އޮފްބީޓް

އަލަށް ފެނުނު ފަންޏެއްގެ ނަން އޮބާމާއަށް ހާއްސަ ކޮށްފި

Sep 15, 2016
1

އެމެރިކާގެ ސައިންސްވެރިންތަކެއް އަލަށް ހޯދި ފަންޏަކަށް އެ ގައުމުގެ ރައީސް ބަރަކް އޮބާމާގެ ނަން ދިން ހިސާބުން އޮބާމާގެ ނަން ހިއްސާކުރާ އާ މެންބަރެއް އެ އާއިލާއަށް އިތުރުވެގެން ދިޔައީއެވެ. މީގެ ކުރިންވެސް ބައެއް ބާވަތުގެ ޖަނަވާރުތަކަށާއި އިމާރާތްތަކާއި ތަކެއްޗަށް އޮބާމާގެ ނަމުން ވަނީ ނަން ދީފައެވެ.

މެލޭޝިއާއިން ފެންނަ ވެލާ ކަހަނބުގެ ބާވަތެއްގެ ފުއްޕާމެއަށް ގެއްލުންދޭ ނުރައްކާތެރި ފަންޏަކަށް އެ ފަނި ދިރާސާކުރި ސައިންސްވެރިން ދީފައިވަނީ ބަރަކްޓްރެމާ އޮބާމައި އެވެ. ދިގު ހިމަ ރޮދި ފަށެއްގެ ބައްޓަމަށް އޮންނަ އެ ފަންޏަށް އޮބާމާގެ ނަމާއި ގުޅުވައިގެން ނަން ކިޔާފައިވަނީ ފަނީގެ ތަފާތުކަމުން ކަމަށް ފަނި ދިރާސާކުރި ސައިންސްވެރިން ވަނީ ބުނެފަ އެވެ.

"އަހަރެމެންގެ 44 ވަނަ ރައީސްގެ ނަމުން ފަންޏަށް ނަން ދީފައިވަނީ މި ފަނީގެ އާދަޔާ ހިލާފު ނުވަތަ ތަފާތު ކަމުން، މިއީ ރައީސަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރެވުނު ވަރަށް ކުޑަ ކުޑަ ކަމެއް ކަން ޔަގީން،" ފަނި ދިރާސާކުރި ޓީމްގައި ހިމެނޭ، ވެލާ ކަހަނބުގައި އަށަގަންނަ ފަނިފަކްސައާ ބެހޭ ސައިންސްވެރިއެއް ކަމަށްވާ ޑރ. ތޯމަސް އާރް ޕްލެޓް ވިދާޅުވި އެވެ.

ބަރަކްޓްރެމާ އޮބާމައި އަކީ މެލޭޝިއާގެ ސާފު ފެނުގައި ދިރިއުޅޭ ވެލާ ކަހަނބުގެ ފުއްޕާމޭގައި އަށަގަންނަ ނުރައްކާތެރި ފަންޏެކެވެ. ބައެއް ފަހަރަށް މި ބާވަތުގެ ފަނީގެ ސަބަބުން އެތަކެތި މަރުވާން މެދުވެރިވެ އެވެ.

އަލަށް ދިރާސާކުރި ނުރައްކާތެރި ފަންޏަކަށް ރައީސް އޮބާމާގެ ނަމުން ނަން ދީފައިވާއިރު، މި ނޫނަސް ވަރަށް ގިނަ ތަކެއްޗަށް އޮބާމާގެ ނަމާއި ގުޅުވައިގެން ނަން ދީފައިވެ އެވެ. އޭގެ ތެރޭގައި ސްކޫލަކާއި، މަހަކާއި ބަގީޗާ ބޮޑެއްގެ އިތުރުން ފަރުބަދައެއް ވެސް ހިމެނެ އެވެ.