އަހުމަދު ރިލްވާން

ރިލްވާން މައްސަލާގައި ހިނގާނެ މަގެއް ހުޅުވިފައި!

Sep 15, 2016
16

ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުނުތާ ދެއަހަރު ވެގެން އެކަން އެކި ފަރާތްފަރާތުން ފާހަގަކުރީ ދާދި އިހަށް ދުވަހުއެވެ. އޭނާ ގެއްލުމުގެ މައްސަލަ ރާއްޖެގެ ބައެއް މީޑިއާތަކުން ސިފަކޮށްފައިވަނީ ނޫސްވެރިކަން ނައްތައިލުމަށް ރާވައިގެން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގަ އެވެ.

ދެ އަހަރުވެގެން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ އެމްބެސެޑަރު ކުރައްވާފައިވާ ޓުވީޓުން ވެސް ނޫސްވެރިކަމާއި އެކަމާއި ގުޅުވާފައިވާ މިންވަރު ދޭހަ ވެއެވެ. އޭނާގެ ޓުވީޓްގައި ލިޔެފައިވަނީ، ރިލްވާން އަށް ވީނުވީއެއް ނޭގިފައިވާތާ ދެއަހަރު ވެގެންގޮސްފައިވާއިރު ކްރެޑިބްލް އިންވެސްޓިގޭޝަނެއް ބޭނުން ވެއެވެ. އަދި މިނިވަން ނޫސްވެރިކަމަށް ވެސް ޖާގަދެވެން އެބަ ޖެހެއެވެ.

އެމްބެސެޑަރުގެ ޓުވީޓް ކިޔައި ނިމުމުން ހިތަށްވަނީ އިރާގާއި ދެކޮޅަށް މުޅިދުނިޔެއަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ހަނގުރާމަކުރި ދުވަސްވަރު އެމެރިކާގެ މަތިންދާ ބޯޓްތަކުން ސީދާ ނޫސްވެރިންގެ ބޮލަށް ބޮންއަޅައި ނޫސްވެރިން މަސައްކަތްކުރި ތަންތަނަށް ހަމަލާދީ ހަލާކުކޮށް އަދި ވައިޓް ހައުސްއިން އަލްޖަޒީރާ ނެރެ އެކުރި ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގައި އެމެރިކާ ސަރުކާރުން ހާސިލުކޮށްފައިވާ މުހިއްމު ލަނޑުދަޑިތަކެއްކަމެވެ. އެއީ އެމެރިކާއެވެ. ބުނާނީ ކީކޭ ހެއްޔެވެ؟

ރިލްވާން ގެއްލުމާއި ގުޅޭ ގޮތުން އަނގަމަތީގައި ޓޭޕް އަޅައިގެންނާއި އެކިކަހަލަ ބެނާތަކުގެ ދަށުގައި ބައެއް ނޫސްވެރިން ހިންގި ހަރަކާތްތަކަށް ވަރަށް ޝައުގުވެރިކަމާއެކު ބެލެއެވެ. އެކަން އެހެންވީ ކީއްވެގެންކަމާއިމެދު ހިތުގައި ހިނގާ ޝުއޫރުތައް ވަރަށް ގިނައެވެ.

ރިލްވާނަކީ ކާކު ހެއްޔެވެ. އޭނާ ގެއްލުމުން މުޒާހަރާކުރަން މަގުމައްޗަށް ނުކުމެ ދެ އަހަރުވީއިރު ވެސް މުޒާހަރާ ހުއްޓާނުލައިގެން އުޅެނީ ކީއްވެގެން ހެއްޔެވެ. ދޭތެރެއަކުން ޓީވީއަކުން ރިލްވާންގެ މަންމަގެ އަސަރުގަދަ އާދޭސްތައް އިވެން ފެށުމުން ވަރަށް ފުން އަސަރެއް ނުކުރާނީ ކާކު ހެއްޔެވެ؟

އެކި ފަހަރު މަތިން ރާއްޖޭގައި ޒުވާން ކުދިންނާއި މީހުން މަރާފައިވެއެވެ. ޑރ. އަފްރާޝީމް އަކީވެސް ލިއުންތެރިއެކެވެ. ޓީޗަރެކެވެ. ޚަތީބެކެވެ. އިމާމެކެވެ. ދީނީ އިލްމުވެރިއެކެވެ. ސިޔާސީ ބޭފުޅެކެވެ. ސަމާލުކަން މިފަދައަކުން ނުހުއްޓުނެވެ. ރިލްވާނާބެހޭގޮތުން އޭނާ މަސައްކަތް ކުރި ނޫހުން ލިބެންހުރި މައުލޫމާތުތައް ބެލިއިރު ވަރަށް މަދުން ޚިޔާލުފާޅުކޮށްފައި ލިޔެފައި ހުރިތަން ފެނެއެވެ. އެވެސް ބޮޑަށް ދީނީ ކޮންމެވެސް ކަމަކާއި ގުޅިގެންނެވެ.

