ސަލާން ކުރުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާ އިރު ސަލާން ކޮށް ތަޢާރަފް ވާން ވާނެ އެވެ. އައްސަލާމް ޢަލައިކުމް އަކީ ސަލާމުގެ އެންމެ ކުރު ގޮތެވެ. ދިގު އެންމެ ފުރިހަމަ ގޮތަކީ އައްސަލާމު ޢަލައިކުމް ވަރަޙްމަތު ﷲ ވަބަރަކާތުހޫ އެވެ. ސަލާމުގެ ޖަވާބު ދިނުމަކީ ވާޖިބެކެވެ. ސަލާމަށް ޖަވާބު ދޭނެ ގޮތަކީ ވަޢަލައިކުމުއްސަލާމް، ވަޢަލައި ކުމުއްސަލާމް ވަރަޙްމަތު ﷲ ނުވަތަ ވަޢަލައިކުމުއްސަލާމް ވަރަޙްމަތުﷲ ވަބަރަކާތުހޫ، މިހެންނެވެ. ސަލާމުގެ މުހިއްމު ކަމާއި އެއިގެ ފައިދާ އެގިއްޖެ ނަމަ އެއްވެސް މުސްލިމަކު އެކަން ނުކޮށް ނުހުންނާނެކަން ކަށަވަރެވެ.
އިސްލާމް ދީން އައުމުގެ ކުރިން ޢަރަބިންގެ ތެރޭގައާއި މިހާރު ހުޅަނގުގެ ގައުމުތަކުގައި އެކަކު އަނެކަކާ ސަލާންކުރުމުގެ ފެޝަން އޮތީ "ގުޑް މޯނިން" އަކުން ފެށިގެން ގޮސް "ގުޑް އިވްނިންގް" އަކުން ނިމޭ ފަދަ އިބާރާތް ތަކުންނެވެ. މިފަދަ އިބާރާތަކުން ސަލާން ކުރިޔަސް ކުރާނެ ފައިދާ އެއް ހަގީގަތުގައި ނެތެވެ. އެކަމަކު އިސްލާމް ދީނުގައިވާ ގޮތަށް ސަލާން ގޮވުމުން އޭގެ ފައިދާ ލިބިގެނެވެ އެވެ. އެއީ ސަލާމަށް ކަމާއި އަމާން ކަމަށް އެދި ކުރާ ދުޢާ އަކަށް އެކަންވީމަ އެވެ.
އިސްލާމް ދީނުގައި ވާގޮތަށް ކަންތައް ކޮށްގެން ނޫނީ ފައިދާ އެއް ނުލިބޭނެކަމީ ކަށަވަރުވެގެންވާ ކަމެކެވެ. ފައިދާ އާއި ގެއްލުން ލިބޭނެ ގޮތް މާތް ﷲ ވަނީ ކަނޑަ އަޅުއްވާ ލިޔުއްވައި ސާފުކޮށް ދެއްވައިފައެވެ. ދީނުގައި ވާގޮތަށް އަމަލު ކުރުމުން ލިބޭނީ ފައިދާ އެވެ. ދީނުގައިވާ ގޮތަށް ޢަމަލު ނުކޮށް ރަނގަޅު ގޮތް ވެދާނެ ކަމަށް ދެކުމަކީ ޝައިޠާނާއަށް ހެއްލުން ކަމުގައި ނޫނީ ނުމެވެ އެވެ.
