ހަބަރު

ހައްޖު ހުތުބާ: މުސްލިމް ވެރިންނަށާއި ޒުވާނުންނަށް ނަސޭހަތްތަކެއް

  • އިސްލާމީ ވެރިން އަދުލުވެރި ވުމަށް ގޮވާލި
  • ހައްދު ފަހަނައެޅި ފިކުރު ތަކާ ޒުވާނުން ދުރުވުމަށް ގޮވާލި
  • މުސްލިމުންގެ އަހުލާގާއި ސުލޫކު ރަނގަޅު ކުރުމަށް ވެސް ގޮވާލި

އިސްލާމީ ގައުމުތަކުގެ ވެރިން އަދުލުވެރި ވުމަށާއި އިންސާފު ގާއިމްކުރުމަށް އިސްލާމީ ވެރިންނަށް ނަސޭހަތް ދެއްވައި، މުޅި އިސްލާމީ އުންމަތް އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމި ތިބުމަށް މިއަދުގެ ހައްޖު ހުތުބާގައި ގޮވާލައްވައިފި އެވެ. ގާތްގަނޑަކަށް 35 އަހަރަށް ފަހު، ސައުދީ އަރަބިއްޔާގެ އިސް މުފްތީ އަބްދުލް އަޒީޒް ބިން އަބްދުﷲ އާލް ޝެއިހްގެ ބަދަލުގައި މިއަހަރުގެ ހައްޖު ހުތުބާ އިއްވެވީ، މަސްޖިދުލް ނަބަވީގެ އިމާމު ޝެއިހް އަބްދުލް ރަހްމާން އަލް ސުދައިސް އެވެ.

އަރަފާތު ބިމުގައި މިއަދު އިއްވި ހައްޖު ހުތުބާގައި، އިސްލާމީ އުއްމަތުގެ ހުރިހާ ލީޑަރުންނާއި ރައްޔިތުން އެކަތި ގަނޑަކަށްވެ އުއްމަތް ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް ޝެއިހް ގޮވާލެއްވި އެވެ. އެގޮތުން އިލްމްވެރިންގެ ބަހުގައި ހިފައިގެން އިސްލާމީ ގައުމުތަކުގައި އަދުލު އިންސާފު ގާއިމް ކުރުމަށާއި އަނިޔާވެރިކަމުން ދުރުވެ، މަޝްވަރާގެ ރިވެެތި އުސޫލުމުގެ މަތިން އިސްލާމީ މުޖުތަމައުތައް އެއްބައި ކުރުމަށް ޝެއިހް އިސްލާމީ ވެރިންނަށް ގޮވާލެއްވި އެވެ.

އަރަފާތު ބިމަށް އެއް ފަހަރާ އެއްވަގުތެއްގައި ޖަމާވެފައި އެތައް މިލިއަން މުސްލިމުންނަކާ މުހާތަބު ކުރައްވައި ޝެއިހް ވިދާޅުވީ، އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެންމެން އަތުގުޅާލައި އެކުގައި މަސައްކަތްކުރަންވީ ވަގުތަކީ މިއީ ކަމަށެވެ.

"މަސްޖިދުލް އަގްޞާއަށް ދިމާވެފައިވާ ހާލަތު، އިރާގަށް ދިމާވެފައިވާ ހާލަތްތައް، ސީރިއާއަަށް ކުރިމަތިވެފައިވާ ހާދިސާތައް، ޔަމަނަށް ކުރިމަތިވެފައިވާ ހާދިސާތައް، މި ހުރިހާ ހިތާމަވެރި ހާލަތްތަކުން ނިކުތުމަށް އަޅުގަނޑުމެން އެބަޖެހޭ އެކަކު އަނެއްކަކަށް އެހީތެރިވާން، އުއްމަތުގެ އެއްބައިވަންތަކަން، އުއްމަތުގެ ވަހުދަތާއި ވަސީލަތްތައް ދެމެހެއްޓުމަކީ އުއްމަތުގެ ހުރިހާ ރައްޔިތުންގެ އަތްމަތީގައިވާ ކަމެއް، އިސްލާމީ އުއްމަތުގެ ވެރިން އެމީހުންނާ ހަވާލުކޮށްފައިވާ އަގުހުރި އަމާނަތް އެބަޖެހޭ އެ އަމާނާތާ ރައްކާތެރިވާން، އެއްވެސް މީހަކަށް އަނިޔާނުވެ އެމީހުންގެ މެދުގައި މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަށް އިސްލާމީ ވެރިން ޖެހޭނެ،" ހުތުބާގައި ވިދާޅުވި އެވެ.

