ބޭރު ކުޅިވަރު

ޕީއެސްޖީގެ ސިއްރު ވެންގާ ފަޅާއަރުވާލައިފި

ފްރާންސްގެ ޕީއެސްޖީން ތިން ފަހަރެއްގެ މަތީން އޭނާ ގެންދަން އުޅުނުކަމަށް ފުރަތަމަ ފަހަރަށް އާސެނަލް ވެންގާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެންގާ ބުނީ އާސެނަލް ދޫކޮށްނުލީ ސަބަބުތަކެއް ހުރެގެން ކަމަށެވެ.

"ކީއްވެ އަހަރެން ނޫނެކޭ ބުނީ. އެއީ އަހަރެން އަބަދުވެސް އާސެނަލް ދެކެ ލޯބިވާތީވެ. އަހަންނަށް (ޕީއެސްޖީގެ) ވެރިން ވަރަށް ރަނގަޅަށް އެނގޭ. އެކަމަކު އަހަރެން ގަބޫލުކުރާ އުސޫލުތަކާއި ގޮތްތަކެއް އާސެނަލްގައި ހުރީތީވެ. އާސެނަލް އަށް ވަފާތެރިވާންވެގެން،" ވެންގާ ފުރަތަމަ ފަހަރަށް އޭނާ ގެންދަން ޕީއެސްޖީން މަސައްކަތް ކުރި ވާހަކަ ކިޔައިދެމުން ބުންޏެވެ.

ޕީއެސްޖީ ހިންގާ ގަތަރުގެ މަހުޖަނުންނަކީ ވެންގާގެ ވަރަށް ބޮޑު ސަޕޯޓަރުންތަކެކެވެ. އެމީހުން އޭނާ ގެންދަން އުޅުނުކަން ފްރާންސްގައި ހުރެ ވެންގާ ފަޅާއަރުވާލިއިރު އާސެނަލްގައި އޭނާގެ ކުރިމަގު އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ކާމިޔާބު ނުލިބޭތީވެ ވެންގާ ވެސް ވަނީ މި ސީޒަނަކީ އޭނާގެ ކުރިމަގު ކަނޑައަޅާނެ ފަހަރު ކަމަށެވެ. އަދި ކާމިޔާބު ނުލިބިއްޖެނަމަ 20 އަހަރަށް ފަހު އޭނާ އާސެނަލްއާ ވަކިވާން ޖެހިދާނެކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.