ދީނުގައި އަންގަވާފައިވާ ގޮތަށް ސަލާންކުރާ މަންޒަރު މި މުޖުތަމައުން ފެންނަނީ ވަރަށް މަދުން ނެވެ. ބައެއް މީހުންނަށް ސަލާން ގޮވުމުން ހީވަނީ އެއީ ސަލާން ޖަހާ މީހެއް ހެންނެވެ. އަދި ބައެއްމީހުން ސަލާން ގޮވުމުން ޖަވާބުވެ ސް ނުދޭނެ އެވެ. އެއީ ދީނަށް ހޭލުން ތެރިކަން ކުޑަވެ ދީނުގެ ފަރުޟުތަށް އަދާ ނުކުރެވޭތީ ވާގޮތެއްކަމަށް ވެދާނެ އެވެ. ގިނަ މީހުންނަށް އިސްކަން ދެވެނީ ދުނިޔަވީ ކަންތައްތަކަށެވެ. އެހެން ކަމުން ދީނަށް އުޅުމަކީ ވަރަށް އުދަގޫ ކަމަކަށް ވަނީ ވެފައެވެ. ސަތޭކަ ޕަސެންޓް މުސްލިމް ގައުމެއް މިހާލަތަށް ގޮސްފައި ވުމަކީ ގައުމުގެ ކޮންމެ ރައްޔިތަކުވެސް ހިތާމަ ކުރަން ޖެހޭ ކަމެކެވެ. އަދި ދީން އުގެނި ދީނަށް ޢަމަލު ކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިއްމާ އެކެވެ.
ގޭގެ އަށް ވަންނަންވާނީ ސަލާން ގޮވައި ހުއްދަ ހޯދައިގެން
ކީރިތި ޤުރްއާނުގެ ނޫރު ސޫރަތުގެ 27 ވަނަ އާޔަތުގެ މާނާގައި ވަނީ "އޭ އީމާން ވެއްޖެ މީސް ތަކުންނޭވެ. ތިޔަބައިމީހުންގެ ގެތަށް ނޫން އެހެން ގެތަކަށް އެގެތަކުގެ އަހުލު ވެރިންނަށް ސަލާން ކޮށް އިޒްނަ ލިބިގެންފުމަށް ދާންދެން ނުވަންނާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ."
ސަޙީޙް މުސްލިމް 26/5374 ގައި މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައިވާ ޙަދީސްއްގެ މާނާގައި ވެއެވެ.
"ދުއްވާ އެއްޗެހީގައިދާ މީހުން ހިގާފަދާ މީހުންނަށް، ހިނގާފަ ދާ މީހުން މަގުމަތީގައި މަޑުކޮށްލައިގެން ތިބޭ މީހުންނަށް ސަލާން ގޮވަން ވާނެ އެވެ. ގިނަ މީހުންގެ ޖަމާޢަތަކާ ބައްދަލުވާއިރު އިސްވެ ސަލާން ކުރާނީ މަދު މިހުންނެވެ."
ސަޙީޙް މުސްލިމްގެ 26 ވަނަބާބުގެ 5375 ވަނަ ޙަދީޘުގައި ވަނީ "އަބޫ ޠަލްޙަ ވިދާޅުވި އެވެ. ތިމަންމެން ގޭ ކުރިމަތީގައި އިށީދެގެން ވާހަކަ ދައްކަން ތިއްބާ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ވަޑައިގެން ވިދާޅުވިއެވެ. މަގުމަތީގައި ތިއްބެވީ ކޮންކަމަކާ ހެއްޔެވެ.
މަގުމަތީގައި ބައްދަލުވުން ނުބާއްވާށެވެ. ދެން ތިމަންމެން ދެންނެވީމެވެ. ތިމަންމެން މިތިބީ އަމިއްލަ ވާހަކަ ތަކުގައި މަޝްވަރާ ކޮށްލުމަށެވެ. ދެން ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ވިދާޅުވި އެވެ. އެހެން ގޮތެއް ނެތިއްޔާ މަގުމަތީގައި ތިއްބަވާ އިރު މަގުމަތީގެ ޙައްގުތައް އަދާ ކުރާށެވެ. އެއީ ބެލުން ތިރި ކުރުމާއި ރަނގަޅަ ވާހަކަ ދެއްކުމާއި ސަލާން ކުރުމާއި ހެޔޮ ކަންތަކަށް އަމުރު ކުރުމާއި މުންކަރާތް މަނާކުރުމެވެ."
މުސްލިމަކު އަނެއް މުސްލިމާއަށް އަދާކުރަން ޖެހޭ ޙައްގު ތަކުގެ ތެރޭގައި ސަލާން ގޮވުމުމާއި ސަލާމުގެ ޖަވާބު ދިނުން ހިމެނެ އެވެ.
ސަޙީޙް މުސްލިމްގެ 26 ވަނަ ބާބު ގެ 5379 ގެ މާނައިގައި ވަނީ "މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވި އެވެ. އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާ ކުރަން ޖެހޭ ޙައްގު ތަކުގެ ތެރޭގައި 6 ކަމެއް ވެއެވެ. އެއީ ކޮން ހަކަމެއްތޯ ސުވާލު ކުރެއްވުމުން އެކަލޭގެފާނު ވިދާޅުވި އެވެ. އެކަކު އަނެކަކާއި ބައްދަލުވާއިރު ސަލާން ކުރާށެވެ. ކެއުމަކަށް ދަޢުވަތު ދީފިނަމަ ގަބޫލުކުރާށެވެ. ނަސޭޙަތަކަށް އެދިއްޖެނަމަ ދޭށެވެ. ކިބިއްސެއް އެޅުމުން "އަލްޙަމްދު ލިއްލާހި" ކިޔައިފި ނަމަ "ޔަރްޙަމްކަ ﷲ"
ކިޔާށެވެ. ބަލިވެއްޖެ ނަމަ ޒިޔާރަތް ކުރާށެވެ. އަދި މަރުވެއްޖެ ނަމަ ޖަނާޒާގައި ބައިވެރިވާށެވެ."
ޣައިރު މުސްލިމަކާއި ބައްދަލު ވެއްޖެނަމަ ސަލާން ގޮވާކަށް ނޯވެ އެވެ.
ސަޙީޙް މުސްލިމްގެ 26 ވަނަ ބާބްގެ 5389 ގައި ވެއެވެ. "އަބޫ ހުރައިރާ ވިދާޅުވި އެވެ. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ޙަދީސް ކުރެއްވި އެވެ. ޔަހޫދީންނާއި ކްރިސްޓިއަނުންނަށް އިސްވެ ސަލާން ނުގޮވާށެވެ."
ޣައިރު މުސްލިމަކު ސަލާން ގޮވައިފިނަމަ ޖަވާބު ދޭންވީ ގޮތް ބަޔާން ކުރައްވާފައި ވެއެވެ.
ސަޙީޙް މުސްލިމްގެ 26 ވަނަ ބާބުގެ 5381 ޙަދީސްގެ މާނާގައި ވަނީ "އަނަސް ވިދާޅުވެފައި ވެއެވެ. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ގެ ސަޙާބީން ދެންނެވި އެވެ. ފޮތުގެ އަހުލުވެރިން ތިމަންމެންނަށް ސަލާން ގޮވައިފި ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ. ދެން އެކަލޭގެ ފާނު ޙަދީސް ކުރެއްވި އެވެ. ވަ އަލައިކުމް ބުނާށެވެ."
ސަލާން ގިނަކޮށް އެކަކު އަނެކަކާއި އަތާއި އަތްޖޯޑުކޮށް ސަލާން ކުރުމަކީ އެކަކު އަނެކަކަށް ލޯބި އުފެދި މުޖުތަމަޢު އެއްބައިވަންތަ ވެގެންދާނެ ކަމެކެވެ.
ސަލާން ކުރުން ގިނަވެއްޖެ ނަމަ އަމާން ކަމާއި ސަލާމަތް ކަން ފެތުރިގެން ދާނެ އެވެ. އެއްބަޔަކު އަނެއްބަޔަކުދެކެ ލޯބިވެ އެއްބައިވަންތަ ވެގެން ދާނެ އެވެ. އެހެން ކަމުން ގައުމު އެއްބައިވަންތަ ތަނަކަށް ހަދާ އަމާން ތަނަކަށް ހެދުމަށްޓަކައި ސަލާން ކުރުން ގިނަ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.