ވެރިރަށް މާލޭގައި މި ހިނގާ ސިޔާސީ މައްސަލަތަކާއިމެދު ޚިޔާލުފާޅުކޮށްހަދާފައި ވަރަށް ނުހުރެއެވެ. ރާއްޖޭގެ ނޫސްވެރިން އެއްވާ ހަފްލާތަކުން ވެސް އޭނާ ފެނިފައިހުރި ކަމަށް ބުނާ ނޫސްވެރިން އެބަ ތިބިތޯ އެވެ. ނޫސްވެރިއެއްގެ ގޮތުގައި ސިޔާސީ އިވެންޓްތަކުގެ ތެރެއިން ވެސް އޭނާ ފެނުނު ނޫސްވެރިއެއް މަދުވާނެ އެވެ. ކިތަންމެ މަދުން ލިޔުނަސް އަދި އޭނާ ލިޔާ ލިޔުންތަކަކީ ސިޔާސީ ދެކޮޅުވެރިކަމާއި ގުޅުމެއް ނެތް ލިޔުން ތަކެއްކަމަށްވީ ނަމަވެސް އޭނާއަކީ މިނިވަން ނިއުސްގެ ލިއުންތެރިއެއްކަމަށް އެ ނޫހުން ބުނާތީ ނޫސްވެރިއެއްގެ ގޮތުގައި ބަލަމާ ހިނގާށެވެ.

ރިލުވާނަކީ ވަރަށް އެކަހެރި ދިރިއުޅުމެއް އުޅެމުންދިޔަ ކުއްޖެއްކަން އޭނާއާ ބެހޭގޮތުން މިނިވަން ނިއުސް އިން ހިންގި ތަހްގީގުންނާއި ފުލުހުން ހިންގި ތަހްގީގަށްފަހު މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގެއެވެ. ދިރިއުޅެމުންދިޔައީ ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ވަރަށް އެކަނިއެވެ. އޭނާގެ ޒާތީ ހަޔާތް އަދި އެހަޔާތުގައި ހިގާފައިވާ ކަންކަން ދަންނަ މާކަގިނަބަޔަކު ތިބިކަމެއް ނޭގެއެވެ. އޭނާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓްކުރީ އޭނާގެ ޚަބަރެއްނުވެގެން އުޅޭތާ ހަފްތާއެއްހާ ދުވަސްފަހުންނެވެ. އާއިލާއަށް ވެސް އޭނާ ގެއްލުނުކަން އެގުނީ ފަހުންނެވެ.

އެއަށްފަހު ފުލުހުން އޭނާ ހޯދުމަށް ފެށި ތަހްގީގާއިމެދު ހިތްހަމަ ނުޖެހިގެން މިނިވަން ނިއުސް އިން ބޭރުގެ ކަމުގެ މާހިރުންގެ ލަފަޔާއެކު ތަހްގީގެއް ހިންގައި މީޑިއާއަށް ބުނެފައިވަނީ ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ބަޔަކު ތިބިކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ. ފުލުހުންގެ ތަހްގީގުގައި ވެސް ތުހުމަތު ކުރެވޭ ބަޔެއްގެ ނަން ހާމަކުރިއެވެ. އެކަމަކު ރިލްވާނަށް ވީގޮތެއް ނޭގުނެވެ.

ރިލްވާނާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތައް އެންމެ ބޮޑަށް ގޮސް ގުޅުވާލަނީ ސަރުކާރުގެ ކޮންމެވެސް ބަޔަކާއެވެ. އެންމެ ބޮޑަށް އިނގިލި ދިއްކުރަމުންދިޔައީ ސަރުކާރުގައި އެއްއިރެއްގައި މާ ބާރު ގަދަކޮށް އުޅުއްވި އަހުމަދު އަދީބާއި އެވެ. އަދީބާއި ގުޅުވަން ދައްކާ ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް އަދީބާގުޅޭ ކޮންމެވެސް ސިއްރު ލިއުންތަކެއް ރިލުވާނާއި ހަވާލުކޮށްގެން އެ ލިއުންތަކުގެ މައްސަލާގައި ބަޔަކު ކުރިކަމެއް ކަމަށް ބުނާ ބުނުމެކެވެ. އެކަމަކު އެހާ ލޯޕްރޮފައިލް ކޮށް އުޅުނު ނޫސްވެރިޔަކާއި ނާޒިމްފަދަ ވަރުގަދަ ސިޔާސީ ބޭފުޅަކު ލިއުންތަކެއް ހަވާލުކުރަންވީ ކީއްވެބާވައޭ އަބަދުވެސް ހިތުގައި ސުވާލު އުފެދެ އެވެ. ސިޔާސީ ބޭފުޅަކު މައުލޫމާތެއް ލީކުކޮށްލަން ރިލުވާންއަށްވުރެ މާރަނގަޅު ލިންކު ހުންނާނެ އެވެ.