އިލްމްވެރިންނަށް ވެސް އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ހުތުބާގައި ވަނީ ގޮވާލައްވާފަ އެވެ. ހުތުބާގައި ވިދާޅުވީ، އިލްމްވެރިންނަށް އަންގަވާފައިވަނީ ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަށް ދީން އޮޅުން ފިލުވައިދިނުން ކަމަށެވެ. ދީނުގައިވާ ލުއި ފަސޭހަ ގޮތްތަކާއި ފަސޭހަ ގޮތްތައް އޮޅުން ފިލުވައިދޭން ޖެހޭނެ ކަމަށް ޝެއިހް ވިދާޅުވި އެވެ. ޝެއިހް ވިދާޅުވީ މުޖުތަމައުތައް ބައިބައިވެގެންދާނެ ގޮތަކަށް އިލްވެރިން އަމަލުކޮށްގެން ނުވާނެ ކަމަށެވެ.

އުއްމަތުގެ ބައެއް ގައުމުތަކުގެ ރައްޔިތުންގެ އަހުލާގު ހަލާކުވެ ގައުމުތައް ހަލާކުގެ ތެރެއަށް ވެއްޓިފައިވާކަން ފާހަގަކުރައްވަމުން ހުތުބާގައި ވިދާޅުވީ، ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ޒިންމާ ފުރިހަމައަށް އަދާކުރަން ޖެހޭ ކަމަށެވެ. އަދި ރިވެތި އަހުލާގާއި އުސޫލުތައް ދަސްކޮށްދިނުމަށް ޝެއިހް ވަނީ ގޮވާލައްވައިފަ އެވެ.

މީޑިއާގެ ފަރާތްތަކަށް ވެސް ހައްޖު ހުތުބާގައި ވަނީ ނަސޭހަތް ދެއްވާފަ އެވެ. މީޑިއާ ބޭނުންކުރަންވަނީ އިސްލާމީ ދީނަށް ނަސުރު ދިނުމަށާއި ދީނުގެ ރިވެތި އުސޫލުތައް މީސްތަކުންނަށް ބުނެދިނުމަށް ކަމަށް ހުތުބާގައި ވިދާޅުވި އެވެ. ހެޔޮ ގޮތުގައި ނޫނީ މީޑިއާތަކުން ބަސް ނުބުނުމަށާއި ފިތުނަ އުފެއްދުމާއި ދޮގު ވާހަކަތަކުން ދުރުވުމަށް ގޮވާލެއްވި އެވެ. އަދި މީސްތަކުން އެއްބައިވަންތަކުރުމުގައި މީޑިއާއިން ބޮޑު ރޯލެއް އަދާކުރުމަށް ވެސް ގޮވާލެއްވި އެވެ.

"މީސްތަކުންގެ ލެޔާއި މުދާލައި އަބުރަކީ ރައްކާތެރިވެގެންވާ އެއްޗެއް، މިކަންތައްތަކަށް މުސްލިމުން ރައްކާތެރިވެއްޖެނަމަ މުސްލިމުން އޮންނާނީ އެކުވެރިކަން މަތީގައި،" ގުރުއާނާއި ސުންނަތުން ދަލީލް ދައްކަވަމުން ޝެއިހް ވިދާޅުވި އެވެ.

ޒުވާނުންނަށް ވަރަށް ގިނަ ކަންތައްތަކަކަށް ޝެއިހް ގޮވާލެއްވި އެވެ. ޒުވާނުން ވިސްނަން ޖެހޭ އެތައް ކަމެއް މުސްލިމް އުއްމަތަށް ކުރިމަތިވެފައިވާ ކަމަށް ހުތުބާގައި ވިދާޅުވި އެވެ. އެގޮތުން ޓެރަރިޒަމާއި އިސްލާމް ދީނުގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ނޭއްގާނީ އަމަލުތަކާ މެދު ވިސްނައި ހޭލުމަށް ގޮވާލެއްވި އެވެ. އަދި މިފަދަ ހައްދުފަހަނަ އެޅި ފިކުރުތަކުގެ ތެރެއަށް މުސްލިމް ޒުވާނުން ނުދިޔުމަށް ޝެއިހް އާދޭހާ އެކު ގޮވާލެއްވި އެވެ.

