއިތުރުން ކުރިއަރަމުން އަންނަ މަރިޔަމް އައްޒަ، އަހްމަދު ޖުމައިހް އަދި މުހައްމަދު ޖުމައްޔިލް ނިމާލްގެ ހުނަރުތައްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. އަދި ސަޕްރައިޒެއް ގޮތުގައިވެސް އިތުރު ތަރިއަކު ފެނިގެންދާނެ އެވެ.

ފިލްމުގެ ޕްރޮމޯޝަަނަލް ލަވަ ޑރ. އަހްމަދު ޝަމްރާހު ކިޔާއިރު މި ލަވަ މިމަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް ނަހުލާ ބުންޏެވެ. ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއް މޯލްޑިވިއަން އައިޑޮލްއިން ވިދާލި ތަރިއެއްގެ އަޑުން އިވުމުގެ ފުރުސަތުވެސް އެބައޮތެެވެ.

ނަހުލާގެ 4426 ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ އޮކްޓޫބަރު 18 ގަ އެވެ.