އެހެން ތިޔަރީއެއް ވެސް އޮވެއެވެ. ބައެއް ފިކުރުގެތެރޭގައި ދުވަސްކޮޅަކު އުޅެފައި ނުކުމެ އެކަންކަމާ ގުޅޭކަންކަމުގައި ލިޔަން ފެށުމުން ބަޔަކު ކުރި ކަމެއް ކަމަށެވެ. މި ތިޔަރީއަށް ވާހަކަ ދައްކާ މީހުން އަޒްލިފް ރައޫފް ކިޔާ މީހެއްގެ ނަން ކިޔައެވެ. ފަހުން އޭނާ ސީރިޔާއަށް ހަނގުރާމައިގެތެރޭގައި މަރުވެފައިވާކަމަށް ބައެއް ނޫސްތަކުގައި ލިޔެފައިވެއެވެ. އެކަމަކު މިއިން އެއްވެސް ތިޔަރީއެއް ސާބިތެއް ނުވެއެވެ.

ދައްކާ ވާހަކަތަކުން ދޭހަވަނީ ފުރަތަމަ ބުނެވި ދިޔަ ތިޔަރީ އަށެވެ. ރިލްވާނު ގެއްލުމާއި އަދީބާއި ގުޅުމެއް ނެތްކަމަށް އޭނާވަނީ ބުނެފައެވެ. އެއް އިރެއްގައި ވެސް ރިލްވާން ގެއްލުމާއި ފުލުހުންނާއި ނުގުޅުވައެވެ. އެހެންވެ އަދީބު ޖަލަށް ލުމާއިހަމައަށް ފުލުހުންނަށް ތުހުމަތު ކުރެވުނީ އެކަށީގެންވާ ތަހްގީގެއް ނުހިންގާ ކަމަށެވެ.

ސިޔާސީ މަސްރަހަށް މިހާރު އައިސްފައިވާ ބަދަލާއެކު ރިލުވާނަށް ވީގޮތުގެ ހަގީގަތް އެގޭނެ ހުރިހާ ދޮރެއް މިހާރު މިވަނީ ހުޅުވިފައެވެ. ރިލްވާނުގެ ސުވާލުގެ ޖަވާބު ދެވޭނެ ހަމައެކަނި ފަރާތަކީ އިނގިރޭސިވިލާތަށް އަރުވާލެވިގެން ތިބި އިދިކޮޅު ކޯލިޝަންގެ ބޭފުޅުންކަމަށް ހީވެއެވެ.

އަދީބު ޖަލަށްލުމުން އޭނާގެ މައްސަލަތަކުގައި ވަކާލާތުކޮށްދެއްވަން އެހުންނެވީ އެމްޑީޕީއަށް އެބޭފުޅާއި ސުވާލުކުރެއްވޭނެފަދަ ބޭފުޅެކެވެ. އަދީބާބެހޭ ލިއުންތަކެއް ނާޒިމް ދެއްވި ކަމަށްވަންޏާ ނާޒިމު ވެސް އެހުންނެވީ އިނގިރޭސިވިލާތުގައިކަމަށް ބުނާތީ އިވެއެވެ. އިނގިރޭސި ޖާސޫސުން ބޭނުން ކުރުމުގައި ވިޔަސް އަދި އިނގިރޭސި ސިޔާސީ ފަރާތްތައް ބޭނުން ކުރުމުގައި ވިޔަސް ވެރިކަމުގައި އޮތް ކޮންޒަވެޓިވް ޕާޓީއާއި އެމްޑީޕީއާއި އޮންނަ ވަރުގަދަ ގުޅުމުން ކިތަންމެ ރަނގަޅަކަށްވެސް މަގު އެއޮތީ ހުޅުވިފައެވެ.

އަނެއްކާ އަދީބަކީ އެ ކޯލިޝަންގެ ބައިވެރިއެއް ވެސް މެއެވެ. އެހެންވީމާ އަނގަމަތީގައި އަޅައިގެން އުޅޭ ޓޭޕްތައް ނަގާފައި ކޯލިޝަންގެ ބޭފުޅުންނާއި ސުވާލުކުރަން ޖެހެ އެވެ.

