ދިވެހި ސަގާފީ ނެށުމާއި ބޮޑުބެރުން މިސްރު މީހުން އާޝޯހުކޮށް އަޖާއިބުކުރުމަށް ފަހު އެ ފޯރިގަނޑު ހިފައިގެން އެނބުރިއައިގޮތަށް ހަރުބީ ބޮޑުބެރު ގްރޫޕް އީދުގެ ޝޯތަކަށް ތައްޔާރުވެއްޖެ އެވެ.
މިރޭ މާލޭގައި ބާއްވާ ދިރާގު އީދު ޝޯގައި ކުޅުމަށް ފަހު އެމީހުން ދެން ފުރައިގެން ދާނީ ލ. ފޮނަދޫގައި އޮތް ޝޯއަށެވެ. މި ވާހަކައެއް ދައްކާއިރު މިސްރުގެ އިސްމާލިއްޔާ ސިޓީގައި މި މަހުގެ ތިން ވަނަ ދުވަހުން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ފޯކްލޯ މިއުޒިކް ފެސްޓިވަލް ބައިވެރި ހަރުބީ އަށް އޮހުނު ތައުރީފުގެ ވާހަކަ އަކީ ނުދައްކައި ދޫކޮށްލާ ވަރުގެ ވާހަކައެއް ނޫނެވެ.
މިސްރާއި އަލްޖީރިއާ އަދި އުރުދުން އާއި ރަޝިއާގެ އިތުރުން ފަލަސްތީނާއި އިންޑޮނީޝިއާ އަދި އިންޑިއާ އިން ޖުމްލަ 14 ސަގާފީ ގްރޫޕެއް ބައިވެރިވި މި ފެސްޓިވަލްގައި އެންމެ ބޮޑު ތަރުހީބެއް އޮހުނީ ދިވެހިންނަށެވެ. މި ފެސްޓިވަލްގައި ބައިވެރިވި ހަރުބީގެ މެމްބަރުންނަށް މަރުހަބާ ދެންނެވީ އިސްމާލިއްޔާ ސިޓީގެ މޭޔަރެވެ.
ހަރުބީ އިން ބުނެފައި ވަނީ އެމީހުންނަށް ލިބުނު މި ފުރުސަތުގައި ރާއްޖޭގެ ސަގާފީ މިއުޒިކާއި ނެށުން ޕްރޮމޯޓްކުރުމުގެ އިތުރުން ދިވެހި ރާއްޖެއާ ބެހޭ އިތުރު މައުލޫމާތު ފޯރުކޮށް އެމީހުންގެ މެދުގައި ވީވަރަކުން ރާއްޖެ ވެސް ޕްރޮމޯޓްކުރި ކަމަށެވެ. އަދި މިފަދަ ފުރުސަތެއްގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޑެޓުގެ ސީއީއޯ މުހައްމަދު ޖުނައިދު ދެއްވި އެއްބާރުލުމަށް ވަރަށް އިހުތިރާމާ އެކު ޝުކުރުއާދާކުރާ ކަމަށެވެ.