އެމްޑަބްލިޔުއެސްސީން މާލެ އަށް ދޫކުރާ ފެން ކެނޑުމާ ގުޅިގެން އެކި ގައުމުތަކުން ރާއްޖެ އަށް ދޭ އެހީތަކުން އެނގެނީ ރައީސް އަބްދުﷲ ޔާމީނަށް އޮތް އިތުބާރު ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަށް ޖެހުމާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދީބު ވިދާޅުވީ ފެން ކެނޑުމާ ގުޅިގެން ސަރުކާރުން އަޅާފައި ވަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާއި އެކަމަށް އެކި ފަރާތްތަކުން ތައުރީފުކުރާ ކަމަށެވެ. އަދި އެކަން އދ. އިން ވެސް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި އަދީބު ވިދާޅުވީ ކާޑުގެ ބާވަތްތަކުން އަންނަ އަހަރުން ފެށިގެން ޑިއުޓީ ނަގަން ނިންމި ނިންމުން ބަދަލުކޮށް، މިހާރުވެސް އޮތް ގޮތަށް ބާއްވަން ރައީސް ނިންމެވީ މި ދިމާވި ހާދިސާ އަށް ރިއާޔަތް ކުރައްވައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދޭ ސަބްސިޑީ ރިސޯޓްތަކަށް ވެސް ލިބެމުންދާ ކަމަށާއި އެހެންވެ އެކަން ހަރުދަނާ ގޮތަކަށް އިންތިޒާމްކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މި ވަގުތު ނިންމާފައި ވަނީ މިހާރުވެސް އޮތް ގޮތަށް އެކަން ބޭއްވުމަށް ކަމަށް ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީ އަށް ދިމާވި މައްސަލާ ބެހޭ ގޮތުން އަދީބު ވިދާޅުވީ މައްސަލަ ހައްލު ކުރުމަށް އެކި ފަރާތްތަކުން އެހީވަމުން އަންނައިރު ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ ހިޓާޗީން ވެސް މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފެން ކެނޑުނު މައްސަލަ އަކީ އިގްތިސާދަށް ވެސް ލިބުނު ގެއްލުމެއް ކަމަށާއި ރިސޯޓްތަކާއި ހޮޓާތަކަށް ފެނުގެ މައްސަލަ ކުރިމަތިވެފައި ނުވާކަން ޓުއަ އޮޕަރޭޓަރުންނަށް އަންގައިދޭން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ ކާޑުން ޑިއުޓީ ނުނަގަން ރައީސް ނިންމެވި ނިންމެވުމަކީ ރައީސް ވަރަށް ބޮޑަށް ވިސްނެވުމަށް ފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ.