އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ނިއު 2-1އިން ބަލިކޮށް ވިކްޓަރީ މުހިންމު ތިން ޕޮއިންޓް ހޯދައިފި އެވެ.
މި މޮޅާއެކު ވިކްޓަރީ ވަނީ ފަސް ވަނާގައިވާ ނިއުއާ ތިން ޕޮއިންޓް ކައިރިއަށް ޖެހިލައިފަ އެވެ. ނިއު އަށް 16 ޕޮއިންޓް ލިބިފައިވާއިރު ވިކްޓަރީ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ލީގުގައި ކޮންމެ ޓީމަަކަށް ބާކީ ފަސް މެޗު އޮތްއިރު އަށް ޓީމު ވާދަކުރާ ލީގުގެ ފުލަށްދާ ޓީމު ރެލިގޭޓްވާނެ އެވެ. ފަހަތުން ދެ ވަނަ ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމާއެކު ޕްލޭއޯފް މެޗެއް ކުޅޭށެވެ. މިހެންވެ މި ދެ ޓީމުގެ މެދުގައި ގަދަ ހަޔަކަށް އެރުމުގެ ވާދަވެރިކަން މިހާރު މިވަނީ ވަރަށް ބޮޑުވެފަ އެވެ. ޓޭބަލުގެ ފުލުގައި މިވަގުތު އޮތީ އަށް ޕޮއިންޓާއެކު ބީޖީ އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު 15 ވަނަ މިނިޓްގައި ޖެހީ ވިކްޓަރީގެ އަލީ އިފާޒެވެ. ނަމަވެސް ބަލްގޭރިޔާގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިނވަނޯފްގެ ފޮނުވާލުމަށްފަހު ގެނައި ސާބިއާގެ ކޯޗު ގޮނޑިބަރީގައި އިނދެ އިރުޝާދުދެމުން އައި ނިއުއިން އެއްވަރުކުރީ ފަހުހާފުގައި އިއްޒަތު އަބުދުލްބާރީ އެވެ. މެޗުގެ 58 ވަނަ މިނިޓްގައި އޭނާ ޖެހި މި ލަނޑަށް ފަހު ވިކްޓަރީ މޮޅުކޮށްދިން ލަނޑު 72 ވަނަ މިނިޓްގައި ޖަހައިދިނީ ނައިޖީރިއާގެ ފޯވަޑް އޮމްދޫ ގޮޑްފްރޭ ވެސްޓެވެ.
މެޗު ނިމެންދަނިކޮށް ވިކްޓަރީގެ ފުރުގާން އަށް ކީޕަރު ނެތީސް ހުސްކޮށް ލިބުނު ބޯޅަ ގޯލަށް ފޮނުވާނުލެވުނީ ނިއުގެ ޑިފެންޑަރުންގެ ސަބަބުންނެވެ.
ލީގުގައި މިރޭ ކުޅޭނީ އެއްވަނާގައިވާ މާޒިޔާ އާއި ހަތަރުވަނާގައިވާ ވެލެންސިއާ އެވެ. މާޒިޔާ އަށް 34 ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.