"މިއީ ކޮން ދީނެއްގައި ކޮން ސަގާފަތެއްގައި ތޯ މިފަދަ ކަންކަންތައް މި ހުއްދަ ކުރަނީ، މަދަނީ މީސްމީހުން މެރުމާއި އިސްލާމް ދީން ނަމުގައި ހިނގަމުން މިދާ ނުބައި ޓެރަރިޒަމްގެ އަމަލުތައް ތިޔަ ޒުވާނުން މިފަދަ ކަންކަންތައްތަކުން އެއްކިބާ ވާން ޖެހޭނެ، މިފަދަ ކަންތައްތަކުގެ ތެރެއަށް ޒުވާނުން މި ވައްދަނީ އިސްލާމުންގެ ނަމުގައި އުޅޭ ޓެރަރިސްޓް ޖަމާއަތްތައް، އެފަދަ ޖަމާއަތްތަކުގެ ޝިކާރައަކަށް ތިޔަ ޒުވާނުން ވެގެން ނުވާނެ،" ހުތުބާގައި ވިދާޅުވި އެވެ.

ހުތުބާގައި ވިދާޅުވީ، އެއްވެސް ކުށެއް ނެތް މީހުންގެ ލޭ ހުއްދަކޮށް މީސްތަކުންނަށް ހަމަލާދީ، ތަންތަން ގޮއްވައި މީހުން މެރުން ފަދަ ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށް އުއްމަތުގެ ޒުވާނުންވެގެން ނުވާނެ ކަމަށެވެ. އެފަދަ ކަންކަމަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާ ހިލާފު ކަންކަން ކަމަށެވެ. ރަސޫލާގެ ސުންނަތުގައި އެފަދަ ކަންކަން ނަހީކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

"އޭ ޒުވާނުންނޭ، ތިޔަ ޒުވާނުންގެ ކޮނޑުގައި ވަރަށް ގިނަ މަސްއޫލިއްޔަތަކެއް ވަނީ އެޅިފައި، ތިޔައީ މި އުއްމަތުގެ މުސްތަގުބަލް، ތިޔަ ޒުވާނުންގެ ތެރޭގައި ބައިބައިވުން އުފެދޭ ފަދަ އެންމެހާ ކަންތައްތަކުން ތިޔަ ޒުވާނުން އެއްކިބާ ވާން ޖެހޭނެ، އުއްމަތަށް ގެއްލުންދިމާވެދާނެ އެންމެހާ ކަންތައްތަކުން ދުރުވާން ޖެހޭނެ،" ހުތުބާގައި ވިދާޅުވި އެވެ. "މީސްތަކުން ކާފަރުކުރުމާއި މީސްތަކުން ބިދުޔަވެރިކުރުން ފަދަ ކަންތައްތަކުން ދުރުވާން ޖެހޭނެ، މިފަދަ ކަންކަމަކީ ވަރަށް ވަރުގަދަ އުސޫލުތަކެއްގެ ދަށުން ނޫނީ ކުރެވޭނެ ކަންތައްތަކެއް ނޫން،"

ރާއްޖެއިން މިއަހަރު 2،000 ދިވެހިން ހައްޖަށް ގޮސްފައިވާ އިރު، އެ ހުރިހާ ހައްޖާޖީއިން ވެސް ވަނީ އަރަފާތު ބިމަށް އައިސްފަ އެވެ. މިއަދު އިރުއޮއްސުމާ އެކު ހުރިހާ ހައްޖާޖީން ވެސް އަރަފާތުން ފައިބައި، މުޒްދަލިފާއަށް ދާނެ އެވެ. އެތަނުގައި ޖަމުރާތަކަށް ހިލައުކައި އިހުރާމް ކަނޑާނެ އެވެ.