ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ގުޅޭ ގޮތުން ބޭރުގެ މީޑިއާތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތައް ދޮގު ކުރައްވާކަން ދޭހަވާ ގޮތަކަށް މިއަދު މައުމޫން ޓްވީޓެއް ކުރައްވައިފި އެވެ. މައުމޫން ވިދާޅުވީ، އެތައް ފަހަރަކު ބުންޏަސް ދޮގެއް ވަނީ ދޮގަކަށް ކަމަށެވެ. -- މީގެ ކުރިން ވެސް ރައީސް މައުމޫން ވަނީ ރައީސް ނަޝީދުގެ ވާހަތައް ދޮގު ކުރައްވާފަ އެވެ.
ބޭރުގެ މީޑިއާތަކަށް އިއްޔެ ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވަނީ މައުމޫންއާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. އެގޮތުން ނަޝީދު ވަނީ މައުމޫންއަށް މާފުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ސަރުކާރު ވައްޓާލުމަށް ދެ ބޭފުޅުން މަޝްވަރާކުރަމުންދާ ކަމަށް ވެސް އިއްޔެ ނަޝީދު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ރައީސް މައުމޫން މިހާތަނަށް ސީދާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް މިއަދު އެމަނިކުފާނު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ، "އެއް ފަހަރު ބުންޏަސް ތެދެއް ވާނީ ތެދަކަށް ކަމަށާއި އެއް ހާސް ފަހަރު ބުންޏަސް ދޮގެއް ވާނީ ދޮގަކަށް" ކަމަށެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މިއަދު ވިދާޅުވީ، ނަޝީދު ކުރައްވަމުން ގެންދަވާ ޓްވީޓްތަކާއި މީޑިއާތަކަށް ދެއްވާ އިންޓަވިއުތަކުގައި މައުމޫންއާ ގުޅޭ ގޮތުން އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށެވެ. އެފަދަ ދޮގު ވާހަކަތައް ފަތުރަނީ ފިތުނަ އުފެއްދުމުގެ ގޮތުން ކަމަށް އަލީމް ތުހުމަތުކުރެއްވި އެވެ.
އަލީމް ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ނަޝީދާ ދެމެދު އެއްވެސް ސިޔާސީ މަޝްވަރާއެއް ނުކުރެވޭ ކަމަށެވެ. ހަގީގަތާ ހިލާފު ވާހަކަތައް ނަޝީދު ދައްކަވަނީ މައުމޫންގެ އަގު ވައްޓާލަން ކަމަށެވެ.
މީގެކުރިން ވެސް ނަޝީދު ވަނީ އިދިކޮޅު އިއްތިހާދުން އެކުލަވާލައި އިންތިގާލީ ސަރުކާރެއްގައި މައުމޫން ބައިވެރިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި އެފަދަ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިކަން ވެސް ޕީޕީއެމް ވަނީ ދޮގުކުރި އެވެ. އޭރު ޕީޕީއެމްއިން ބުނީ ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް މައުމޫން ނުކުރައްވާނެ ކަމަށެވެ.
އޭގެފަހުން އަލް ޖަޒީރާއިން އާންމުކުރި ލިޔުމެއްގައި އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކާ ގުޅުމަށް، 100،000 ޑޮލަރު ދިނުމަށް މައުމޫން ނަޝީދުގެ ކިބައިން އެދިވަޑައިގަތް ކަމަށެވެ. އަދި އެންމެ މަދުވެގެން ވެސް 50،000 ޑޮލަރު ނަޝީދު މައުމޫންއަށް ދެއްވި ކަމަށް އަލްޖަޒީރާ އިން ވަނީ އެ ލިޔުމުގައި ތުހުމަތުކޮށްފަ އެވެ.
މިކަން މައުމޫނާއި ނަޝީދު ވެސް ވަނީ ދޮގުކުރައްވާފަ އެވެ. އެކަމާ ގުޅިގެން މައުމޫން ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމަށް ވެސް އަދި އެއްވެސް ސިޔާސ ފިކުރަކާ ގުޅުމަށް ވެސް ފައިސާގެ އަދަދެއް ހުށަނާޅުއްވާ ކަމަށާއި އެފަދަ ފައިސާގެ އަދަދެއް ލިބިފައި ވެސް ނެތް ކަމަށެވެ.