ހަބަރު

ސަރުކާރުގެ އިހްތިސާސް ނެތް ބިމެއްގައި ފެންފޯއް ރުކެއް!

Feb 25, 2015
3

ފެންފޯއް ރުއް ރާއްޖޭގައި މި ވަނީ ސިޔާސީ ވެފަ އެވެ. ސިޔާސީ ސިހުރާއި އެ ރުކާ ގުޅުން ހުރި ކަމަށް ބުނާތީ އެއް ބަޔަކު އަންނީ ހިންޏެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ، މަޖީދީމަގުގައި ހުރިނަމަ ހުރިހާ ފެންފޯއް ރުކެއް ބިމާ ހަމަކޮށްލި އެވެ. އޭގެ ފަހުން މާލޭގެ މަގެއްގެ މަތީގައި އޭގެ ރުކެއް ކޮޅަށް ހުންނަ ގޮތެއް ނުވެ އެވެ.

މާލޭ ސިޓީ ކައުންސިލުން އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު އިންދި ރުއްތައް ކަނޑާލީ ސަރުކާރުން ބޭނުންވެގެން ފުލުުހުންގެ ބަޔަކު ލައްވާ ކަމަށް މިހާރުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެކަމަކު ތުހުމަތެއް ނުކޮށް ޔަގީންކަމާ އެކު ބުނަން އެނގޭ ކަމަކީ ސިޓީ ކައުންސިލުން އަލުން އިންދި ރުއްތަށް ވެސް ހައުސިން މިނިސްޓްރީން ނެގި ކަމެވެ. ދެން ހާމަޔަށް އޮތް ކަމަކީ ސިޓީ ކައުންސިލުން ވެސް ފެންފޯއް ރުކަކުން ނުނެއްޓިގެން އުޅުނު ކަމެވެ.

ފެންފޯއް ރުކުގެ ސިޔާސީ ފޯރި ކެނޑިފައި ވަނިކޮށް މިފަހަރު އޭގެ ރުކެއް މި ޖެހީ ސަރުކާރުގެ އިހްތިސާސް ނުހިނގާ ބިމެއްގަ އެވެ. ރާއްޖޭގެ ސިޔާސި ކޮންމެ ކަމެއްގެ ތެރެއަށް ފުންމާލާ އިންޑިއާގެ ހައި ކޮމިޝަންގެ ގޯތި ތެރޭގަ އެވެ. އެ ރުއް ހުރީ އަމީރުއަހުމަދު މަގަށްވާ ގޮތަށް ހައި ކޮމިޝަންގެ ގޯތި ތެރެއިން ހުސް ދޭތެރެއެއްގަ އެވެ. ހަމަ ގައިމުވެސް މި ރުއް ކަނޑާލަން ބަޔަކު އުޅެފި ނަމަ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަރަށް ބޮޑު މައްސަލައެއް ޖެހޭނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުކޮށްފާނެތީ އިންޑިއާ ހައި ކޮމިޝަން ތެރެއަށް ވަދެވަޑައިގެން ދެ ހަފުތާއެއްހާ ދުވަހު އިންނެވިއިރު ވެސް ކޯޓު އަމުރުތައް ވެސް ފުލުހުންނަށް ތަންފީޒު ނުކުރެވުނީ އެތަނަށް ވަދެގަތުމަކީ ބައިނަލްއަގުވާމީ ބޮޑު ކުށެއް ކަމަށް ވާތީ އެވެ. ނަޝީދު އެތަނުން ނެރެން އިންޑިއާ އިން ބޭނުން ނުވީ އޭރު އޮތް، އިންޑިއާގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރު ލައްވައި ނުބައެއް ހައްދަން ކަމަށް ވެސް ވެދާނެ އެވެ.

ޚާރިޖީ ސިޔާސަތު އިންޑިއާ ރުހޭ ގޮތަށް ބައްޓަން ކުރާނެ ކަމަށް ވައުދުވާ އެމްޑީޕީގެ ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އެ މަނިކުފާނު ހައްޔަރު ކުރުމުން އިންޑިއާ ވަނީ ނުތަނަވަސް ވެފަ އެވެ. ސިޔާސީ ފަރާތްތަކާ އެކު ގެންގުޅޭ ހަމަހަމަ ގުޅުމެއް ކަމަށް ބުންޏަސް އިންޑިއާގެ އަމަލުތަކުން މިވީހާ ތަނަށް އެކަން ފެނުނު ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެހެންވެ މި ދަނޑިވަޅުގައި އިންޑިއާ އިން ފެންފޯއް ރުކަކުން އަނެއްކާ މި ދިނީ ވަރުގަދަ މެސެޖެއް ހެއްޔެވެ؟