ސިޔާސީ ނަޒަރަކުން ވިސްނާލީމާ ހަދާންތައް ގޮސް ހުއްޓެނީ 2007 ވަނަ އަހަރުގެ ދުވަހަކަށެވެ. އައްޑުއަތޮޅު ހިތަދޫ ނާޒުކީގޭ ހުސައިން ސަލާހްގެ މަރުވެފައިވާ ހަށިގަނޑު މާލޭގެ ކަނޑުތޮށީގެ އެތެރެއިން މޫދުގައި އޮއްވާ ފެނިގެން ކުއްލިގޮތަކަށް މާލެތެރޭގައި ހުޅުފަޅައިގެން ދިޔައެވެ. ފުލުހުން އޭނާ މަރައިލީކަމަށް ތުހުމަތުކޮށް އެމްޑީޕީން މާލޭގައި ވަރަށް ބޮޑަށް މުޒާހަރާ ކުރިއެވެ. ވަޅުލަން ގެންދިޔައީމާ ގަބުރުސްތާނު ކައިރީގައިވެސް މުޒާހަރާ ކުރިއެވެ.

އެންމެފަހުން މުޒާހަރާތަކާހެދި، އޭނާގެ ހަށިގަޑު ވަޅުނުލެވި މޯޗަރީގައި ބާއްވާފައި ސިރީލަންކާއަށް ގެންގޮސް ހަށިގަނޑުފަޅައި ބަލައިހަދައިގެން ވެސް އެމްޑީޕީގެ ތުހުމަތަށް ބުރަދަން ލިބޭވަރުގެ ހެއްކެއް ނުލިބުނެވެ. އެވަރުންވެސް ދޫނުކޮށް މުޒާހަރާކުރިއެވެ. އެކަމުގައި ރައީސް މައުމޫން ސަރުކާރުގައި ނެގޯޝިއޭޓްކުރައްވަން އެންމެ އިސްކޮށް ހުންނެވި ޑރ. އަހުމަދު ޝަހީދު އެހުންނެވީ ނޫންތޯއެވެ. އިދިކޮޅު ފަރާތްތަކުން ހުސައިން ސަލާހުގެ ހަށިގަނޑުގެ ފޮޓޯތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ބޭރުގެ ސަރުކާރުތަކުން ރާއްޖެއަށް ކުރި ޕްރެޝަރު ޝަހީދަށް އެގިވަޑައިގަންނަވާނެއެވެ.

ހުސައިން ސަލާހުގެ މައްސަލާގައި މަގުމަތީގައި ހުއްޓާނުލައި މުޒާހަރާކޮށްކޮށް ތިބެފައި ރައީސްކަމަށް ނަޝީދު ހަމަ ހޮވުމާއެކު އެވާހަކަ އޮބިއްޖެ އެވެ. އޭގެފަހުން އެއްވެސް މީހަކު އެވާހަކަ ނުދައްކައެވެ. ހުސައިން ސަލާހް މަރުވިކަން ހަދާންހުރި މީހަކުވެސް ނެތީއެވެ. އެމައްސަލަ ތަހްގީގުކުރަން ނަޝީދު ކޮމިޝަނެއް ހެދި ހަދާނެއް ނުވެއެވެ. ނޫސްތަކުން ބަލައިގެންވެސް ފާހަގައެއް ނުކުރެވުނެވެ.

ކަންމިހެންދިމާވެފައި އޮތުމުން ސިޔާސީ ނަޒަރަކުން ވިސްނާލީމާ ހުސައިން ސަލާހުގެ މައްސަލަ ފަދަ މައްސަލައަކަށް ރިލްވާންގެ މައްސަލަ މިހާރު ހަދައިގެން އުޅެނީ ނޫންބާވައޭ ސުވާލު އުފެ އެވެ.

އެހެންނޫންނަމަ އަދީބާއި ނާޒިމާއި ސުވާލުކުރެވޭހާ ކައިރީގައި އުޅޭއިރު އެމީހުންނާއި ސުވާލު ނުކުރަންވީ ކީއްވެހެއްޔެވެ. އެމީހުންކުރެން އަހާވެސް ނުލައި ފޯކަސް މިހާރު އަނބުރުވާލާފައިވަނީ އެހެން ދިމާއަކަށެވެ. އަދި އެއީ ސަރުކާރަށް ޕްރެޝަރު ޖައްސާ ކަމަކަށް އެކަން ހެދުމަށް މަސައްކަތްކުރާތަން ދަނީ ފެންނަމުންނެވެ.